ads
އަފްގާނިސްތާންގެ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ސަޔެދު ސަދާތު، އޭނާގެ ޑެލިވަރީ ޔުނީފޯމާ ކިޓުގައި- ފޮޓޯ: ރޮއިޓާސް
އަފްގާނިސްތާން ކުރީގެ މިނިސްޓަރެއް، މިހާރު އުޅެނީ ޖަރުމަނުގައި ޑެލިވަރީ ކުރުމުގައި!
ސަޔެދުު ސަދާތުގެ ވާހަކަ ދެކެވެން ފެށި، އޭނާ މަޝްހޫރުވާން ފެށީ އޭނާގެ އުފަން ގައުމު ކަމަށްވާ އަފްގާނިސްތާނަށް ކުރިމަތިވަމުންދާ މުސީބާތްތަކާ ހެދިއެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ޖަރުމަނު ވިލާތަށް ހިޖުރަ ކުރުމުގެ ކުރިން ސަޔެދު ސަދާތު އަކީ އަފްގާނިސްތާން ސަރުކާރުގެ ކޮމިއުނިކޭޝަންސް މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާ ބުނީ ޖަރުމަނަށް ބަދަލުވީ ރަނގަޅު މުސްތަގުބަލެއްގެ އުއްމީދުގައި ކަމަށެވެ. 

މިހާރު އޭނާ އަކީ އިރުމަތީ ސިޓީއެއް ކަމަށްވާ ލެޕިޒިގްގެ ޑެލިވަރީ މޭން އެކެވެ.

އޭނާ ބުނީ ދެ އަހަރުވަންދެން ސަރުކާރުގެ މަތީ މަގާމެއްގައި ހުރުމަށް ފަހު މިހާރު މިކަހަލަ ވަޒީފާއެއް އަދާކުރާތީވެ އަފްގާނިސްތާނުގައި އޭނާއަށް ފާޑުކިޔާ މީހުން އުޅޭ ކަމަށެވެ. ނަމަވެސް މިވަގުތު އޭނާއަށް ވަޒީފާއެއް ވަނީ ހަމަ ވަޒީފާއަކަށެވެ.

"އަަހަރެންނަށް ކުށްވެރިވާ ކަހަލަ އެއްވެސް އިހުސާސެއް ނުކުރެވޭ" އަފްގާނިސްތާންގެ އިތުރުން އިނގިރޭސި ވިލާތުގެ ރައްޔިތުކަންވެސް އޮންނަ ސަޔެދު އޮރެންޖު ކުލައިގެ ޔުނީފޯމެއް ލައިގެން ބައިސްކަލެއްގެ ކުރިމަތީ ހުރެގެން ބުނެއެވެ. 

އޭނާ އަފްގާން ސަރުކާރުން އިސްތިއުފާ ދިނީ ރައީސްގެ އަރިހުގައި އުޅުއްވާ ބޭފުޅުންނާމެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. 

"އަހަރެން ހީކުރަން އެހެން ސިޔާސީ މީހުންވެސް މި މަގުން ހިނގާނެކަމަށް،  އާންމުނާއެކު މަސައްކަތް ކުރުން، ހަމައެކަނި ފިލައިގެން އޮތުމުގެ ބަދަލުގައި."

ތާލިބާނުން އަފްގާނިސްތާން ހިފައިގަނެ މިހާރު ކުރިމަތިވަމުންދާ ކަންތަކާއެކު އޭނާގެ ވާހަކަތައް ވަނީ މަޝްހޫރުވެފައެވެ. 

އޭނާގެ އާއިލާއާ ރައްޓެހިންވެސް ތިބީ ގައުމު ދޫކޮށް ދިޔުމުގެ އުންމީދުގައެވެ. އެމީހުންނަކީވެސް މިހާރު ކުރިއަށްދާ މީހުން ބޭރުކުރުމުގެ ފްލައިޓްތަކުން ޖާގަ ލިބުމުގެ އުންމީދުގައި ތިބި އެތައް ހާސް މީހުންގެ ތެރެއިން ބައެކެވެ. 

އަފްގާނިސްތާނުން އެމެރިކާ ސިފައިން ފައިބަން ނިންމުމާއެކު ޖަރުމަނުން ހިމާޔަތް ހޯދުމަށް އެދޭ އަފްގާން ރައްޔިތުންގެ އަދަދު ވަނީ 130 އިންސައްތަ އިތުރުވެފައިވާކަމަށް ޖަރުމަނުގެ ފެޑަރަލް އޮފީސް ފޮ މައިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

ސަޔެދު އަކީ ދެ ގައުމެއްގެ ރައްޔިތުކަން އޮންނަ މީހަކަށްވާއިރު އޭނާއަށް އިނގިރޭސި ވިލާތުގައި ހުރުމުގެ ފުރުސަތުވެސް އޮތެވެ. އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ވެސް ހޭދަކޮށްފައި ވަނީ އެގައުމުގައެވެ. އޭނާ ޖަރުމަނަށް ބަދަލުވީ 2020 ވަނަ އަހަރުގެ ފަހުކޮޅު، އިނގިރޭސި ވިލާތް ޔޫރަޕިއަން ޔުނިއަންއިން ވަކިވުމުން އެ ފުރުސަތު ގެއްލުމުގެ ކުރިންނެވެ. 

އޭނާ ޖަރުމަނަށް ބަދަލުވާން ނިންމީ އިގްތިސާދީ ރަނގަޅު މުސްތަގްބަލެއް އޮންނާނެ ކަމަށް ބެލެވޭތީ އާ ދިގު މުސްތަގުބަލެއްގައި ޓެލެކޮމް އަދި އައިޓީ ދާއިރާގައި ލީޑިން ރޯލެއް އަދާކުރާނެ ގައުމެއް ކަމުގައިވާތީއެވެ. 

ނަމަވެސް އައިޓީ ބެކްގްރައުންޑެއް އޮންނަ ސަޔެދުއަށް ޖަރުމަނުގައި އޭނާ ތަޖުރިބާ ހުރި ދާއިރާއަކުން ވަޒީފާ ހޯދުންވީ ބޮޑު ގޮންޖެހުމަކަށެވެ. 

އައިޓީ އާއި ޓެލެކޮމިއުނިކޭޝަންސް ދާއިރާއިން ޑިގްރީއެއް އޮތް ސަޔެދު ހީކުރީ އެ ދާއިރާއިން އޭނާއަށް ވަޒީފާއެއް ލިބޭނެ ކަމަށެވެ. ނަމަވެސް ޖަރުމަން ނޭނގޭތީ، އޭނާއަށް އޮތް ފުރުސަތު ހަނިއެވެ. 

"އެންމެ މުހިއްމުވީ ބަހުރުވަ އިނގުން." އޭނާ ބުނެއެވެ. 

ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ޖަރުމަނު ލޭންގުއޭޖު ސްކޫލްގައި ހޭދަކުރާއިރު ހަ ގަޑިއިރު ވަޒީފާގައި ހޭދަކުރެއެވެ. 

"ފުރަތަމަ ދުވަސްކޮޅު ވަރަށް އުފާވި އެކަމަކު އުދަގޫ،" ޓްރެފިކް ބޮޑު ސިޓީއެއްގައި ބައިސްކަލް ދުއްވަން ކުރިމަތިވި ގޮންޖެހުން ކިޔާދެމުން ސަޔެދު ބުނެއެވެ.

"ގިނައިން ބޭރަށް ދިޔަވަރަކަށް އަދި ގިނައިން މީހުން ފެނުނު ވަރަކަށް، ގިނައިން ދަސްވާނީ." އޭނާ ބުނެއެވެ.

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް