ads
ރާއްޖެއަށް ނުދާން ޔޫކޭން ނެރުނު އެޑްވައިޒަރީ އުވާލައިފި
ކޮވިޑް-19އާއި ގުޅިގެން ޒަރޫރީ ކަމެއްގައި ނޫނީ ރާއްޖެއަށް ދަތުރު ނުކުރުމަށް އިރުޝާދު ދީ އިނގިރޭސިވިލާތުން ނެރުނު ޓްރެވެލް އެޑްވައިޒަރީ އެ ގައުމުން އުވާލައިފި އެވެ.
Advertisement

ޔޫކޭ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ޓްރެވެލް އެޑްވައިޒަރީ އެއް ނެރުނީ، އެގައުމުގެ ރެޑް ލިސްޓްގައި ރާއްޖެ ހިމެނުމުންނެވެ. އަދި މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރެޑް ލިސްޓުގައި ހިމަނާ ގައުމުތަށް އާއްމުކުރިއިރު އެ ރިވިއުގައިވެސް ރާއްޖެ އޮތީ ރެޑް ލިސްޓުގައި ހިމަަނަން ނިންމާފައެވެ.

ރެޑް ލިސްޓުން އެފަހަރުވެސް ރާއްޖެ ނުނެގުމުން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވަނީ ރާއްޖޭގައި ކޮވިޑުގެ ކޭސްތައް މަދުވެފައި އަދި ވެކްސިން ރޭޓު އިތުރުވި ނަމަވެސް ރެޑް ލިސްޓުން ނުނަގާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ނަމަވެސް މިދިޔަ ހަފްތާގައި އެ ލިސްޓުން ރާއްޖެ ވަނީ އުނިކޮށްފައެވެ. މިހާރު ރާއްޖެ އޮތީ އެމްބާ ލިސްޓްގަ އެވެ. ޔޫކޭގެ ރައްޔިތުން ކޮންމެހެންކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ނެރުނު އެޑްވައިޒަރީ އުވާލާފައިވާކަން ހާމަކޮށް ރާއްޖޭގައި ހުންނަ ޔޫކޭ ހައިކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެގައުމުގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން މިހާރު ރާއްޖެ ތައްޔާރުވެފައިވާ ކަމަށެވެ.

ހަތަރު މަސް ވަންދެން ޔޫކޭގެ ރެޑްލިސްޓްގައި ރާއްޖެ އޮތުމަށް ފަހު އެމްބާ ލިސްޓަށް ބަދަލުވުމުން ވެސް ޓްރެވެލް އެޑްވައިޒަރީއަށް ވަގުތުން ބަދަލެއް ނުގެނެސް އޮތުމުން ގައުމުގެ ބައެއް ޓްރެވެލް އެޖެންޓުންނާއި އޮޕަރޭޓަރުންގެ އިތުރުން އެގައުމަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރުވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. 

އިނގިރޭސި ވިލާތުން ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު އޮންނަނީ ތިން ކެޓެގަރީއަކަށް ބަހާލައިފައެވެ. އެއީ ގްރީން، އެމްބާ އަދި ރެޑެވެ.

ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރުން މަނާވާއިރު، އެގައުމަށް އެތެރެވާނަމަ 10 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހޭނެއެވެ.

ގްރީން އަދި އެމްބާ ލިސްޓުގައި ހިމަނަނީ ދަތުރުކުރުން ރައްކާތެރި ގައުމުތަކެވެ. މިގައުމުތަކުން އިގިރޭސިވިލާތަށް ދާނަމަ ކަރަންޓީން ވާކަށް ނުޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް