
ރައީސް ނަޝީދުގެ ހަމަލާއާއި ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮޕް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިހާރު ހައްޔަރުކޮށް ތަހުގީގު ނިންމާ ދައުވާކުރުމަށް ފޮނުވާފައިވާ ހަތަރު މީހުންގެ އިތުރުން، ތުހުމަތު ކުރެވިގެން ހަ މީހެއްގެ މައްޗަށް ތަހުގީގު މިހާރުވެސް ހިންގަމުންދާ ކަމަށެވެ. އަދި އެމީހުން ވަނަވަރު ފުލުހުން މި ޕްރެސްގައި ވަނީ އާއްމުކޮށްފައެވެ.
ވަނަވަރު އާންމުކުރި މީހުންނަކީ:
- ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް،
- ކ. މާލެ، ކުދެހިގެ، އިސްހާގު
- ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ
- އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް
- ހއ. މުޅަދޫ ބަހާރުގެ، އަބްދުﷲ އަލި މަނިކު
- ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް
ސީޕީ ހަމީދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އާއި، ކ. މާލެ، ކުދެހިގެ، އިސްހާގު އާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް ކަމަށެވެ.
އޭގެ ތެރެއިން އަލީ ހައިޝަމްގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަން މަރުހާލާއިން ފޮނުވިފައިވާކަމަށާއި، އޭގެ ބޭނުމަކީ ތަހުގީގުގައި އޭނާއާއި ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ އެއްވެސް ކަމެއް އޮތްތޯ، ޕީޖީ އޮފީހާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުންކަމަށް ސީޕީ ހަމީދު ވިދާޅުވިއެެވެ.
ހައިޝަމް އަކީ ގޮއްވާލި ސައިކަލްގައި ބޮން ހަރުކުރުމަށް އަމަލީގޮތުން ބައިވެރިވި ފަރާތެވެ. އަދި އިސްހާގަކީ، ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހުރި އެއް ފަރާތުގެ އިތުރުން، އަދުހަމް ހަމަލާއަށް ތައްޔާރުކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާވެސް މެއެވެ.
އަދި ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ، އާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމްއަކީ ހަމަލާގައި އެކި ދައުރު އަދާކޮށްފައިވާ ދެމީހުންނެވެ. ހއ. މުޅަދޫ ބަހާރުގެ، އަބްދުﷲ އަލި މަނިކު އަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއްގެ އިތުރުން ބޮން ގޮއްވާލި އަދުހަމް ފިލުމަށް އޭނާ އެހީތެރިވެދީފައިވެއެވެ. މީގެ އިތުރުން ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އަކީ ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށް ކަނޑައަޅާ ރައީސް ނަޝީދަކީ މަރާލަންޖެހޭ މީހެއް ކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް މީހުން ވައްދާ ސެލްއެއްގެ ގޮތުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާވެސް މެއެވެ.
އެ ހަމަލާއާ ގުޅިގެން މީގެ ކުރިން ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން މިމަހުގެ 21 ވަނަ ދުވަހު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެެވެ.
ދައުވާ ކުުރަން ފޮނުވާފައިވަނީ، ބޮން ގޮއްވާލަން ރިމޯޓަށް ފިއްތި ވ. ތިނަދޫ 26 އަހަރުގެ އަދުހަމް އަހުމަދު ރަޝީދު އާއި، މއ. ފޭރުގެ 21 އަހަރުގެ މުޖާޒު އަހުމަދު އާއި، ގއ. ކޮނޑޭ، ފޮޅޭމާ، 32 އަހަރުގެ ތަހުމީން އަހުމަދު އަދި ލ. ގަން، ދުންފިނިއުފާ، 23 އަހަރުގެ އަހްމަދު ފާތިހު އެވެ.
އުމުރުން 26 އަހަރުގެ އަދުހަމްއަކީ އަތަމާ ޕެލެސްތެރޭ ފިލާހުރެ ބޮން ގޮއްވާލި މީހާއެވެ. 32 އަހަރުގެ ތަހުމީން އަކީ ހަމަލާ ދިނުމަށް ބޮން ހަރުކޮށްފައިވާ ސައިކަލްގެ ވެރިފަރާތުގެ އިތިރުން ސައިކަލްގައި ބޮން ހަރުކުރުމަށް ހަރަކާތްތެރިވެ، ހަމަލާގެ ސެލްގެ އިސް މީހެކެވެ. މުޖާޒު އަކީ ބޮން ގޮއްވާލި އަދުހަމް މާލޭގައި އެރޭ ފިލައިގެން ހުރުމަށް މަގުފަހިކޮށްދިން މީހާއެވެ. އޭނާ ވަނީ ހަަމަލާ ދިން އިރު އަދުހަމް ލައިގެން ހުރި ހެދުން ބަދަލުކުރުމަށް އެހީތެރިވެދިން މީހާވެސް މެއެވެ. އަދި ފާތިހު އަކީ ހަމަލާއަށްފަހު އަދުހަމް ފިލުމަށް ސައިކަލްގައި މުޖާޒް ކައިރިއަށް ގެންދިޔުމަށް ސައިކަލްގައި އައިސް އެހީތެރިވެދިން މީހާއެވެ.