ads
ސިޓީ ކައުންސިލުން ވެމްކޯ ދޮރުމައްޗަށް ކުނި އުކާލާ މަންޒަރު ފެންނަ ވީޑިޔޯގެ ސްކްރީންޝޮޓެއް
ސިޓީ ކައުންސިލުން މާފަށް އެދިއްޖެ: އެއީ ނާތަހުޒީބު ކަމެއް!
މާލޭގެ މަގުތަކުގައި ނުނަގާ ހުރި ކުނިތައް ވެމްކޯގެ ކުނި ކަލެކްޝަން ސެންޓަރު(ވެމްކޯ)ގެ ދޮރުމައްޗަށް އެޅުނީ ވެމްކޯގެ މުވައްޒަފުންނާއި، ސިޓީ ކައުންސިލް މުވައްޒަފުންނާއި މެދު ހިނގާދިޔަ ބަހުގެ ހަމަލާތަކެއްގެ ތެރެއިން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތް ކުރިޔައް ނުގެންދިއުމުގެ ސަބަބުން މާލޭގެ މަގު މައްޗަށް ގިނަ ޢަދަދަކަ ކުނި ޖަމާވެ، އޭގެ އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާތީ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ އެކި ހިސާބުތަކުން ކުނި ނަގަން ފަށާފައެވެ. އަދި ކުނި ނެގުމަށްފަހު ވެމްކޯގެ ދޮރުމައްޗަށް ކުނި އުކާލާ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފައެވެ. 

މިކަމާއި ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުަހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ވެމްކޯ ދޮރުމަށްޗަށް ކުނިއެޅިކަން މޭޔަރުގެ ސަމާލުކަމަށް ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝް  ގެންނެވުމުން، އެކަން ވަގުތުން ރަނގަޅުކުރުމަށް ދެންނަވާފައިވާނެ ކަމަށާއި އެއީ އެއްގޮތަކަށްވެސް ކޮށްގެންނުވާނޭ ނާތަހުޒީބު އަމަލެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަކަމެއް ތަކުރާރުވިޔަނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވިއެވެ. 

އޭގެ ފަހުން  ޑެޕިޔުޓީ މޭޔަރު ނަރީޝް އިސްކޮށް ހުންނަވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަރީޝް ވިދާޅުވީ، އެކަން ހިނގާދިޔައީ ވެމްކޯގެ މުވައްޒަފުންނާއި، ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ދެމެދު ހިނގައިދިޔަ ޒުވާބެއްގެ ތެރެއިން ކަމަށެވެ. 

"އަޅުގަނޑާއި ސިނިއަ މެނޭޖްމެންޓް ބޭފުޅުންނާއި ކޮންފަރެންސް ކޯލެއްގައި އިންދާ މި ހާނދިސާ ހިނގީ އެގޭތޯ. އެ ހާނދިސާ ހިނގިއިރު އަޅުގަނޑުމެންގެ ވެހިކަލްތަކަށް އެތެރެއަށް ވަނުމުގެ ހުއްދައެއް ނެތް. ވެހިކަލްތައް ހުއްޓުވާފައި އޮތީމަ ކުނިތައް ހުސްކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ކޮންމެވެސް ވަރެއްގެ ބަހުގެ ހަމަލާތަކެއް އެތަނުގައި ދިޔަ މުވައްޒަފުންގެ މެދުގައި، އެކަންތަކުގެ ތެރެއިން އެތަނަށް ކުނި ލޮރީއެއް ބަންޑުންކޮށްލިތަން ފެނުނީ" ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، އެމައްސަލަ ހަމަ އެ ފޯން ކޯލުގައި އިނދެގެން ހަމަޖެއްސި ކަމަށެވެ. ނަރީޝް ވިދާޅުވީ އެއީ ސިޓީ ކައުންސިލުގެ މުވައްޒަފުންގެ އަތުންވީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށާއި އެކަމަށް މާއާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ހިނގައިދިޔަ "މިސްކޮމިޔުނިކޭޝަން"އެއްގެ ސަބަބުން ވީ ކަަމެއް ކަމަށް ނަރީޝް ވިދާޅުވިއެވެ. 

"އަޅުގަނޑު ހިތުން ވަރަށް ނާތަހުޒީބު އަމަލެއް އެކަން ހިނގާދިޔައީ އަޅުގަނޑުމެންގެ މުވައްޒަފުންގެ އަތުން. އެކަމަށް އަޅުގަނޑު ސިޓީ ކައުންސިލުގެ ފަރާތުން ހަމަ މާއާފަށްވެސް އެެދެން" ނަރީޝް ވިދާޅުވިއެވެ.

މިކަން ހިނގާފައި މިވަނީ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރަން ފުރުސަތު ނުދެއްވާނެ ކަމަށާއި، އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ. 

ވެމްކޯއިން އެންމެ ފަހުން ނެރެފައިވާ އުސޫލުަގައި ވާގޮތުން ގޭބިސީތަކުން ކުނި ނަގާނީ ރަޖިސްޓްރީކޮށްފައިވާ އެޕާޓްމަންޓުތަކުންނެވެ. އެހެންނަމަވެސް ބައެއް އެޕާޓްމެންޓްތަކުން ރަޖިސްްޓްރީ ނުކޮށް މަގުމައްޗަށް ނެރެފައިވާ ކުނިތައް ރޭ ވެމްކޯއިން ނަގާފައެއް ނުވެެއެވެ. އަދި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުގެ ކުނިތައްވެސް ރޭގައި ނަނގާފައި ނުވާތީ އެފަދަ ފަރާތްތަކުންވެސް ރޭ ވަނީ މަގުމައްޗަށް ކުނިތައް ނެރެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް