ads
ރައީސް ނަޝީދު
ރައީސް ނަޝީދަށް ހަމަލާ ދިން އަދުހަމް ދައުވާތަކަށް ކޯޓުގައި އެއްބަސްވެއްޖެ
ނަޝީދަށް ހަމަލާ ދިން އަދުހަމް ދައުވާތަކަށް ކޯޓުގައި އެއްބަސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި އަދުހަމް އަހްމަދަށް އެ މައްސަލާގައި ކުރާ ދައުވާތަކުގެ ޝަރީއަތް މިއަދު ފެށުމާ އެކު ދައުވާތަކަށް އަދުހަމް އިއުތިރާފް ވެއްޖެ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

އަދުހަމް އެއްބަސް ވެފައި ވަނީ ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދައި އޭގައިވާ ގޮތަށެވެ. އަދުހަމް ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް އޭނާގެ ކުށްތަކުގެ އަދަބަކަށް އެއްބަސްވެފައި ވަނީ 23 އަހަރަށް ޖަލަށް ލުމަށެވެ.

އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި އަދުހަމްގެ ޝަރީއަތް މިއަދު ވަކި ހިސާބަކަށް ކުރިއަށް ގެންދިއުމަށް ފަހު އަދުހަމާއި ދައުލަތުން ވެސް އެދިގެން ޝަރީއަތް ވަނީ ސިއްރުކޮށްފަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ބައެއް މައުލޫމާތު ހާމަވާނެތީ ޝަރީއަތުގެ އެ ބައި ސިއްރުކުރިޔަސް އެ ވާހަަތައް ދައްކައި ނިމުމުން ނޫސްވެރިނަށް އެ ޝަރީއަތަށް ވަދެވޭނެ އެވެ.

މި މައްސަލަ ބަލަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އާދަމް މުހައްމަދު، ފަނޑިޔާރު މުހައްމަދު މިސްބާހް އަދި ފަނޑިޔާރު ސޮފްވަތު ހަބީބެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމެވެ. އެކަމުގެ ސަބަބުން ނަޝީދަށް ބޮޑެތި ޒަހަމްތަކެއްވެ އެ ވަގުތު އެ ތަނުގައި ތިބި އެހެން ބައެއްގެ ފުރާނައަށް ވެސް ނުރައްކާވި އެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަދުހަމް ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް އަށް ތާއީދުކުރާ ކަމަށް ތަހުގީގުގައި އެއްބަސްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް