ސަރުކާރުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް ގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ދަށުން ނުވަ ޓަވަރެއް ހިމެނޭއިރު، މިޝްރޫއުގެ ދަށުން ތިން ކެޓަގަރީގެ ހައުސިން ޔުނިޓްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިން ޔުނިޓާއި، އެފޯޑަބަލް ހައުސިން، އަދި މިޑް ޓު ހައި ރޭންޖު ހައުސިން ޔުނިޓްތަކެކެވެ. އެ މަޝްރޫއުގެ މަަސައްކަތްތައް އަމަލީ ގޮތުން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 15ވަނަ ދުވަހުއެވެ.
އެ ރަސްމިއްޔާތުގައި އެ ޔުނިޓްތަކުގެ ބިންގާ އެޅުއްވާދެއްވުމަށްފަހު އެތަނުގެ އަގުތައް ވަނީ ހާމަކުރައްވާފައެވެ. އަދި އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވެސް ވަނީ އެ ހައުސިން ޔުނިޓްތަކުގެ އަގުތައް ހާމަކުރައްވާފައެވެ.
މިއަދު މި އަގުތައް ރަސްމީކޮށް އެޗްޑީސީން ހާމަކޮށް ބުނެފައިވަނީ މިހާރު ކުރިއަށްދާ ކައުންސިލް އަދި އެފޯޑަބަލް ހައުސިން ކެޓަގަރީގެ ޔުނިޓްތަކުގެ ފައުންޑޭޝަންގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް 2023 ގެ ކުރީކޮޅު އެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ކައުންސިލް ހައުސިންގެ 120 ޔުނިޓް އާއި އެފޯޑަބުލް ހައުސިން ޔުނިޓްގެ 220 އަދި މިޑް ރޭންޖު ހައުސިންގެ 660 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކައުންސިލް ހައުސިން ޔުނިޓް
ކައުސިލް ހައުސިން ޔުނިޓްގެ ގޮތުގައި 120 ހައުސިން ޔުނިޓް ހިމެނެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 60 ޔުނިޓް އާއި ތިން ކޮޓަރީގެ 60 ޔުނިޓް ހިމެނެއެވެ. ދެކޮޓަރީގެ 60 ޔުނިޓް ނިމޭއިރު އެތަންތަނުގެ ކުލި ހުންނާނީ 5،500ގައެވެ. އަދި ތިން ކޮޓަރީގެ 60 ޔުނިޓް ނިމޭއިރު ކުލީގެ އަގަކީ 7،000 އެވެ.
ކައުންސިލް ހައުސިން ޔުނިޓްތަކުގެ ފާހަގަކުރެވޭ އެއް ކަމަކީ ތަރައްގީކުރެވޭ ކޮޓަރިތަކުގެ ސައިޒުން ބޮޑުކޮށް އަދި ކުލި ކުޑަކޮށް ހުރި ތަންތަނަށް އެތަން ވުން ކަމަށް މީގެ ކުރިން މަބްރޫކް ވަނީ ވިދާޅުވެފައެވެ. އެހެން ހައުސިން ޔުނިޓްތަކާއި އަޅާބަލާއިރު، ހިޔާ ފްލެޓްތަކުގެ ކޮޓަރިތަކުގެ ސައިޒަކީ 586 ސްކައާ ފޫޓެވެ. މި ސަރުކާރުން ތަރައްގީކުރާ ދެ ކޮޓަރީގެ 60 ޔުނިޓްގެ ގޮތުގައި ކައުންސިލް ހައުސިން ޔުނިޓްތަކުން ދޫކުރެވޭ ސައިޒަކީ 650 އަކަފޫޓް އަދި ތިން ކޮޓަރީގެ ކައުންސިލް ޔުނިޓްތަކުގެ ސައިޒަކީ 800 އަަކަފޫޓްއެވެ.
އެފޯޑަބްލް ހައުސިން ޔުނިޓް
އެފޯޑަބްލް ހައުސިން ޔުނިޓްތަކަކީ ކުލިދައްކަމުން ގޮސް އަމިއްލަ ކުރެވޭގޮތަށް ސަރުކާރުން ހުޅުމާލެ ފޭސް1 އަދި ފޭސް2ގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓްގެ ތެރެއިން ދޫކުރާ ހައުސިން ޔުނިޓްތަކެެކެވެ.
މި ހައުސިން ޔުނިޓްތަކުގެ އަގުތައްވެސް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. އެގޮތުން އެފޯޑަބްލް ހައުސިން ޔުނިޓްގެ ގޮތުގައި، 120 ހައުސިން ޔުނިޓް ހިމެނޭއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ޔުނިޓް އާއި ތިން ކޮޓަރީގެ ޔުނިޓްތައް ހިމެނޭއިރު، ދެކޮޓަރީގެ ޔުނިޓް ނިމޭއިރު އެތަންތަނުގެ ކުލި ހުންނާނީ 8،600 ގައެވެ. އަދި ތިން ކޮޓަރީގެ ޔުނިޓް ނިމޭއިރު ކުލީގެ އަގަކީ 13،000 ރުފިޔާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެފޯޑަބްލް ހައުސިން ޔުނިޓްގެ ގޮތުގައި ހިމެނޭ ދެކޮޓަރީގެ ހައުސިން ޔުނިޓެއްގެ ސައިޒަކީ 650 އެވެ. އަދި ތިން ކޮޓަރީގެ ހައުސިން ޔުނިޓްގެ ސައިޒަކީ 900 އަކަފޫޓެވެ. އެޕޯޑަބްލް ހައުސިން ޔުނިޓްތަކަކީ ހަމަޖެހިފައިވާ ކުލި ދައްކަމުން ގޮސް ކުލި ހަލާސްކޮށް އެތަންތަނުގެ އޯނާޝިޕް ލިބޭގޮތަށް ތައްޔާރުކުރެވިފައިވާ ޔުނިޓްތަކެކެވެ
މިޑް ރޭންޖު ހައުސިން
މިޑް ލެވެލް ހައުސިންއަކީ ޕްރޮޖެކްޓް ހިންގާ ފަރާތުން ކަނޑައެޅިފައިވާ އަގުތަކަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޔުނިޓު ތަކެކެވެ.
މިޑް ރޭންޖު ހައުސިންގެ 660 ޔުނިޓްގެ ތެރޭގައި 750 އަކަފޫޓުގެ 160 އެޕާޓްމެންޓާއި، ތިން ރޫމުގެ 1000 އަކަފުޓޫޓުގެ 500 އެޕާޓްމެންޓެވެ. މިޑް ރޭންޖު ހައުސިން ޔުނިޓްތަކުގެ އަގުތައް އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު، އެ ތަންތަނުގެ ކުލީގެ އަގުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނެ ކަމަށް މަބްރޫކް މީގެ ކުރިން ވިދާޅުވިއެވެ.
މިއަދު އެޗޑީސީން ބުނީ ޑިވެލޮޕަރުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ މިޑް ލެވެލް ހައުސިން ޔުނިޓުތަކުގެެ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2400ރުފިޔާ އަށް ވުރެ ބޮޑު ނޫން އަގެއް ހަމަޖެއްސުމަށް އެއްބަސްވުމެއްގެ ދަށުން ކަނޑައަޅާފައިވާ ކަމަށެެވެ.
ސަރުކާރުން ހުޅުމާލެ ފޭސް1 އަދި ފޭސް2ގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓް މަޝްރޫއުއަކީ 2020ވަނަ އަހަރުގެ ނޮވެމްބަރު 20ވަނަ ދުވަހު އެޗްޑީސީއާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ސޮއިކުރެވުނު މަޝްރޫއުއެކެވެ. މިއަދު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުއަކީ ދިވެހި އަމިއްލަ ކުންފުންޏަކުން މިހާތަނަށް ހިންގާ އުމުރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުއެވެ.