ads
ވާހަކަ: ދިން އުފާ ލޯބިން
(19 ވަނަ ބައި)
(19 ވަނަ ބައި)

ޗެންނާއީގެ މޫސުން ރަގަޅު ދުވަސްވަރަކަށްނުވާތީ، މަގުތަކުގައި ހިނގާބިނގާވެ އުޅެން ފަސޭހައެއް ނޫނެވެ. ފަގީރު އަވަންތަކުގައި ހިނގާފައި އުޅުމުން، އެމީހުންގެ ދިރިއުޅުމުގެކަންކަން ހަމަލޮލުން ދެކިލުމަށް ފަސޭހަތަކެއް ލިބެއެވެ. ގިނަކަންކަން ތަޖުރިބާކުރުމުގެ ޝައުގުވެރިކަން ކޮންމެ ކުއްޖެއްގެ ކިބައިންވެސް ދިޔައީ ފެންނަމުންނެވެ.

ކުރެވުނު ބުރަ މަސައްކަތުން، ފާއިތުވެގެންދިޔަ ހަތަރު ދުވަހުވެސް، ހިތްދަތި މަންޒަރުތަކެއް ފެނިފައިވެއެވެ. ރެއާއި ދުވާލުން ތިންއިރު ބަނޑުހައިހޫނުކަން ފިލުވާލާނެ ރަގަޅު ކާއެތިކޮޅެއް ލިބޭނެ ތަނަވަސްކަމެއްނެތް އެތައް އާއިލާއަކަށް، މުސްކާންމެންގެ ޓީމުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ނަމަވެސް އެއީ ވަގުތީ އެހީތެރިކަމެކެވެ. އެކަށީގެންވާ ސިއްޙީފަރުވާ ލިބޭނެގޮތެއްނެތި، އުނުއޮރިޔާން ނިވާކުރެވޭނެ ފަދައެއްވެސް ނެތް ކިތަންމެ އާއިލާއެއްގެ ހިތްދަތި ވާހަކަތައް މުސްކާންގެ ކަންފަތުގައި ރައްކާކުރެވިފައި އެބަހުއްޓެވެ. މައިން ބަފައިންގެ ނިކަމެތިކަމުގެ ފައިދާ ނަގައިގެން ދަރީން ވަގަށް ނަގާފައިވާ ކިތަންމެ އާއިލާއަކާއި ބައްދަލުވެއްޖެއެވެ. ލޯބޯކޮށައިގެން ލިބުނު މަދު ފައިސާކޮޅުވަނީ، މަކަރާއި ހީލަތުން ވަގަށް ނަގާފައެވެ.

"ހިތައްއަރާ، މިތަނުން ކުއްޖަކު ގޮވައިގެންނޭ މާލެ ދާނީ.." ކުޑަކުޑަ ޖިފުޓިއަކުން ދުވެފައި ނިކުތް ކުއްޖަކުފެނުމުން، މުސްކާން ހުއްޓިލާފައި ބުންޏެވެ.

"އެންމެ ކުއްޖަކު ނުވަތަ ދެކުއްޖަކު ގެންގޮސްގެން އަހަރުމެންގެ މަޤްޞަދު ހާޞިލެއްނުވާނެ.. މި ތަނުން މިކުރާ ދިރާސާތަކުގެ އަލީގައި އެތައްކުއްޖެއްގެ ދިރިއުޅުން ބަދަލުކުރުމަށް އަހަރުމެންނަށް އެހީތެރިވެވޭނެ.. އެކަމުގެ ހިތްހަމަޖެހުން އަހަރެންގެ އެބައޮތް" ރުއުޔާ ބުނެލިއެވެ.

ތެދެކެވެ. އެހީގެ ފަންޑުތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވި އެކަންކަން ގެންދާނެ ގޮތްވެސް ޓީމުގެ ފަރާތުން މިހާރުވަނީ އެކުލަވާލާފައެވެ. ހުރިހައި ކަމެއްގައި އެންމެ އިސްދައުރެއް އަދާކުރަނީ މުސްކާންއެވެ.
ހަނިގޯޅިތަކުން ހިނގަމުން މުސްކާންގެ ޓީމް ދިޔައީ ކުރިއަށެވެ. ސާޅީސް ފަސްމިނެޓް ހިނގިއިރުވެސް ފައިވާޅުވެގެން އެތަން ދޫކޮށް އެހެން މިސްރާބަކަށް ދަތުރުފަށަންވެއްޖެކަމަށް އެއްވެސް ކުއްޖަކު ނުބުންޏެވެ. ދަބަހުގައި ގެންގުޅުނު ފެންފުޅިތައް ހުސްވާން ފަށައިފިއެވެ. ތިބެވުނު ހިސާބު ފާހަގަކުރާން ފަސޭހަވީ، އެހީތެރިވާނެ ޓީމެއް އެކުގައި އުޅުނީތީއެވެ.

"ދެން އޮތް މަންޒިލަށް އަހަރުމެންގެ ދަތުރުފެށުމުގެކުރީން މެންދުރުގެ ކެއުން ނިންމާލަންވާނެ... ދެން މިތަން ނިންމާލަންވީ.." ޅިނދުގައި އަތް ވިއްދާލާފައި މުސްކާން ބުނެލިއެވެ.

އެއާއެކު ވަށައިގެން ފެންނާން އޮތް މަންޒަރަށް ބަލައިލިއެވެ. ބާވެ ފޫގޮސްފައިވާ ޓިނުން ހިޔާކޮށްފައިވާ ޖިފުޓިތަކުން، ބައެއް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ބޯދިއްކޮށްގެން ތިއްބެވެ. މުސްކާންއަށް ބަލައިލެވުނީ، ހިމަހިމަ ދަނޑިތަކުން ފުޅަށް ހަދާފައި ސުތުލި ގޯނިން، އެތަންތަން ނިވާކުރުމަށް ދެތިން ފިރިހެނަކު ކުރަމުންދިޔަ އާދަޔާ ޚިލާފު މަސައްކަތަށެވެ. ދިއްގާގަހު ވަކައާއި، އޮށިފަދަ ތަކެތި އެމީހުންގެ ކައިރީގައި ހުއްޓެވެ. ކާބަފައިންގެ ޒަމާނުގައި ރަށްފުށުގައިވެސް އެފަދަ މަސައްކަތްތައް ކުރެވިފައި ހުރިކަން ތާރީޚީ ފޮޓޯތަކުން މިހާރުވެސް ފެނެއެވެ.

ހިނިތުންވުމަކާއެކު ދެއަތުގެ ބޮޑުވައި އިނގިލިން މުސްކާން އެމީހުންނަށް އިޝާރާތްކޮށްލީ، ކުރަމުންދިޔަ މަސައްކަތުގެ ފުރިހަމަކަމަށްޓަކައި އުފާކުރާކަމެވެ. ނަމަވެސް ހިތުގައި އޮތީ ރިހުމާއި، ހަމްދަރުދީއެވެ. ޔަގީންވާކަމަކީ، ގަދަ ވައި ރޯޅިއެއް އެރިކަމުގައިވިޔަސް، އެމީހުންގެ އެމަސައްކަތް ސުންނާފަތިވާނެކަމެވެ. މުސްކާންއާއި އެއްފަދައިން އެމީހުންނަށްވެސް އެކަން އިނގޭނެއެވެ. ނަމަވެސް އެނޫން އޮތެއް އެބައޮތް ހެއްޔެވެ؟

ފުންނޭވާޔަކާއެކު، މުސްކާން ބަލައިލީ އަމިއްލަ ދެފަޔަށެވެ. ބައެއްކުދިން ހޭންފެށިއެވެ.

"ކިހިނެއްވީ؟ މަ ބުނިންދޯ، މިސަރަހައްދަށް އަންނާނެކަމެއް ނެތޭ! އުޅެންޖެހޭނީ މިހާލުގައޭ.. ބަލާބަލަ ފައިވާނުގެ ވަދު..! މިވެސް މިއޮތީ ކަޅުކުލައިގައި.. ކަށިމައްޗާއި ހަމައަށް ޖީންސް އޮޅާފައި ބެހެއްޓިއަސް، ވީކަމެއް ހަރާން.. މިއޮތީ...! ޗީޑި.. ބަލާބަލަ!" ޗަކަ ބިންގަނޑުގެ ތެރެއިން ތަންކޮޅެއް ބާރަށް އިރާޝާގެ ފައި ހިއްލައިލެވުނީތީވެ، މިފަހަރު ޗަކަބުރީ، އޭނާލައިގެން ހުރި ޓޮޕްކޮޅަށެވެ. ފޮޅާލަން އުޅެނިކޮށް، އިތުރަން ހޭކުނީ މާބޮޑަށެވެ. އެންމެން އެކުގައި ހެމުން، ކުރިއަށް ހިނގައިގަތެވެ.

"އަސްލު މިތަނަށް އާދެވުނުކަން ރަގަޅު.. މެންދުރުކުރީގެ މަސައްކަތުން، ވަރަށްބޮޑު ބައެއް މި ކަވަރކުރެވުނީ.. މިހިސާބުން ނިކުމެ، ވިއްސަކަށް މިނެޓް ދުއްވާލައިގެން އަހަރުމެންގެ ދެން އޮތް މަންޒިލަށް ދެވޭނެ.. ހަތަރެސްފައި ދޮވެލެވޭނެ ގޮތެއް ފުރަތަމަ ހޯދަން ޖެހޭނީ" މުސްކާންގެ ނިންމުމަށް ފަޚުރުވެރިވާނެ ސަބަބެއް ބުނެދިނީ ހަސްނާއެވެ.

***

ޔަނާލްގެ ކޮންމެ ފޯންކޯލަކީ ދަރިފުޅުގެ މަސައްކަތާއި އޭނާގެ ކޮންމެ ހަރަކަތަކާއި ގުޅޭގޮތުން އެތައް ސުވާލެއް ކުރިމަތިކުރާ ވަގުތުކޮޅެކެވެ. ޔަނާލްގެ ހާސްކަން ފިލުވައިދިނުމަކީ ބައެއް ފަހަރު މުރުޝިދާއަށް އުނދަގޫ ކަމެކެވެ.

"ރޭންޖުނުލިބޭ ހިސާބަކަށް ދަންޏާ، އެތަނުން މުސްކާން އަންނާނެ އިރެއް މަންމަމެން އޮޅުން ނުފިލުވީ ކީއްވެ؟" ހިތްހަމަނުޖެހިފައި ޔަނާލް ސުވާލުކުރީ، ހެންދުނުން ފެށިގެން މުސްކާންގެ ޚަބަރެއް މުރުޝިދާއަށްވެސް ނުލިބޭކަމަށް ބުނުމުންނެވެ. މުޅިދުވަސް ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކަށެވެ.

***

"އަހަރެން ހަމަ އެއްގޮތަކަށްވެސް މުސްކާން ފޮނުވާކަށް ބޭނުމެއް ނޫން.. އެކަމަކު އޭނާ ބޭނުންކަންކަން ކުރުމަށްވެސް ފުރުސަތު ދޭންވާނެ ދޯ.. ހިތާއި ދެކޮޅަށް މިފޮނުވީ.. މިހާރު ހިތައްއަރާ ދާންވިއްޔޭ! އެކަމަކު މިވަގުތު ޗުއްޓީއެއްވެސް ނުލިބޭނެ" ޔަނާލްގެ ބޮލަށް އުނދަގޫވުމުން، ޝަރީފުއާއެކު ކޮފީއަކަށް ދިޔައީ ވާހަކަދައްކާލުމުން، އަލިމަގެއް ފެނިދާނެކަމަށް އުއްމީދުކުރެވޭތީއެވެ.

"މިހާރު އެމަންޖެ ބޮޑުވެއްޖެ ދޯ.. މިނިވަންކަން ދިނުމަކީވެސް މައިންބަފައިންގެ މައްޗަށް ދަރިންގެ ހިތުގައި އިތުރަށް ލޯބިއުފެދޭ ކަމެއް.. އަބަދު އަހަރުމެންގެ ލޯކުރިމަތީގައި ނުވެސް ގެންގުޅެވޭނެ.. އެދިޔައީ ވަރަށް ރަގަޅު ދަތުރެއްގައި.. ކެތްކޮށްލާ އަންނަންދެން.. ހުރިހާކަމެއްވެސް ރަގަޅަށް ދިއުމަކީ އަހަރެންގެވެސް ދުޢާ" ޝަރީފު މަސައްކަތްކުރީ، ޔަނާލްގެ ހިތްހަމަޖައްސައިދެވޭތޯއެވެ.

"މަންމައަކީވެސް ބައްޕައަކީވެސް ތިޔައީ.. އެހެންވީމައި ޔަނާލްގެ އިޙްސާސްތައް އަހަންނަށްވެސް ކޮންމެވެސް ވަރަކަށް އެނގެޔޭ ބުނެވިދާނެ " ނަޔާލްގެ މޫނަށް ބަލައިލަމުން ޝަރީފު ބުންޏެވެ.

ޔަނާލްގެ ލޮލުން ކަރުނަ ފޮހެލީ ދުރަށް ބަލައިލަމުންނެވެ. ތެދެކެވެ. އަސަރުކުރާނެއެވެ. މުސްކާން މިއަދު އެހުރީ، ފުރިހަމަ ޒުވާނެއްގެ ގޮތުގައެވެ. މަންމައަކާއި ނުލައި އެދަރިފުޅު ޔަނާލް ބޮޑުކުރި ހާލެއް އިޙްސާސްކުރެވޭނެ އެހެން އިންސާނަކު ނުހުންނާނެއެވެ. ދަރިފުޅުގެ ބަނޑުހައިކަން ފިލުވުމަށް، ބުއްފުޅި ނުދެވިގެން ކިތަންމެ ދުވަހަކު ޔަނާލް ރުއެވެ. މައެއްގެ ލޯތްބަށް އެދިއެދި ގިސްލެވޭ ހާލުގައި އެދަރިފުޅަށް ނިދުނީ ކިތައްދުވަހު ހެއްޔެވެ؟ އެ ހިތްދަތިކަމާއި އެ ވޭންތައް އެހެންމީކަށް ބަޔާންކޮށްދޭނެ ހިތްވަރެއް އަދިއަދަށްވެސް ޔަނާލްއަށް ނުލިބެއެވެ.

****

އިރުއޮއްސި އަނދިރިވެއްޖެއެވެ. ދުވަހުގެ މަސައްކަތްތައް ނިންމާލާފައި އެންމެ ލަސްވެގެންވެސް ހަގަޑިބައިވުމުގެ ކުރީން، މުސްކާންމެން ހޮޓަލަށް އާދެއެވެ. ނަމަވެސް މިރޭ ހަތެއްޖަހާ ބޮޑުވެއްޖެއެވެ. މުސްކާންގެ ފޯނަކަށް ނުގުޅެއެވެ. ޓީމުގެ އެއްވެސް ކުއްޖަކު އަދި އެނބުރި ނާދެއެވެ. މުރުޝިދާގެ ކަންބޮޑުވުން ފިލުވައިދެވޭތޯ ޒަމީލް މަސައްކަތްކުރިއެވެ. ހޮޓަލުގެ ބޭރުގައި ހައްދާފައިވާ ބަގީޗާއަށް މުރުޝިދާ ގޮވައިގެން ހިނގާލަން ނިކުތީވެސް ހާސްކަމުގެ ތެރެއިން ތަސައްލީއެއް ލިބޭތޯއެވެ.

***

"ވަރަށް ލަސްވެއްޖެ! ބަނޑުހައިވެސް ވެއްޖެ.. އަހަރުމެން ގެންގުޅުނު ސްނެކްސްވެސް ހުސްވެއްޖެ.. މިހިސާބުން ރަގަޅު ފެންފޮދެއްވެސް ގަންނަން ނުލިބޭނެ.. އެމީހުންނާއެކު ދެވުނުނަމަ ދޯ" އިރާޝާ ކަރުހިއްކުން ފިލުވާނެ ގޮތަކާއިމެދުގައި އޭނާ ވިސްނަމުންދިޔައެވެ. މޮޔަހީވެފައި އިނީ، އެމްބިއުލަންސަށް އެރުނީތީއެވެ.

"ހާސްނުވޭ.. ކޮންމެވެސް އަލިމަގެއް ފެންނާނެ.. މިވަގުތު ތި ވާހަކަ ނުދައްކާ.. ހަމަޖެހިލާ!" މުސްކާންގެ އަޑުގައި ހާސްކަން ނޫނީ ނުވެއެވެ. އަނދިރިމަގުތަކުން އެމްބިއުލަންސް ދުއްވަމުންދަނީ ނުހަނު ބާރަށެވެ. ނަމަވެސް ކުދިކުދި ގޯޅިތައް ހަނިވެފައި ޖާގަކުޑަކަމުން، އެސަރަހައްދުން ނިކުތުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ.

"އަސްލު އަހަރުމެން ކޮންމެހެން، ހޮސްޕިޓަލަށް ނުދިޔަޔަސް އޯކޭވާނެނޫންތަ؟ އެމީހުން ދިޔައިރު ހޮޓަލަށް ދެވުނުނަމަ..! އެތަނުގެ ފަރާތުންވެސް މީހަކު މީގައި އެބައިން.. މި ޕޭޝަންޓަށް އޭނާ ޒިންމާވާންޖެހޭނެ" ވަރަށް މަޑުމަޑުން އިރާޝާ ބުނެލިއެވެ.

