ads
ފޮޓޯ:ޓައިމްސް އޮފް އައްޑޫ
މާލޭ މީހުންގެ ނިކަމެތި ކަމުގެ ބަދަލަށް ހުޅުމާލެ އިން ހިލޭ ގޯތި؟
މާލޭ ރަށްވެހިންނާއި ބައްދަލުކުރުމަށް ރޭ މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަތަކާއި ބެހޭގޮތުން ވާހަކަދައްކަވާ އެކަމުގައި ހުރި ކަންބޮޑުވާ ކަންކަމުގެ ވާހަކަތަށް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެންމެ ބާރަށް ދެއްކެވި ވާހަަކައަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިއްކާފައޮތް 240 ހެކްޓަރުގެ ބިމުން މާލޭ ރައްޔިތުންނަށް "ހިލޭ" ގޯތި ދިނުމަށް ގޮވާލާ ދެއްކެވި ވާހަކައެވެ.

އެގޮތުން މާލޭ ރައްޔިތުންނަށް ގެދޮރުގެ މައްސަލަތައް ހައްލުކޮށްދިނުމަށް ވަގުތީ ހައްލުގެ ގޮތުގައި ސަރުކާރުތަކުން ގެންގުޅޭ ފްލެޓް ދިނުމުގައިވެސް ގެންގުޅެނީ ރަނގަޅު އުސޫލުތަކެއް ނޫންކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، މިހާރު އަޑުއިވެނީ ހުޅުމާލޭގައި ދެން އޮތް ބިމުގައިވެސް 60 ވަރަކަށް ގޯތި 4000 ރުފިޔާއިން ފެށޭ ބީލަމެއްގައި ވިއްކަން އުޅޭ ވާހަކަ ކަމަށެވެ. 

އެންމެ މުއްސަދިންނަށް ނޫނީ އެފޯޑު ނުކުރެވޭ ވަރެެއްގައި އެތަންތަން ވިއްކަން އުޅުމަކީ ރައްޔިތުންނަށްދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެކަން ކުއްވެރިކުރައްވާ ޑރ. މުއިއްޒުވަނީ އެކަން މިހާރުން މިހާރަށް ހުއްޓާލަން ވެސް ގޮވާލާފައެވެ. 

"މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށްފަހުގައި ނޫނީ ނުވަތަ ގޯތި ދިނުމާއިއެކު ނޫނީ އެޗްޑީސީގެ ވިޔަފާރި ބޭނުމަށް ބިން ވިއްކައިގެން ވާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ހުޅުމާލެ ޕްލޭންއަކީ މަތިން ބާއްވާލެއްވި އެއްޗެއް ނޫން. އެ ޕްލޭންއަކީވެސް ކުރީގައިވެސް ހަދާފައި އޮތް ޕްލޭނެއް އެ ބަދަލުކުރެވޭނެ" ޑރ، މުއިއްޒު ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ފައިދާވާނެ ގޮތަަކަށް އެ ބިމުގެ ޕްލޭންއަށް ބަދަލުގެނެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިއްކާފައޮތް 240 ހެކްޓަރުގެ ބިމުގައި ކޮމާޝިއަލް ބޭނުންތަަކަށް ބިން ނަގާފައިވެސް ރައްޔިތުންނަށް ދެވޭވަރު ބިން އެބައޮތް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެ ބިމުން މަދުވެގެން 1400 އަކަފޫޓުގެ 500 ގޯތި އާއްމު ރައްޔިތުންނަށް ދެވޭ ވަރުގެ ޖާގަ އެބައޮތް ކަމަށާއި، މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަމުގެ ބަދަލެއްގެ އަގު އަދާކުރެވޭނީ ހުޅުމާލެއިން ހިލޭ ގޯތި ދީގެން ކަމަށެވެ. 

" ހަގީގަތުގައި މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަމުގެ ބަދަލެއްގެ ގޮތުގައި އެޔަށް ކިރިޔާވެސް އަގެއް ދެއްކޭނީ ހުޅުމާލެއިން ހިލޭ ގޯތި ދީގެން. ހިލޭ ގޯތި ދީގެން. ކީއްވެތޯ ނުދެއްވަންވީ؟ ގާތްގަނޑަަކަށް 60 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުމާލެގައި ބިން ހިއްކާފައިވަނީ. އަދި ދެން ކޮށްފަ ހުރި އިންފްރާސްޓެކްޗަ މަސައްކަތް އެއްކޮށްލި ނަމަވެސް މާލޭ ރައްޔިތުންގެ ތެރެއިން 500 އެއްހާ ނިކަމެތި ރައްޔިތުންނަށް ހިލޭ ބިން ނުދެވޭވަރުގެ ހަރަދެއް ނޫން އެއީ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މިއޮތް ހުރިހާ ދުވަހު މާލޭގެ ތަރައްގީއަށް ކުރި ހަރަދުތަށް މިހާރު އެހުރީ ކޮށް ނިމިފައި ކަމަށެވެ. ދެން ކުރަންވީ ކަމަކީ ހަމައެކަނި ވިޔަފާރި އުސޫލުން ވިސްނުމުގެ ބަދަލުގައި އާއްމު ރައްޔިތުންގެ ވިސްނުމުން ވިސްނާލުމަށްފަހު ގޯތިކޮޅެއް ދެވޭތޯ ސަރުކާރުން މަސައްކަތް ކުރުން ކަން މުއިއްޒު ފާހަގަކުރެއްވިއެވެ. 

ދެން އޮތް ސުވާލަކީ 500 އެއްހާ ގޯތި ދައުލަތުގެ ހަަރަދަށް ނުބަލާ ނުވަތަ ފައިދާ އެއްކައިރިކޮށް ހިލޭ އެއެންމެނަށް ގޯތި ދޫކުރަނީ ކިހިނެތްތޯ ކުރެވޭ ސުވާލެވެ. ޑރ. މުއިއްޒު ވިދާޅުވީ އެއީ ސަރުކާރުގެ ސިޔާސަތު އެގޮތަށް ބަދަލުކުރުމުން ނިންމެން އޮތް ކަމެއް ކަމަށާއި، ހިލޭ ގޯތި ހުޅުމާލެއިން ދިނުމުން އެލިބޭ ގެއްލުން ރިކަވާ ކުރަން އެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްފަހު އެ ސަރަހައްދުގެ އެހެން ބިންތަށް ވިޔަފާރި ބޭނުންތަކަށް މުއްސަދިންނަށް އަގުބޮޑުކޮށް ވިއްކުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. އެވަރުގެ ބިމެއް އެތަނުގައި އެބައޮތް ކަމަށާއި އެހެންކަމުން އެކަން ނުކުރަންވީ ކީއްވެތޯ މުއިއްޒު ވަނީ ސުވާލު އުފައްދާފައެވެ. 

އެހެންކަމުން މިހާރު އޮތް ޕްލޭން ބަދަލުކުރައްވާފައި ހިލޭ އެތަނުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށްފަހު ވިޔަފާރި ބޭނުންތަކަށް ދޫކުރުމަށް ސަރުކާރަށް ޑރ. މުއިއްޒު ވަނީ ގޮވާލާފައެވެ. 

48%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް