ads
ރައީސް ސޯލިހު ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެ ސަލާމަތްކުރުމުގެ އެންމެފަހު ޖީލަށް އަޅުގަނޑުމެން ވުމީ އެކަށީގެންވާ ކަމެއް: ރައީސް
ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް، އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ، އަޅުގަނޑުމެންނަކީ، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ކުރުމުގެ ފުރުޞަތު ލިބޭ، އެންމެފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"މި ޖަޒީރާތައް ނެތި، ދިވެހިރާއްޖެއެއް ނޯންނާނެ. ދިވެހިރާއްޖެ ނެތް ހިނދެއްގައި، ދިވެހިންނެއް ނުތިބޭނެ. ދިވެހިން ނެތި، ދިވެހި ޤައުމިއްޔަތެއްވެސް ނޯންނާނެ" ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

ބައެއްގެ މެދުގައި ޤައުމިއްޔަތެއް ދެމިއޮންނާނީ، އަދި އެ ޤައުމިއްޔަތު ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީވެސް، އެ ޤައުމެއް މި ބިންމަތީގައި ވުޖޫދުވެ އޮވެގެން ކަމަށާއި، އަޅުގަނޑުމެންގެ މި ހިތްގައިމު ރާއްޖެއަށް، ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާމެދު، މިއިން ޒަމާނެއްގައި އަޅުގަނޑުމެން ބިރުނުގަންނަ މިންވަރަށް މިހާރު އެބަ ބިރު ގަނަނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއީ ތޯތޯ ވާހަކައެއް ނޫން، މިއީ ޢިލްމީ ޙަޤީޤަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް." ރައީސް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް މި ލިބެނީ، ރާއްޖެފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ޤައުމުތަކަށް ކަމާށާއި، ނަމަވެސް ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި، ރާއްޖޭގެ ޙިއްޞާ ވަރަށް ކުޑަކަމަށް ރައީސް ވިދާޅުވއިެވެ.

 ހަގީގަތަކީ މިއީ ކަމުގައިވިޔަސް، ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އަދި އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީވެސް ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މުޅި މުޖުތަމަޢާ ގުޅިފައިވާ މިފަދަ ކަންކަމުންވެސް ސާބިތުވަނީ، ހުރިހާ ގައުމުތަކެއް އެކުގައި އެއް ޢާއިލާއެއްގެ ގޮތުގައި އުޅުމުގެ މުހިންމުކަންކަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ގޮންޖެހުންތަކުން ދޭހަކޮށްދެނީ، ކިތަންމެ ދުރުގައި ކިތަންމެ ވަކިންއޮތަސް، ބައިނަލްއަޤްވާމީ މުޖުތަމަޢާ ވަކިވެގެން އުޅެވެން ނެތްކަން ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

އިންސާނުންގެ އަމިއްލަ އަތްތަކުން ކުރާ ކަންކަމުގެ ސަބަބުން، ދުނިޔޭގެ ހޫނުމިން އެދަނީ އިންތިހާއަށް މަތިވަމުން ކަމަށާއި، މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ޤުދުރަތީ ކާރިސާތަކާ ހެދި، އެންމެ ބޮޑެތި ގައުމުތައްވެސް އެކަމާމެދު ގޮތް ހުސްވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

" ވީއިރު، ރާއްޖެފަދަ، އަބަދުމެ ކަނޑުގެ ރާޅުތައް ވަށައިގެން ބިންދަމުންދާ ތިރި ޖަޒީރާތަކެއްގެ ކުރިމަގާމެދު ނިކަން ވިސްނާވަޑައިގަންނަވާ!" ރައީސް

ރާއްޖޭގެ ތާރީޚު ލިޔަމުންދާއިރު، އަޅުގަނޑުމެންނަށް މިއަދު ހުއްޓި މި ތިބެވެނީ، ތިމާވެށީގެ ކުރިމަތީގައި ޖެހުނު މޫސުމީ ބަދަލުތަކުގެ ފުލުސްޓޮޕަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. މިހާ ހިސާބުން ރާއްޖޭގެ ތާރީހު އިތުރަށް ލިޔެ ފުރިހަމަކުރާނީތޯ، ނުވަތަ އެ ފުލުސްޓޮޕާ އެކު ތިމާވެށީގެ ޝިކާރައަކަށްވެ ނިމިގެންދާން ދޫކޮށްލާނީތޯ، އެއީ މިޖީލުގެ ދިވެހިން ޖަވާބަކާމެދު ވިސްނަން ޖެހިފައިވާ އެންމެ ވަރުގަދަ ސުވާލު ސުވާލު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަކީ، އަޅުގަނޑުމެންގެ ގައުމިއްޔަތު ހިމާޔަތް ކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެ ކަމަށާއި، ދިވެހިންގެ ދިރިއުޅުމާއި އިގްތިސާދުވެސް އެ މައްޗަށް ބިނާވެފައިވާ، ރާއްޖޭގެ މާޙައުލީ ނިޒާމު، އޭގެ ތަބީއީ ހާލަތަށް އިޢާދަކޮށްދިނުމަށް، އާ ޢަޒުމަކާއެކު އެންމެން އެކުގައި ތެދުވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް