ads
ސީލައިފްގެ އެމްޑީ އައްމަޓީ ---
ފިލާނެ ކަމުގެ ބިރު އޮންނާތީ ޝަރުތަކާއިއެކުވެސް އައްމަޓީ ބަންދުން ދޫނުކުރި
ހުޅުމާލޭގައި ފްލެޓް އަޅައިދޭން ބުނެ ގިނަ ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ އަތުލައި ފިލައިގެން އުޅެނިކޮށް މާލެ ގެނެސް ޝަރީއަތް ފެށިފައިވަނިކޮށް، ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ދޫކޮށްލި، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ޝަރުތުތަކާއެކު ވެސް ބަންދުން ދޫނުކުރުމަށް ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.  

އައްމަޓީގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް ހެދުމަށް 200 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީއެވެ. 

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރަން ފޮނުވައި، އޭނާ ބަންދުގައި ބަހައްޓާފައިވަނީ ހެއްކަށް ނުފޫޒު ފޯރުވާނެކަމަށާއި، މުޖުތަމައަށް ނުރައްކާވާ ކަމަށް ބުނެއެވެ. ނަމަވެސް މާލެއިން ފުރައިގެން ނުދިއުމަށް ޝަރުތުކޮށް ކްރިމިނަލް ކޯޓުން ޖޫން މަހުގެ 17ވަނަ ދުވަހު ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ.

އެ އަމުރު ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން އަންމަޓީއަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް ނިންމާ އޭނާ ހައްޔަރުކުރުމަށް ދައުލަތުގެ މައްޗަށް ހައިކޯޓުން އަމުރު ނެރުނެވެ.

އެ އަމުރުގެ ދަށުން ބަންދުގައި ހުރި އަންމަޓީގެ ބަންދު ރިވިއު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލާޒިމްކުރާތީ، ދައުލަތުން ބުދަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅަމުން އެދިފައިވަނީ އަންމަޓީގެ މައްޗަށް ހެކި ހުރުމުންނާއި ޕާސްޕޯޓް ހިފަހައްޓާފައި އޮތް ނަމަވެސް، އޭނާއަކީ ވަލުދޮރާށިން ވެސް ފިލައިގެން ގޮސްދާނެ މީހެއް ކަމަށް ވާތީ، ބަންދު ދަމަހައްޓައި ދިނުމަށެވެ.

އަންމަޓީ އެ ތުހުމަތުތައް ދޮގުކޮށް ކޯޓުގައި އެދިފައިވަނީ އިތުރު ޝަރުތަކެއް މަތިކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށެވެ. އެގޮތުން ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށް ނުވަތަ ކަފާލާތުގެ ދަށުން މީހަކު ޖާމިނުވެގެން ދޫކޮށްދިނުމަށް ވެސް އޭނާ އެދިފައިވެއެވެ.

އެ އެދުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވިދާޅުވީ އަންމަޓީގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު، ދޫކޮށްލައިފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލި، ކުށް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށާއި، ޝަރުތުތަކަކާއެކު ދޫކޮށްލި ނަމަވެސް އެ ޝަރުތުތަކަށް އައްމަޓީ އަމަލު ކުރާނެ ކަމަކަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން ބަންދުން ދޫކޮށްލައިފިނަމަ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން ގޮސްދާނެތީ އަންމަޓީ ބަންދުން ދޫނުކުރުމަށް ގާޒީ ނިންމާފައިވެއެވެ. ނަމަވެސް، 30 ދުވަހުން ފަހުން އަނެއްކާވެސް ބަންދު ރިވިއު ކުރާއިރު ހާލަތު ބަދަލުވެފައިވާނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން 280 މީހުންގެ އަތުން ފައިސާ ނެގި އެވެ. އަދި  ކޮންމެ މީހެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާއިރު، އެ ފަރާތްތަކަށް ފުލެޓު އަދި ފައިސާވެސް އަނބުރާ ލިބިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް