ads
ރެހެންދި ފްލެޓް
ނަޝީދަށް މުރައިދޫގެ، އުއްތަމަ ފަނޑިޔާރަށް ރެހެންދި އެޕާޓްމަންޓެއް ހަމަޖައްސައިފި
ގާނޫނަށް ގެނައި ބަދަލާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ރެހެންދި އެޕާޓްމަންޓް ކޮމްޕްލެކްސް އިން އެޕާޓްމަންޓެއް ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.


އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ  ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.

މުރައިދޫގެ އާއި ރެހެންދި ފްލެޓްގެ އެޕާޓްމަންޓަށް އެ ދެބޭފުޅުން ބަދަލުވުމުގެ ކުރިން ކުރަން ޖެހޭ މަރާމާތުތައް މިހާރު ދަނީ ކުރަމުންނެވެ.

އެ ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސަމުން ދަނީ ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އިސްލާހުކުރުމަށްފަހު އެވެ.

އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އިސްލާހުގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެދެބޭފުޅުން ނިސްބަތްވަނީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށެވެ.

މިވަގުތަށް މިދެބޭފުޅުންނަށް ގެތައް ހަމަޖެއްސެވީ ވަގުތީ ގޮތުންނެވެ. އަދި މިދެބޭފުޅުންނަށް ރަސްމީ ގެކޮޅުގެ ގޮތުގައި ދެ އިމާރާތެއް މާލޭގައި އެޅުމަށް ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ.

8%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
54%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް