ads
ވިހި ރުފިޔާ
ސްޓޮކް މަދުވުމުން، ވިހި ރުފިޔާގެ އިތުރު ނުޓޫ ޗާޕުކޮށްފި
ވިހި ރުފިޔާގެ ސްޓޮކް މަދުވުމުން، އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފިއެވެ.

އެމްއެމްއޭއިން މި މަޢުލޫމާތު ހާމަކޮށްފައިވާއިރު، ވިހި ރުފިޔާގެ އާ ސްޓޮކްގައި ޗާޕުކޮށްގެން ގެނައީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.  

ސްޓޮކް މަދުވުމުގެ ސަބަބުން މީގެ ކުރިން ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 10 ރުފިޔާއާއި 100 ރުފިޔާގެ ނޫޓުގެ އިތުރު ސްޓޮކެއް ވެސް 2018 ވަނަ އަހަރު ޗާޕުކޮށްފައިވެއެވެ. 

ވިހި ރުފިޔާގެ އިތުރު ސްޓޮކެއް ގެނެސްފައިވާއިރު، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރުމުގެ ގޮތުން، ރުފިޔާ ޗާޕު ކުރުން ހުއްޓާލަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ. 

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ ދަށަށް ދިއުމުން ސަރުކާރުން ވަނީ މާލިއްޔަތު ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް، ފައިސާ ޗާޕް ކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ހޯދާފައެވެ. ފުރަތަމަ ފައިސާ ޗާޕް ކުރަން ހުއްދަ ހޯދި އެއް އަހަރު ދުވަހުގެ މުއްދަތު ހަމަވެގެން މިހާރު އަނެއްކާވެސް ވަނީ އެމުއްދަތު އިތުރުކޮށްފައެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ގުޅޭ ގޮތުން އައިއެމްއެފް އިން ބުނީ ރާއްޖޭގައި ޑޮލަރުގެ އަގު 15.42 ގައި ހިފެހެއްޓުމަށްޓަކައި ފައިސާ ޗާޕް ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާގޮތައް ފައިސާ ޗާޕް ކުރުން ކުރިއަށް ގެންދާނަމަ އަވައްޓެރި ސްރީލަންކާ އަށް ކުރިމަތިވި ފަދަ އިގްތިސޯދީ މައްސަލަތަކެއް ރާއްޖެއަށް ކުރިމަތިވެގެން ދާނެ ކަމަށް ވެސް އައިއެމްއެފް އިން ބުނެއެވެ.

ސްރީލަންކާ އިން ވެސް 2014 ވަނަ އަހަރުން ފެށިގެން ފައިސާ ޗާޕްކޮށް، މާކެޓަށް ނެރުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައި ވަނީ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިގްތިސޯދީ މައްސަލަތަކަކާއި ކުރިމަތިލާން ޖެހުމެވެ. މިހާރު އެގައުމު އޮތީ ސަވަރިން ޑިފޯލްޓަކަށް ދިއުމުގެ މަގުމަތީގައި ކަމަށް އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮވިޑް އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު މިއަހަރު އިންފްލޭޝަން ރޭޓް 1.4 އިންސައްތަ އުފުލޭނެ ކަމަށް އައިއެމްއެފް އިން ލަފާކުރެއެވެ. އަދި އަންނަ އަހަރު ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް 2.3 އިންސައްތަ އުފުލޭނެ ކަމަށް ވެސް އައިއެމްއެފް އިން ލަފާކުރެއެވެ.

ވޯލްޑް ބޭންކުން ވެސް މިދިޔަ ހަފްތާގައި ވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަހަކަށް އައިސް ކްރެޑިޓް ރޭޓިން ފާމްތަކުން ވެސް ގެންދަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް