ސީއެންއެމް އަށް، އެރަށު ކައުންސިލް ރައީސް އަހުމަދު ނިޝާން ވިދާޅުވީ އެރަށަކީ އަދި މިހާތަނަށް ޓޫރިޒަމްގެ މަސައްކަތްތަކެއް ކުރެވިފައިވާ ރަށެއް ނޫންކަމަށާއި، އެންނަމަވެސް މިނިސްޓަރު ދާދިފަހުން އެރަށަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން މިހާރު އެމަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
"މިރަށަކީ މީގެ ކުރިން ލޯކަލް ޓޫރިޒަމް އޮތް ރަށެއް ނޫން. މިހާރު ތައްޔާރު މިވަނީ ސަރުކާރުން ފަށަން ތައްޔާރުވާ ހޯމް ސްޓޭ ޓޫރިޒަމް އަށް" ނިޝާން ވިދާޅުވިއެވެ.
ހޯމްސްޓޭ ޓޫރިޒަމް އަކީ މިސަރުކާރުން ރިޔާސީއިންތިހާބުގެ ކެމްޕޭނުގައި ޓޫރިޒަމް ފުޅާކުރުމަށް ކުރާނެކަމަށް ބުނެފައިވާ އެއްކަމެވެ. ހޯމްސްޓޭ އަކީ އަލަށް ތައާރަފް ކުރެވޭ ކަމެކެވެ. މީހުން އުޅޭ ގޭގޭގައި ހުސް ކޮޓަރިއެއް ހުރެއްޖެ ނަމަ މި އުސޫލުގެ ދަށުން އެކޮޓަރިއެއް ވިއްކެއެވެ.
ކައުންސިލުން ބުނީ މިހާރު ކުރިއަށްދަނީ މަޝްވަރާތައް ކަމަށާއި މަސައްކަތް ކުރަމުންގެންދަނީ މިއަންނައަހަރުގެ ޖެނުއަރީ އެއްވަނަދުވަހު މަސައްކަތް ފެށޭތޯކަމަށެވެ. އޭގެއިތުރުން އެކައުންސިލުން ބުނީ މަސްވެރިކަމުގެ ދާއިރާގެ ކަންކަން ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، އޭގެ އިތުރުން ރިހާކުރު ހާއްސަ ޕްރޮޑަކްޓެއް ގޮތަށް ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.
މީގެ އިތުރުންއެކައުންސިލުން ބުނީ މިމަސައްކަތް އަންނަ ޖެނުއަރީގައި ފަށަން ރާވާފައިވާއިރު 30 ރޫމަށްވުރެ ގިނަ އަދަދަކުން ފަށަން އަމާޒު ހިފާފައިވާކަމަށެއެވެ. ދާދި ފަހުން ޓޫރިޒަމް މިނިސްޓރަު އެރަށަށް ވަޑައިގެން މައުލޫމާތު ދެއްވާފައިވާ ކަމަށާއި އެމިނިސްޓްރީން ވަރަށްބޮޑު އެއްބާލުން ލިބޭނެކަމަށްވެސް ކައުންސިލުން ބުނެއެވެ.
ހާހެއްހާ މީހުން ދިރިއުޅެމުންދާ އެރަށަކީ މީރު ރިހާކުރު ހަދަން މޮޅު މީހުން ތިބި ރަށެކެވެ.
ދިއްގަރު ރިހާކުރު އިޓަލީ ވިލާތުގައި މާކެޓް ކުރެވިދާނެ ކަމަށާއި އޭގެން ވަރަށް މީރުކޮށް ސްޕެގެޓީ ހެދޭ ކަމަށް، ރާއްޖޭގައި މަސައްކަތް ކުރާތާ މިހާރު 20 އަހަރު ވެފައި ވާ ސެރޭނާ ނަމަކަށް ކިޔާ އިޓަލީ އަންހެނެއް ވަނީ މިއަހަރުގެ އެޕްރީލް މަހު ބުނެފައެވެ.
ދިއްގަރު ރިހާކުރަކީ އެހެން ރިހާކުރު ތަކާއި ތަފާތު އެއްޗެއް ކަމަށާއި، އޭނާ ވެސް ވަނީ ބުނެފައެވެ.
އެހެން ދިއްގަރު ރިހާކުރު އިޓަލީ ވިލާތުގައި އިޝްތިހާރުކޮށް، މާކެޓް ކުރެވޭނެ ގޮތެއް ހޯދަމުންދާ ކަމަށް ވެސް އޭނާ ވަނީ މި ވީޑިއޯގައި ބުނެފައެވެ.