ads
ރ. ދުވާފަރު ސިއްހީ މަރުކަޒު ކައިރިއަށް ގިނަ ބަޔަކު އެއްވެފައި- ފޮޓޯ: ސީއެންއެމް
ދުވާފަރު ލޮކްޑައުން ކުރަން އެޗްޕީއޭ ދެކޮޅު ހަދައިފި
ރ. ދުވާފަރުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ރަށް ފުރަބަންދުކުރަން ބޭނުންވެގެން ދުވާފަރުން ހުށަހެޅި ހުށަހެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ދެކޮޅު ހަދައިފި ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

ދުވާފަރު ކައުންސިލުން ވާހަކަ ދެއްކި ބޭފުޅަކު ސީއެންއެމް އަށް ވިދާޅުވީ، ރަށުގެ ހާލަތު ގޯސްވާތީ ރަށް 14 ދުވަހުގެ މުއްދަތަށް ނަމަވެސް ލޮކްޑައުންކުރަން ކައުންސިލުން ވެސް އަދި އާންމު ބައެއް ރައްޔިތުންވެސް އެދުމުން އެކަމަށް އެދި އެޗްޕީއޭ އަށް ލިޔުމަކުން އެންގި ކަމަށެވެ.

އެހެން ނަމަވެސް އެޗްޕީއޭއިން ރަށް ލޮކްޑައުންކުރަން ނިންމާފައިނުވާ ކަމަށާއި ޖަވާބުގައި ދުވާފަރުން ނަގާ ރެންޑަމް ސާންޕަލްތަކުގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ މީހުން މަދު ވުމާއި އެހެނިހެން ބައެއް ސަބަބު ހުރުމުން ލޮކްޑައުންއަކަށް ދާން ނުޖެހޭނެ ކަމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލޮކްޑައުން އަކަށް ދާން ނުޖެހޭ ކަން ފާހަގަކޮށް އެޗްޕީއޭ އިން އެންގި އެންގުމުގައި އަންނަ މަހުގެ ތެރޭގައި ރަށުގެ އާބާދީގެ 65 ޕަސެންޓަށް ވެކްސިން ފުރިހަމަ ކުރެވޭނެ ކަމަށާއި އެރަށުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ހައި ރިސްކު މީހުން މަދު ކަމަށް ބުނެފައިވާ ކަމަށް ދުވާފަރު ކައުންސިލުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

“ރަށުގެ ގިނަ ބަޔަކުވެސް އެދުނު ލޮކްޑައުންއަކަށް ދާން، އަޅުގަނޑުމެންވެސް ބޭނުންވި 14 ދުވަހުގެ މުއްތަކަށް ނަމަވެސް އެއްކޮށް ލޮކްޑައުންކޮށްލަން. ސަބަބަކަށްވީ އޭރުން މިހާރަށް ވުރެން ރަށުތެރޭ ހެލިފެލިވެ އުޅޭ މީހުން މަދުވާނެ ކަން. އެކަމު އެޗްޕީއޭ އިން އެގޮތަށް އަމަލު ކުރަން ބޭނުމެއް ނުވި” އޭނާ ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ، ކޮވިޑްގެ ރާޅު ދުވާފަރަށް ބިންދާލިއިރުވެސް އެރަަށުގެ ސިއްހީ ހާލަތު ދަށް ކަމަށާއި ބައެއް ވަސީލައްތައް ހޯދުމުގައި އާންމުންނަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އެހެން ކަމުން އެފަދަ ކަންތައްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދެއްވާ ހައްލެ ލިބިގެންދާ މަންޒަރު ފެންނަން ވެސް ބޭނުންވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަށުގެ ކޮވިޑް ހާލަތާއި ގުޅޭ ގޮތުން އެރަށުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް އެދި ބުނީ، ރަށުގައި ކޮވިޑް އަދިވެސް ބާރަށް ފެތުރޭތީ މާޔޫސްވާ ކަމަށާއި ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

“ބައެއް ފަހަރު އެބަ ފެނޭ އާންމުން ހަމަ ފަރުވާކުޑަ ކުރާތަން. ކައުންސިލުންނާއި ޓާސްކްފޯސް އިން އެޗްޕީއޭގެ ބަހެއް ހޯދައި އަޅާފަހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން އެބެ ޖެހޭ ކަމަށް ގަބޫލު ކުރަނީ، އަޅުގަނޑުމެންނަށް އޯކޭ ލޮކްޑައުންއަކަށް ގޮސްގެންވެސް މި އަދަދު މަދުވެ އަވަހަށް މިކަމުން ސަލާމަތްވަނިކޮށް”އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ރަށުގައި ބަންދުވެފައި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހިފައިވާ ކަމަށެވެ. އަދި އެ ބަލިން ސަލާމަތްވާން އެންގި ހުރިހާ އެންގުމަކަށް ތަބާވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދުވާފަރު މޮނިޓަރިންގައި އޮންނަތާ ތިން މަސް ވެގެންދިޔަ އިރު އެރަށް ސަލާމަތުގެ އައްސޭރި އަކަށް ދާނެ ދުވަހެއް ބުނަން އަދި ދަތި ކަމަށް މައުލޫމާތު ދެއްވިއެވެ. އެރަށުގެ 1074 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ނިމިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް