ads
ރައީސް ސޯލިހް--
ދިވެހި މުޖުތަމައު މިއަދު ބޭނުންވަނީ، ޒާތީ ހަސަދައަށް ފާޅުގައި ނޫނެކޭ ބުނާބައެއް: ރައީސް
ދިވެހި މުޖުތަމައު މިއަދު ބޭނުންވަނީ، ދެކޮޅުވެރިކަމާއި ޒާތީ ހަސަދައާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖުތަމައުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތްކުރާ ބަޔެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހިޖްރައިން 1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ސޯލިހް ވިދާޅުވީ، މުސްލިމުން ގުނަމުން އަންނަ ހިޖްރީ ތާރީހަކީ، މުޅި އިންސާނިއްޔަތުގެ ތާރީހު ބަދަލުކޮށްލައި، ތަރައްގީއާއި ޙަޟާރަތުގެ އާ ފެށުމަކުން، މުޅި ދުނިޔެއަށް ދިރުން ގެނެސްދިން، ނަބަވީ ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ ތާރީހެއް ކަަމަށެވެ. 

އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ހިޖްރައާއެކު މަދީނާއިން އުފަންވެގެން އައީ، އޯގާތެރިކަމާއި ހަމްދަރުދީއާއި ލޯތްބާއި ކުލުނުގެ މަތީގައި ބިނާވެފައިވާ އިސްލާމީ އުންމަތެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެ މަތިވެރި ޒިކުރާއާ ގުޅުވައިގެން މުސްލިމުން ތާރީހު ޖަހަމުން އަންނަނީ، ނަބަވީ ހިޖްރައިން މުޅި އިސްލާމީ އުންމަތަށް ދައްކަވާފައިވާ މަތިވެރި ނަމޫނާތަކުން އިބްރަތް ހާސިލުކުރުމުގެ ބޭނުމުގައި ކަމަށެވެ. 

ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ، ރަޙިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން، އެންމެހައި މުސްލިމުންނަކީ، އިންސާނީ އަޚްވަންތަކަމާއި، މާތް اللهُގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަހްވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާކުޑަކުރެވި، ބައިބައިވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މި ކުޑަކުޑަ ދިވެހި މުޖުތަމައު ވެސް ބޭނުންވަނީ، ދެކޮޅުވެރިކަމާއި ޒާތީ ހަސަދައާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖުތަމައުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތްކުރާ ބަޔެއް ކަމަށް ރައީސް ވިދާޅުވިއެވެ. 

" އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުވެސް މިއަދު ބޭނުންވަނީ، އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު މުއާމަލާތުކުރާ ބަޔަކަށް. ދެކޮޅުވެރިކަމާއި ޒާތީ ހަސަދައާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖުތަމައުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށް. އިންސާފާއި ހައްޤަށް މަސައްކަތްކުރާ، އަދި ބޭއިންސާފާއި ބާޠިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބަޔަކަށް. ހިޖްރައިގެ މަތިވެރި ހާދިސާ އަޅުގަނޑުމެންނަށް ގޮވައިލަނީ، އެފަދަ ބަޔަކަށް މުސްލިމުން ވުމަށް" ރައީސް ސޯލިހް ވިދާޅުވިއެވެ.

ހިޖްރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، ކޮންމެ ފަރުދެއްގެ އިންސާނީވަންތަކަމަށް ހުރްމަތްތެރިކޮށްހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަން ކަމަށާއި، އަނެކުންގެ ފުރާނައާއި މުދަލަށް، ހަމަ ކޮންމެ މީހަކުމެ، ރައްކާތެރިކަމާއި އަމާންކަމާއި ހިމާޔަތް ދޭންޖެހޭނެ ކަން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އަނެކުންގެ އިންސާނީ ހައްޤުތައް ހިމާޔަތްކޮށްދީ، އެ ހައްޤުތައް ހޯދައިދޭން މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ މުސްލިމެއްގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. 

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، ހިޖްރީ އާ އަހަރަކަށް އުފަލާއެކު މަރުޙަބާ ކިޔާއިރު، ހިޖްރައިގެ މަތިވެރި ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، އަމަލީގޮތުން ތަންފީޒު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. 

ހިތޯބު ނިންމަވާލައްވަމުން ރައީީސް ވަނީ، މި ފެށުނު 1443 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަދި މުޅި އިސްލާމީ އުންމަތަށް، ހުރިހާ ގޮތަކުންވެސް، ހިތްހަމަޖެހުމާއި އުފާ ފާގަތިކަން ލިއްބައިދޭ އަހަރެއް ކަމުގައި ލެއްވުމަށާއި، އެއްބަނޑުއެއްބަފާކަމާއި އިސްލާމީ އަހްވަންތަ ގުޅުމުގެ މަތީގައި، ދިވެހި އުންމަތް ތާއަބަދަށް ލަހެއްޓެވުމަށާއި، އެންމެންގެ ހިތްތަކުގައި އަނެކުންނާމެދު ލޯތްބާއި އޯގާތެރިކަން ލައްވައި، ހިތްހެޔޮކަމާއި އެކުވެރިކަމުގެ މާޙައުލެއްގައި، ދިރިއުޅުމުގެ ހެޔޮ ތައުފީޤު ދެއްވުމަށް މާތް ﷲ އަށް ދުއާ ދަންނަވާފައެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް