
އޭނާގެ ވާހަކަތައް މީހުންގެ މެދުގައި މިހާރު ދެކެވެނީ ސެލެބްރިޓީއެއް ނުވަތަ ޓިކްޓޮކް ތަރިއަކަށް ވީމަކާ ނޫނެވެ. މަންމަ ބުނެގެން ޖުލައި މަހުގެ ތެރޭގައި އާ ފެށުމަކުން ފަށަނީ ކަމަށް ބުނެ ބުރުގާ އަޅާ، އެއީ ޝިފާ އަމިއްލައަށް ވެސް ވަރަށް ބޭނުން ވެގެން ކުރި ކަމެއް ކަމަށާއި ބުރުގާ ބާލަން ބުރުގާ ނާޅާނެ ކަމަށް ބުނުމަށްފަހު ދެވަނަ ފަހަރަށްވެސް ބުރުގާ ބާލާ "އުބަށް ޖެހުމާއި" ގުޅިގެންނެވެ.
އިއްޔެ އިވުނީ ބުރުގާ އެޅިތާ އެއްމަސް ފަހުން އޭނާ އަލުން ބުރުގާ ބޭލި އަޑެވެ. މިއީ ބުރުގާ އެޅުމަށްފަހު އޭނާ ބުރުގާ ބޭލި ދެވަނަ ފަހަރެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ޝިފާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ބުރުގާ ނާޅާ މިރޭ އޭނާ ވަނީ ޓީވީ ޕްރޮގްރާމެއްގައިވެސް ބައިވެރިވެފައެވެ. އެ ޕްރޮގްރާމުގައި ބައިވެރިވި އާއްމުންގެ މީހަކު ވަނީ އޭނާ ބުރުގާ އަލުން ބޭލި ސަބަބާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.
ޝިފާ ބުނީ ބުރުގާ ބޭލީ "ދާއީމީ ކޮށް" ބުރުގާ ނުނަގާ ގޮތަށް އަޅަން ނޫނީ ބުރުގާ ނާޅަން ކަމަށެވެ. މިހާރު އެއްފަހަރު ބުރުގާ ބޭލިފައި ހުރުމުން އެކަން ދާއިމީކޮށް ކުރަން ވިސްނެންދެން ނޫނީ ބުރުގާ ނާޅަން ކަމަށް އަޒުމު ކަނޑައަޅައިގެން މިފަހަރު ބުރުގާ ބޭލީ ކަމަށް އޭނާ ބުނެއެވެ. އަދި ދެން ބުރުގާ އަޅަންޏާ އަޅާނީ ދާއިމީކޮށް ކަމަށް އޭނާ ބުންޏެވެ. އަދި މިފަހަރު ބުރުގާ ބޭލިއިރު ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށާއި ކުރުކޮށް ބުނާނަމަ ބުރުގާ ބޭލީ އުޅެންޖެހިފައި ހުރިގޮތުން ކަމަށް ޝިފާ ބުންޏެވެ.
ޝިފާގެ މިވާހަކަތަކާއިއެކު އާއްމުންގެ މީހާ ވަނީ، "އެކަމަކު ޝިފާ މީގެ ކުރިންވެސް ދެން ބުރުގާ ނުނަގާނަމޭ ބުނިން ނޫންތޯ؟" ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބުދެމުން އޭނާ ބުނީ އެންމެފަހުން ދިން އިންޓަވިއުއެއްގައިވެސް ބުރުގާ ނުނަގާވޭތޯ ވަރަށް ޓްރައި ކުރާނަމޭ ބުނިން ކަމަށާއި އޭރު އެހެން ބުނީވެސް ބުރުގާ ނުނަގާނެ ކަމާއިމެދު ޔަގީން ނުވާތީ ކަމަށެވެ. އަދި ބުރުގާ ނުނަގާނަމެކޭ ނުބުނަން ކަމަށް އޭނާ ބުނެފައިވެއެވެ.
ޝިފާ ބުނީ ވަރަށް ގިނަ މީހުން ހިތްހަމަ ނުޖެހޭ ކަންވެސް އެނގޭ ކަމަށާއި އެހެންނަމަވެސް ކޮންމެވެސް ދުވަހަކުން އެހިތްވެސް ބަދަލުވާނެ ކަމަށެވެ.
ބުރުގާ ނުނަގާނަމޭ ބުނެފައި ނުވާނެ ކަމަށް ޝިފާ ބުނިއިރު ބުރުގާ އެޅުމަށްފަހު ޝިފާ "ސީއެންއެމް"އަށް ދިން އިންޓަވިއުއެއްގައި ވަނީ މަންމަ ކިޔައިގެން ކުރި ކަމެއް ނަމަވެސް މިއީ ޝިފާ އަމިއްލައަށް ވެސް ވަރަށް ބޭނުން ވެގެން ކުރި ކަމެއް ކަމަށާއި ޝިފާ ބުރުގާ ބާލަން ބުރުގާ ނާޅާނެ ކަމަށް ވެސް ބުނެފައެވެ.
ސީއެންއެމްއަށް އޭރު ދިން އިންޓަވިއުގައި ޝިފާ ބުނީ ފުރަތަމަ ބުރުގާ އެޅިއިރު ވަރަށް ކުޑަ ކަމަށާއި އޭރު އުމުރުން ވާނީ ދިހަ ވަރަކަށް އަހަރު ކަމަށެވެ. އަދި އޭރު ބުރުގާ ބޭލީ އެއްވެސް ބައްޔެއްގެ ސަބަބުން ނޫން ކަމަށާއި އަމިއްލަ ދިރިއުޅުން ހުރި ގޮތުން އަމިއްލައަށް ބޭނުންވުމުގެ ސަބަބުން ކަމަށެވެ.
އޭރު ޝިފާ ބުނީ އަލުން ބުރުގާ އަޅަން ވިސްނާ ތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި އެއީ ޝިފާގެ މަންމަ ވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ބުރުގާ އަޅައިގެން އުޅުނު ނަމަވެސް ޝިފާ ކުރާ ކަންތައް ޝިފާއަށް ކުރެވޭނެ ކަމަށް މަންމަ ބުނި ކަމަށާއި ބުރުގާ އެޅީ މަންމަ އަށް ވީ ޕްރޮމިސްއަށްޓަކައި، ޝިފާ މަންމަ އަށް ކޮށްދިން ކަމެއް ކަމަށް ޝިފާ އޭރު ބުނެފައިވެއެވެ.
ޝިފާ ބުރުގާ އެޅި ހަބަރާއެކު ގިނަ ބަޔަކު ޝިފާއަށް ތައުރީފްކުރިއެވެ. ބުރުގާ އެޅުމަށް ފަހު ބުރުގާ ނާޅާ ޓިކްޓޮކްތައްވެސް އޭނާ ވަނީ ޑިލީޓްކޮށްލާފައެވެ. އެހެންނަމަވެސް އޭގެފަހުންވެސް ނަށާފައި ޓިކްޓޮކްލާތީ ފާޑުކިޔުން ވެސް އަމާޒުވެގެންދިޔަ އެވެ. އަދި މީގެ ކުރިން ވެސް ބުރުގާ ބޭލިގޮތަށް އަލުން އަދި ބުރުގާ ނަގާ ހިސާބަށް ދާނެ ކަމަށް ބުނެވެސް ވަރަށް ގިނަ ބަޔަކު ދިޔައީ ފާޑުކިޔަމުންނެވެ. މިފަހުން ޝިފާ އާއި މަޝްހޫރު ފިލްމީތަރި ޒީނަތު ބައިވެރިވި ޝޯއެއްގެ ތެރެއިން ޒީނަތުވެސް ވަނީ ޝިފާ ބުރުގާ އަޅަން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި، އެ ނިންމުމުގައި ސާބިތުވެގެން ހުރެވޭތޯ ބަަލަން އެދިފައެވެ.
އެކަމަށް ޖަވާބުދެމުން ޝިފާ ބުނީ، މަސައްކަތް ކުރަނީ ހުރެވޭތޯ ކަމަށާއި، ކޮންމެ މީހަކަށްވެސް ކުރެވޭނީ މަސައްކަތް ކަމަަށެވެ. ކަމެއް ކޮށްފަ އެއޮންނަ ގޮތަަކަށް އެކަމެއް ނުހިފެހެއްޓެންޏާ އެކަމެއް ނުކުރުން މާ ރަނގަޅޭ މީހުން ބުނާކަމަށާއި، އެހެންކަމުން ބުރުގާ އަޅައިގެން ކުރިއަށް މިއޮތް ދުވަސްތަކުގައިވެސް ހުރެވޭތޯ ވަރަށް މަސައްކަތް ކުރާނަން ކަމަށް އޭރު އޭނާ ބުނެފައިވެއެވެ.