'އެހެންމީހުން ދިޔައިރު، ތި ދެމީހުންވެސް ދާށޭ އަހަރެން ބުނީމެއްނުން.. އަހަންނަށް ކެތް ކުރެވޭނެ.. ރޯދައަށްވެސް ތިބެނީދޯ.. އެހެންގޮތަކަށް ބުނަންޏާ، މިމީހުންގެ ހާލަތު ހިތައް އަރުވާލާފައިވެސް އެންމެ ދުވަހަކު ކާއެތިކޮޅެއް ނުލިބި ތިއްބަސް، އަހަރުމެންގެ ގޮހޮރު ވަޔާއި ނުތެޅޭނެ ދޯ؟ ޔަގީނުންވެސް މަށަށް ކެތްވާނެ! އެކަމަކު މީހެއްގެ ފުރާނަ އިގްނޯރކޮށްލާފައި ގޮސް އަހަރެންގެ ކަރުން އެންމެ އެތިކޮޅެއްވެސް އެތެރެނުކުރެވޭނެ.. އެސްފިޔަތައް ލައްޕައިގެން ނިދާކަށްވެސް ކުޅަދާނައެއް ނުވާނެ.. މިތަނަށް ދިއުމަށްފަހުވެސް ތި މީހުން، ހޮޓަލަށް ދާންވީ.. އަހަރެން ދާނަން ތަންކޮޅެއް ލަހުން" މުސްކާންގެ އަޑާއި ރާގުން ދެން ތިބި ދެކުދިންގެ އަނގަ ބަންދުވިއެވެ. މުސްކާން ހިތްހަމަ ނުޖެހުނުކަން ޔަގީންވެއްޖެއެވެ.

****

އިރުއޮއްސުނީއްސުރެން ޝެނީން، ޝަރީފްއަށް ގުޅަނީއެވެ. ފޯނެއް ނުނަގައެވެ. މެސެޖްވެސް ކޮށްފިއެވެ. ޖަވާބެއް ނުދިނެވެ. ޝަރީފުގެ އެހީތެރިކަން ޝެނީން އަދިވެސް ބޭނުމެވެ. ކުރެވުނު ކުށަށް ތަކުރާރުކޮށް މަޢާފަށްވެސް އެދެފިއެވެ. ނަމަވެސް ޝަރީފުގެ އެއްވެސް އިޝާރާތެއް ނުލިބުނެވެ. އިތުރަށް ކަމަކު ކިޔާކަށް ދެން ޔަނާލްއަށް ގުޅާކަށް ނުކެރުނެވެ. ރަށަށް ދިއަޔަސް، ކުރެވޭނެކަމެއް ނޯންނާނެއެވެ. މަންމަ ވަރިކޮށްލާފައި ބައްޕަވެސް އެހެންމީހަކާއި އިނދެފިއެވެ. ޝެނީންގެ ހަގަށް ތިންބެއިން އެބަތިއްބެވެ. އެކުދިން ބެލުމުގެ ޒިންމާއާއި ޝެނީން ހަވާލުވާން ޖެހިދާނެކަމަށްޓަކައިވެސް އޭނާ ރަށަށް ނުދާނެއެވެ. ވިސްނާ ވިސްނާ ސިކުނޑި ހާސްވެއްޖެއެވެ. ޝަރީފުގެ ހަޔާތުން ޝެނީން ބޭރުކޮށްލިފަހުން ކިތަންމެ މީހަކާއި ރައްޓެހިވެ، ގާތްކަމެއް ބާއްވައިފިއެވެ. އެމީހެއްގެ އަމިއްލަ އެދުމެއް ފުއްދާލެވުމުން ކޮންމެ މީހަކުވެސް ޝެނީން ދޫކޮށްލަނީއެވެ. އެއިން މީހެއްގެ ފަރާތުން ޝެނީންއަށް ލިބުނު ކުޑަވެސް ފައިދާއެއް ނެތެވެ. ޝަރީފުއާއި ގާތްވާން ޖެހުނު ސަބަބު ފުތަރަމަ ދުވަހުން ފެށިގެން ބުނެނުދެވުނީތީ ޝެނީން މިއަދު ހިތާމަކުރެއެވެ.

***

އެކުވެރިންގެ ކަންބޮޑުވުންތައް މުސްކާންއަށް ކަމުނުދިޔައިއެވެ. ދަތުރުގައި ހަމަޖެހިފައިވާގޮތުން މުސްކާންގެ ޓީމް ދިރާސާކުރާން ހަމަޖެހިފައިއޮތީ، ކުޑަކުދީން ނުވަތަ ފުރާވަރު އުމުރުގެ ކުދީންގެ ދިރިއުޅުމުގައި ހުރި ދަތިތަކާއި އެމީހުންގެ މުސްތަޤްބަލަށް އެޅިފައިވާ ހުރަސްތަކެވެ. އަދި އެކަންކަން، ތަހުޒީބު ދުނިޔޭގެ ސަމާލުކަމަށް ގެނެސް، އަވަށްޓެރި ގައުމުތަކުގެ ހާލަތާމެދު މިހާރަށްވުރެން ބޮޑަށް ސަމާލުކަންދީ، އެކަންކަން ރަގަޅުކުރުމަށް ބާރުއެޅުމަކީ ދަތުރުގެ މައި މަޤްޞަދެވެ. ޓީމުގެ މާބޮޑު ދެކޮޅު ހެދުމެއް ނެތަތީވެ، ގެދޮރު ނެތި ދަތިހާލުގައި އުޅޭ، އަންހެނުންނަށް އެހީތެރިވާ މަރުކަޒަކަށް މިއަދު ދިޔައީއެވެ.

އެތަނުގެ ހާލަތަކީ، ދުވަހެއްގައިވެސް އެކުދިން އަޑުއަހާފައި ނުވާފަދަ ނިކަމެތިކަމެކެވެ. ފަގީރުކަމާއި ނަފުސުގެ ބަލިކަށިކަމަކީ އެމީހުންގެ އެންމެ ބޮޑު ބަލިމަޑުކަމެވެ. ތިން އިރު ކާއެތިކޮޅު ލިބޭކަމީ އެތަނުގެ ހިޔާވަހިކަމުގައި ތިބި ހާލުދެރަ އެތައް އަންހެނެއްގެ ނަސީބެވެ. ފަނޑު އަލިކަމުގެ ތެރެއިންވެސް، ބައެއްމީހުންގެ ހާލަތު ދެނެގަންނާން މާ ބޮޑު އުނދަގުލެއް ކުރިމައްޗަށް ނުވިއެވެ.

ވަކިވަކީން، މީހުންގެ ހާލު ބަލަމުންދަނިކޮށް މުސްކާންގެ ސަމާލުކަން ހުއްޓުނީ، ހިކި އަނަރޫފަވެ، ގުޑާލާނެ ވަރެއްވެސް ނެތިފައި، ބަލިއެނދުގައި ބާއްވާފައި އޮތް އަންހެނަކަށެވެ. ޚާއްޞަ އަޅާލުމެއް ނުލިބިއްޖެނަމަ، ދާދިއަވަހަށް މިދުނިޔެއަށް އޭނާގެ ފަހު ނޭވާ ދޫކޮށްފާނެކަމުގެ އިހްސާސް މުސްކާންއަށް ކުރެވުނެވެ. އެތަނުން، މައުލޫމާތު ލިބުނުކަންކަން މުސްކާން ގަބޫލެއް ނުކުރިއެވެ. ތިން ހަފްތާއިން އެއްފަހަރު ޑޮކްޓަރަކު އައިސް އެތަނުގެ އެންމެންގެ ހާލު ބަލައި، ޚާއްޞަ ފަރުވާ ބޭނުންމީހުންނަށް އެކަމުގެ އަޅާލުން ދޭނަމަ، އެ އަންހެން މީހާގެ ހާލު އެހާދަށަށް ހިނގައިދާނެކަމަށް ބުއްދިހުރި ސިކުނޑިއަކަށް ގަބޫލެއް ނުކުރެވޭނެއެވެ.

"ލޯ ހުޅުވާލާނެ ބާރެއްވެސް އެފަކީރުގައިގައި ނެތް" ދެރަވެލާފައި މުސްކާން ބުނެލީ، ބަލިމީހާގެ މޫނަށް ބަލައިލާފައެވެ.
"ގަބުރު ކަށިގަނޑެއްގައި ތުނި އުރައެއް ލައްވާފައި އޮތަސް، މި އަންހެން މީހާއަށްވުރެން ހާލަތު ރަގަޅުކަމަށް ބުނެވިދާނެދޯ" ޔަލްވީ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. އޭނާގެ މޫނުމަތީގެ ހާސްކަމާއި ނުތަނަވަސްކަމުން މުސްކާންއަށް އުނދަގޫވިއެވެ.

ތެދެކެވެ. މުސްކާންގެ ހިތުގައި ޖެހުނީ ބަލިމީހާގެ އަނަރޫފަ ހާލަތުގެ ސަބަބުންނެވެ. ލޯ ހުޅުވާލާނެ ބާރެއްވެސް އެހަށިގަނޑުގައި ނެތެވެ. މުސްކާންގެ ހަތަރެސްފައި ފިނިވެ، ގައިން ހީނބިހިނެގިއެވެ. އެންމެ ވިންދެއް ހުއްޓައިވެސް ފުރާނައެއްގެ ކަރާމަތް ކަނޑާލުމަށް އިންސާނަކަށް ގަބޫލުނުވެވޭނެއެވެ. އެހާލަތަށް ދިއުމުގެ ކުރީން، ރަގަޅު ފަރުވާއެއް ދެވެންޖެހޭނެކަމަށް މުސްކާން ގަބޫލުކުރާތީ، އެމަރުކަޒުގެ ވެރިންނާއި ބައްދަލުކޮށް، ބަލިމީހާގެ ޒިންމާއާއި ވަގުތުން ހަވާލުވީއެވެ. އެކަނި އުފުލޭވަރަށްވުރެން ބުރަބޮޑުކަމެއްކަންވެސް އިނގެއެވެ. ނަމަވެސް ފުރާނައެއްގެ އަގަށްވުރެން، މުހިއްމުކަމެއް މުސްކާންއަށް އެވަގުތު ނުވިސްނުނެވެ.

***

ޝަރީފުގެ ފޯނު އޮތީ ޑްރެސިންޓޭބަލް މަތީގައެވެ. ފުލުފުލުގައި ފޯނު އަންނަކަން އިނގޭއިރުވެސް ޝަރީފުގެ ފޯނުގައި އަތް ނުލައެވެ. ސައިލެންޓްކޮށްފައި އެއޮތީ ކުދިން ފިލާވަޅުތައް ހަދާގަޑިއަށްވެފައި އެކަމުން އުނގަދޫވާނެކަން އިނގޭތީއެވެ.

"މިރޭ ހާދަހާ ވަރަކަށް ފޯނު އަންނަ ރެއެއް؟ އޮފީހުންތަ؟" އެކޯލް އެކުރަނީ އޮފީހުން ނޫންކަން އެނގިހުރެ ނިޝާނާ ސުވާލުކުރިއެވެ. ގުޅަމުންއެދަނީ، ސޭވް ކޮށްފައިވާ ނަމްބަރަކުން ނޫނެވެ. އަޑުއިވޭކަމަށް ޝަރީފު ނުހެދުމުން ނިޝާނާ ފޯނުނެގިއެވެ. ފުރަތަމަވެސް އަންހެން އަޑެއް އިވުނީތީވެ، ނިޝާނާގެ މޫނުމަތިވެސް ހާސްކަން ފެނުނެވެ.

"ކާކު؟" ސުވާލުގައި ހަރުކަށި ގޮތެއް ހުއްޓެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފަން، ޝެނީން ތައްޔާރުވިއެވެ. ނިޝާނާއާއިބެހޭގޮތުން ޝަރީފުގެ ފަރާތުން އޭރު ޝެނީންއަށް އިވިފައިވަނީ މާ ރަގަޅު ވާހަކަތަކެއް ނޫނެވެ. ހަތިޔާރެއްގެ ގޮތުގައި އެވާހަކަތައް ބޭނުންކުރުމުން ކާމިޔާބެއް ލިދިދާނެކަމަށް ހީކުރެވުނެވެ.

"އަހަރެންގެ ނަން ބުންޏަސް، ނޭގިދާނެ.. ތަންކޮޅެއް ތިލަކޮށް ބުނެދެވޭތޯ ބަލާނަން.. އަހަރެންމީ ޝެނީން! އަހަރެން މިއީ، ކަލޭ ފިރިމީހާގެ ލޯބިވެރިޔާ" ނިޝާނާގެ ލޭ ހޫނުވެގެން ދިޔައެވެ. ބޮލަށް ހޫނުގަނޑެއް އެރިހެން ހީވިއެވެ. ދަތްކުނޑިވިކާލާފައި މުށްކަވާލި ވަގުތު ޝަރީފު ބަލައިލިއެވެ. ވެގެން އުޅެނީ ކިހިނެއްކަން އިތުރަށް ސާފުކުރަން ޝަރީފުއަށް ވަގުތުކޮޅެއްވެސް ނުނެގިއެވެ. ނިޝާނާގެ އަތުން ފޯނު އަތުލިއެވެ.

"އަހަރެން ނުދެކެން ކަލޭވަރުގެ ގޮތެއްފޮތެއް ނެތް އަންހެނެއް! އަހަރެންގެ އަންހެނުންނަކީ އަހަރެންގެ ފުރާނަ.. އެއީ އަހަރެންގެ ލޯބި.. ކަލޭހެން އަމިއްލަ އެދުމުގައި އަހަރެންގެ އަބުރު އޭނާ ނީލަމަށް ނުލާނެ ދުވަހަކުވެސް.. އެއީ އަހަރެންގެ ދެދުނިޔޭގެ ލޯބިވެރިޔާ! އެއީ އަހަރެންގެ ނިޝާނާ.. ދެވަނަ ދުވަހު މަގޭ އަންހެނުންނާއި ދިމާއަށް އެއްޗެއް ބުނެލައިފިއްޔާ، މަގޭ ނުލަފާކަން ދައްކާލާނަން.. މިކަން ހަނދާންކުރާތި! މީގެ ފަހުން މަގޭ ހިޔަނިފެންނަ ހިސާބަށްވެސް ގާތްވާން ހިތައް ނާރުވާތި!" ޝަރީފުގެ ކޮންމެ ލަފްޒެއް ނިޝާނާއަށް އުފާވެރިކަން ގެނެސްދިނެވެ. އަތުގެ ތެރޭގައި އަނބިމީހާ ހައްޔަރުކޮށްލަމުން، ޝަރީފު ލޯބިކޮށްލިއެވެ. އެއީ ކޮންމެ އަންބަކުވެސް އެފަދަ ވަގުތެއްގައި އެދޭނެފަދަ ލޮބުވެތިކަމެކެވެ.

"މާޒީއާއި ދޭތެރޭގައި ނުވިސްނާ! ނިޝާނާގެ ފުރާނަ ހުއްޓައި އެހެން އަންހެނެއް ގައިގައި އަހަރެން ނުބީހޭނަން" ޝަރީފުގެ ލޮލުން ފެނުނީ ނުހަނު ލޯތްބާއި އޯގާތެރިކަމެވެ.

***

ސައިރެންގެ ބާރުގަދަ އަޑާއެކު ސިޓީ ހޮސްޕިޓަލާއި އަރަހަމިއިރު، ބަލިމީހާ އުފުލާނެ ވަސީލަތްތަކާއެކު އެކަމުގެ މުފައްޒަފުންތިބީ ތައްޔާރީ ހާލަތުގައެވެ. ހީކުރިވަރަށްވުރެން މާހަލުވިމިނެއްގައި ބަލިމީހާއަށް ފަރުވާދެވެންފެށިއެވެ. ލިޔެކިޔުންތަކާއި ހަވާލުވެ، ސޮއިކުރުމުގައި މުސްކާންގެ ފިކުރެއް ޚިޔާލެއްނެތްތަން ފެނިފައި އެކުވެރިން ކަންބޮޑުވިއެވެ.

"ކާކުކަން ނޭގޭ މީހެއްގެ ތިޔަފަދަ ބޮޑުކަމެއްގައި މުސްކާން ޒިންމާނުވެބަލަ.. އަހަރުމެންގެ މަސައްކަތް މިހިސާބުން މިނިމުނީ.. ދެން ހިނގާ ދާން! މިހާރު ވަރަށް ލަސްވެއްޖެ.. ބަލިމީހާގެ ކަންކަން އެތަނުގެ ފަރާތުންވެސް، އަދި ހޮސްޕިޓަލުގެ ފަރާތުންވެސް ބަލަހައްޓާނެ" އިރާޝާ ބުނެލިއެވެ.

"އަހަރެން ދާނީ އަދި އިރުކޮޅަކު މަޑުކޮށްލާފައި.. ތި ދެމީހުން ދެން ދޭ.. މާމައާއި ކާފައަށް ބުނެދޭތި، އަހަރެންނަށް ނާދެވުނު ސަބަބު.. އެހެންނޫނީ ވަރަށް ކަންތައް ބޮޑުވާނެ.. ބުނެދެއްޗޭ، ބައްޕައަށްވެސް ގުޅާލައްޗޭ.. ހުރިހައި ކަމެއް ރަގަޅޭ ބުނާތި އިނގޭ" ހޮސްޕިޓަލުގެ ތެރެއަން ބަލައިލަމުން މުސްކާން ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ.

"ތިކަމެއްނުވާނެ..! މުސްކާން ބަހައްޓާފައި ދާކަށް މަށަކަށް ލާހިކެއްނޫނެ.. މިހާރުވެސް މާމައާއި ކާފަގެ ހާލެއް ނޭގެ! ޔަގީނުންވެސް ދެފައި އެއްތާގަ ނުޖަހާ، މުސްކާންގެ ޚަބަރެއްލިބޭތޯ އުޅޭނެ.. އަހަންނަކަށް ނުކެރޭނެ މުސްކާން ބަހައްޓާފައި ދާކަށްވެސް، އަދި މިތާގައި އިތުރަށް މަޑުކުރާކަށްވެސް" ހަސްނާގެ ވަރުބަލިކަން އޭނާގެ ދެލޯ ހެކިދެއެވެ. އިރާޝާއާއި ހަސްނާ މުސްކާން އާއި ގާތަށް ޖެހިލިއެވެ.

"ތިއީ ރަގަޅު ވިސްނުމެއް ނޫން" ހަސްނާ އުޅުނީ މުސްކާންއަށް ވިސްނައިދެވޭތޯއެވެ.

ނަމަވެސް މުސްކާން ބޭނުންވާ ގޮތް ބަދަލުނުކުރާނެކަން އެނގުމުން ދެކުދީން ވިސްނީ، މުސްކާން ބަހައްޓާފައި ހޮޓަލަށް ދިއުމަށެވެ. މާދަމާއަކީ އަރާމުކޮށްލުމަށް ހުސްކޮށްފައިވާ ދުވަހަކަށްވާތީ، ރަގަޅަށް ނިދާލަން ހުރިހައި ކުދިންވެސް ވަނީ ރާވާފައެވެ. ނަމަވެސް މުސްކާން ބަލައި އެކުދިން ހެނދުނު އަންނާންދެން، އެއްވެސް ތާކަށް ނުގޮސް، ހޮސްޕިޓަލުގައި މަޑުކުރުމަށް އިރާޝާ މަޝްވަރާދިނެވެ. ގޮތްނޭގޭ މާޙައުލެއްގައި ލިބިދާނެ ނުރައްކަލަކަށް ސަމާލުވުމަށް މުސްކާންއަށް ހަނދާންކޮށްދެމުން ދެކުދިން ހިގައްޖެއެވެ.

އެކަނިވުމުން މުސްކާން ވިސްނާލިއެވެ. ވަރަށް ވަރުބަލި ވެއްޖެއެވެ. ކަށިމައްޗާއި ހަމައަށް އޮޅާލާފައިހުރި ޖީސްއަށް ބަލައިލިއެވެ. ކަކުލާއި ހަމައަށް ކިސަޑުގެ ތިކިތައް ބުރާފައި ހުއްޓެވެ. ޖީބުގައި އޮތް މޮބައިލް ނަގާފައި ބަލައިލިއެވެ. އޭގައިވެސް ފުރާނައެއްނެތެވެ. މާޔޫސްކަމާއެކު ކޮނޑުގައި އޮތް ދަބަސް ނަގާފައި އޭގެތެރެއަށް ފޯނު ލިއެވެ. ބައްޕައަށް ނުގުޅިގެން މުސްކާން މާޔޫސްވެފައިވާވަރެއް އެހެން މީހަކަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. މާމައާއި ކާފައަށް އެކުދިންގެ ފަރާތުން ޚަބަރުލިބޭނެކަން ޔަގީނެވެ. ކޮނޑުގައި އޮތް ދަބަސް ނަގާފައި ބިންމަތީގައި ބަހައްޓާލިއެވެ. ބުރަކަށީގައި ރިއްސަމުންގޮސް އައްސިވީ ކޮންއިރަކު ކަމެއް ހަނދާނެއްވެސްނެތެވެ.

ލިބުނު ހިތްހަމަޖެހުމަކީ، ކުއްލި ހާލަތެއްގައިވެސް ބޭނުންކުރަންޖެހިދާނެކަމަށް ހަރުވާޅަކާއި ކޮޓްން ކުރުތާއެއް ދަބަހުގައި އޮންނާނެކަން ހަނދާންވުމެވެ. ބޭނުމެއް ފުއްދާލެވޭނެވަރުގެ ކުޑަ ތުވާލިކޮޅެއްވެސް ބެކްޕެކްގައި އޮންނާނެއެވެ. ވަރުބަލިކަމުގެ މައްޗަށް ހިތްވަރުގަދަކުރުމަށް މުސްކާން ބޭނުންކުރީ ހިނިތުންވުމެކެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލާފައި މުސްކާން ކައިރިކޮށްލީ، ނަރުހުންގެ ޖަގަހައަށެވެ. އެކުދިންނާއި ހިއްސާކުރަންޖެހޭ މައުލޫމާތަށްފަހު އެދިޔައީ ފާޚާނާއަށެވެ.

***

މުސްކާންގެ އެކުވެރިންގެ ފަރާތުން ލިބުނު މައުލޫމާތަށްފަހު މުރުޝިދާގެ ދެފައި އެއްތާގަ ނުޖެހެއެވެ. ކިތަންމެ ފަހަރަކު ޔަނާލްއަށް ގުޅައިފިއެވެ. މެންދަމުގެ މިގަޑީގައި ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. ހެނދުނުވަންދެން ތިބުންފިޔަވާ، އެހެންގޮތެއްނެތެވެ. މުސްކާންގެ ޖެހިލުންކުޑަކަމާމެދު ޔަނާލް ހައިރާންވިއެވެ. ދަރިފުޅަށް ރައްކާތެރިކަން ދެއްވުންއެދި މުޅިރޭ، ދުޢާކުރުމުގައި ޔަނާލް ހޭދަކުރާނެއެވެ.

***

ހާލުދެރަ ބަލިމީހާއަށް ލިބެންޖެހޭ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު ޑޮކްޓަރ ނިކުންނަވާ، ނަރުހަކާ ވާހަކަދެއްކެވިއެވެ. ދެން ވާހަކަދެއްކެވީ މަރުކަޒުގެފަރާތުން އައިސްހުރި މީހާއާއެވެ. ރަންޖަންގެ ތައާރަފް ޑޮކްޓަރަށް ދިނެވެ. ސީރިއަސް ވާހަކަތަކެއް ޑޮކްޓަރާއި އޭނާއާއި ދެމެދުގައި ދެކެވުނުކަން ޔަގީންވަނީ ދެމީހުންގެ މޫނުމައްޗަށް އަރާފައިބަމުންދިޔަ ކުލަވަރުތަކުންނެވެ.

ބަލިމީހާއާއި ހަވާލުވެގެން ހުރި، ރަންޖަން، އޭނާގެ އަތުން އިޝާރާތްކޮށްލީ މުސްކާންއަށެވެ. ފާރުކައިރީގައި ނަމާދަށް އިން އަންހެންކުއްޖާ ފެނުމުން ޑޮކްޓަރވެސް ހިނިތުންވެލިއެވެ. ހަމައެވަގުތު މުސްކާން ސަލާމްދިނުމަށްފަހު ތެދުވިއެވެ. ބަޔަކު ބަލަންތިބިކަން އިހްސާސްކުރެވިގެން، ބަލާލިވަގުތު ޑޮކްޓަރ އިޝާރާތްކޮށްލެއްވީ ގާތަށް އައުމަށެވެ. ހަމައެވަގުތު ޑޮކްޓަރަށް ފޯނެއްއައެވެ. އުއްމީދީ ހިނިތުންވުމެއް މުސްކާންގެ މޫނުމަތީން ރަންޖަންއަށް އެވަގުތުފެނުމުން، ނިއްކުރިމައްޗަށް ރޫއަރުވާލާފައި މުސްކާންއަށް ބަލައިލިއެވެ.

"ނަމާދުކޮށްލެވުނީމައި ވަރަށް ހިތްހަމަޖެހިއްޖެ" އިނގިރޭސިބަހުން މުސްކާން ބުނެލިއެވެ. މުޅިން ދޭހަނުވިޔަސް، ޖުމުލަ ގޮތެއްގައި އެބުނި އެއްޗެއް އެނގުނުކަން ރަންޖަންގެ އިޝަރާތުން ފާހަގަވިއެވެ.

ޑޮކްޓަރާއި މުސްކާން ފަރިތަކޮށް ވާހަކަދައްކަމުންދިޔައިރު، ނަރުހާއި އަދި ރަންޖަންވެސް އެދެމީހުންނަށް ބަލަމުންދިޔައެވެ. މުސްކާންއަކީ ތަޢުލީމީކުއްޖެއްކަމާމެދު އުފައްދާނެ އިތުރު ސުވާލެއް ނެތްކަން އެމީހުންނަށް އެނގިއްޖެއެވެ. މޫނުމަތީގެ ހިނިތުންމުވާއި، ލޮލުގެ އިޝާރާތްތަކުން އެކަން ފާޅުކޮށް ފެނުނެވެ.

ގިނަ ވާހަކަތަކެއް ދެކެވުނެވެ. މުސްކާން އެދުނީ އެންމެކަމަކަށެވެ. ފޯނު ޗާޖްކޮށްލެވޭނެ ގޮތެއް ވެދާނެތޯއެވެ. އެސުވާލުކުރުމަށް ހިތްވަރުލިބުނީ ޑޮކްޓަރ ގެނގުޅުނު އައިފޯން މުސްކާންއަށް ފެނުނީތީއެވެ. ދިގު ޑިއުޓީއަކަށް އަންނަމުން ޗާޖަރުގެނެސްފާނެކަމަށް ހީކުރެވުނީއެވެ. ކަންތައްވީވެސް އެހެންނެވެ. ފޯނު ޗާޖްކޮށްލުމަށް ނާރސްއާއެކު ދިއުމަށް އިޝާރާތްކުރިއެވެ.

ތިން ގަޑިއިރު ހޮސްޕިޓަލުގައި ހޭދަކުރެވުނުއިރު ދެފަހަރު ކޮފީވެސް ލިބިއްޖެއެވެ. ބައްޕައަށްވެސް ގުޅިއްޖެއެވެ. މާމާއާއި ކާފައާއިވެސް ވާހަކަދައްކާލެވިއްޖެއެވެ. އެމީހުންގެ ނުތަނަވަސްކަން ދުރުކޮށްދިނުމަށް އުޅެންޖެހުނު ހާލު، މުސްކާން ވަރުބަލިކޮށްލައިފިއެވެ. ގޮނޑިއެއްގައި އިނދެ، ފާރުގައި ބޯޖައްސައިލައިގެން އިރުކޮޅަކު ނިދާވެސް ލެވިއްޖެއެވެ. ސިއްސައިގެން ގޮސް ލޯހުޅުވާލެވުނީ ކަނދުރާއަށް ތަދުވެގެންނެވެ. ނިދިބަރުވެފައި ހުއްޓަސް، ދެކޮޅަށް ހިނގާލަމުން ކަނދުރާއަށް ލުޔެއް ލިބޭތޯ މަސައްކަތް ފެށިއެވެ.

***

ޔަނާލްގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. މުސްކާންއާއި ވާހަކަދައްކާލުމުންވެސް ހިތްހަމައެއް ނުޖެހުނެވެ. ނޭގޭފަދަ އުނދަގޫތަކެއްވަނީއެވެ. ނޭވާލާން އުނދަގޫވެ، ބޮލަށްވެސް ބަރުވަނީއެވެ. ހަތަރެސްފައި ފިނިވަނީއެވެ.

***

އުނދަގުލުން ނަމަވެސް ރަންޖަންއާއި ވާހަކަދައްކާލުމުން މުސްކާންއަށް ގިނަ މައުލޫމާތުތަކެއް ލިބިއްޖެއެވެ. ބަލިމީހާއާމެދު އިތުރަށް ހަމްދަރުދީ އުފެދިއްޖެއެވެ. އޭނާގެ ވާހަކަތައް އަޑުއަހާލުމަށް ކެތްތެރިކަން ކުޑަވެއްޖެއެވެ. މިހާރު އިންތިޒާރުކުރެވެމުންދަނީ، އިރުއަރައި ހެނދުނުވާނެ ވަގުތަކަށެވެ. ބަލިމީހާއާއި ބައްދަލުކޮށްލުމަށްއެދި މުސްކާންގެ ހިތް އަވަސްވަނީއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް