ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާ މުހައްމަދު-- ފޮޓޯ: ހެލްތު މިނިސްޓްރީ
ވެންޓިލޭޓަރުތަކުގެ ބަދަލުގެ ގޮތުގައި ހޯދަން އެދުނު 31 މިލިއަން ރުފިޔާ ނުދިން!
ކޮވިޑް-19 ގެ ފަރުވާ އަށް ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ "އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިން" ކުންފުންޏަށް ސަރުކާރުން ފައިސާ ހަވާލުކޮށްފައިވަނިކޮށް ވެންޓިލޭޓަރުތައް ލިބިފައި ނުވާތީ ބަދަލު ހޯދަން ނޯޓިސް ފޮނުވި މުއްދަތުގައިވެސް އެކުންފުނިން ބަދަލު ދީފައިނުވާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ދިވެހި ސަރުކާރުން ގަންނަން އެގްޒިކިއުޓާސްއަށް ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. 

ހެލްތް މިނިސްޓްރީއާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ދެމެދު ވެވުނު އެއްބަސްވުމުގައި ބުނެފައިވާ ގޮތުން އެޑްވާންސް ޕޭމަންޓް ހަދާތާ 29 ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭންޖެހޭނެއެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްގައިވާ ގޮތުގެ މަތިން އެފަރާތުން މުދާ ފޯރުކޮށްދީފައި ނުވެއެވެ.

އެހެންކަމުން އެގްޒެކިއުޓާސް އަށް "ޓަމިނޭޝަން ނޯޓިސް" ފޮނުވާފައިވާ އެއްބަސްވުން ބާތިލުކޮށްފައިވަނީ މިދިޔަ މެއި މަހުގެ ހަތަރުވަނަ ދުވަހުއެވެ. 

އެކަން ހާމަކޮށް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި އެދުވަހު ބުނީ އެގްޒެކިއުޓާސް އިން ފޯރުކޮށްދީފައިނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްްބަސްވުމާ އެއްގޮތައް މުދާ ފޯރުކޮށްނުދިނުމުގެ ސަބަަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފި ނަމަ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާނެކަމަށެވެ. 

ވެންޓިލޭޓަރު ނުލިބުމުން އޭގެ ބަދަލު ހޯދަން އެގްޒެކިއުޓާސް އަށް މިދިޔަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ސިޓީ ފޮނުވައި ބަދަލެއްގެ ގޮތުގައި 2.1 މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) ދައްކާ ނިންމަން 30 ދުވަހުގެ މުހުލަތެއް ދީފައިވެ އެވެ. އެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހު ހަމަވެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ވެސް އެގްޒެކިއުޓާސް އިން 31 މިލިއަން ރުފިޔާ ދައްކާފައިނުވެ އެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ 2020ވަަނަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ. ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ސަރުކާރުން ދޫކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އިން އަހަރުގެ ދެ ވަނަ ކުއާޓާގައި ކޮށްފައިވާ ހަރަދުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެެރެފައިވާ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައިވާ ގޮތުން އެގްޒެކިއުޓާސް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރެވެ. 

އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާ އަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރެ އެވެ. 

އޮޑިޓާ ޖެނެރަލްސް އޮފީހުން ވަނީ އެގްޒެކިއުޓާސް މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފާހަގަކޮށްފަ އެވެ. އަދި ޕާފޯމަންސް އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައި ނުވުމާއި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ހިމަނާފައި ވުމާއި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާއިރު، މި ރިޕޯޓުގެ ތާރީހާ ހަމައަށް ވެންޓިލޭޓަރު ލިބިފައި ނުވާތީ އެކަން ފާހަގަކޮށް އެކަން ތަހުގީގުކުރުމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ހެލްތު މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީ އަށް ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް