ads
ކްރިމިނަލް ކޯޓު
ބަންދުގައި ތިބޭ މީހުންގެ ބޭސްފަރުވާއަށް ސަމާލުވާން ކްރިމިނަލް ކޯޓުން އިލްތިމާސްކޮށްފި
ބަންދުގައި ތިބޭ ގައިދީންގެ ބޭސްފަރުވާއަށް އިތުރަށް ސަމާލުވުމަށް ކްރިމިނަލް ކޯޓުން، ދަޢުލަތަށް އިލްތިމާސްކޮށްފިއެވެ.

ލ.ގަމު ބަނދަރުގައި އަޅާފައިއޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައާއި ގުޅިގެން، ދަޢުލަތުން، ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ، މޫސާ އިނާޒްގެ ބޭސްފަރުވާގެ ކަންކަމަށް އިތުރަށް ސަމާލުކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ދައުލަތަށް އިލްތިމާސްކޮށްފައިވަނީ، އެ މައްސަލައާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ގާޒީ، ސޮއްފަތު ހަބީބެވެ. 

ގައިދީންގެ ނުވަތަ ޖަލުގައި ބަންދުކޮށްފައިވާ މީހުންގެ ބޭސްފަރުވާގެ ވާހަކަ، މީގެ ކުރިންވެސް ވަރަށް ގިނައިން ކޯޓުތަކުގެ ފަނޑިޔާރުން ފާހަގަ ކުރައްވައެވެ. 

ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވެ، ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އަމީންވެސް އެންމެ ފުރަތަމަ ގެއަށް ބަދަލުކޮށްފައިވަނީ، އޭނާއަށް ލިބެންޖެހޭ ބޭސްފަރުވާގެ ހައްގު ނުލިބޭ ކަމަށް ބުނެއެވެ. 

މިއަހަރުގެ ފެބްރުއަރީ 3 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އަމީންގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އަމީނަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްކަން ފާހަގަކޮށް އޭނާ ބަންދުން ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ.

އަމީންގެ ފަރާތުން ދިފާއީ ވަކީލު ފާހަގަ ކުރެއްވީ މީގެ ކުރިން ވެސް ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ބަލި ހާލަތާ ހެދި ދޫކޮށްފައިވާ ކަމެވެ. އަދި އަމީން ބަލި ހާލަތު ގޯސްވަމުންދާ އިރު އޭނާއަށް އެކަށީގެންވާ ވަރަށް ކަރެކްޝަންސްއިން ބޭސްފަރުވާ ނުކުރާ ކަމަށް ބުނެ އޭނާ ދޫކޮށްލަން އޭނާގެ ފަރާތުން އެދުނެވެ. ގޭ ބަންދުގައި ބަހައްޓައިގެން ފަރުވާ ދެވޭނެ ގޮތަށް އެއް މަސް ދުވަހަށް އޭނާ ދޫކޮށްލެވޭނެ ނަމަ އެ ގޮތަށް ދޫކޮށްލަންވެސް އެދުނެވެ. އަމީން އަކީ އާތުރައިޓިސް ނުވަތަ ރާއްޖެ ބަލި ހުންނަ މީހެކެވެ.

ނަމަވެސް، ކަރެކްޝަންސްގެ އޮފިޝަލުން ބުނެފައި ވަނީ އޭނާއަށް ބޭސްފަރުވާ ދެމުން ގޮސްފައިވާ ކަމަށެވެ. އޭނާ ޑޮކްޓަރަށް ގެން ދިޔަ ތާރީހުތައްވެސް އަޑުއެހުމުގައި ކިޔައި ދިނެވެ. ޑޮކްޓަރަށް ދެއްކި ނަމަވެސް، ބޭނުންވާ ފަރުވާ ނުލިބޭ ކަމަށް އަމީން ބުނެފައިވެ އެވެ.

ދައުލަތުން ވެސް ބުނީ އަމީނަށް ޖަލުގައި އެކަށީގެންވާ ވަރަށް ބޭސްފަރުވާ ދެވޭ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދު ދެމެހެއްޓުމަށް އެދުނެވެ.

ބަންދާ މެދު ގޮތެއް ނިންމަމުން، އެ މައްސަލަ ބެއްލެވި އިސް ގާޒީ އަހުމަދު ޝަކީލު ފާހަގަ ކުރެއްވީ، އަމީނަށް ބޭސްފަރުވާ ނުލިބޭ ވާހަކަ އޭނާ ބަންދު ކުރިތާ މިވީ 14 މަސް ދުވަހުގެ ތެރޭގައި އޭނާ ދައްކަމުން ގޮސްފައިވާ ކަމެވެ. ނަމަވެސް، އޭނާއަށް އެންމެ އެކަށީގެންވާ ވަރަށް ބޭސްފަރުވާ ދެވިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން އަމީނަށް ގޮޅިން ނުކުމެ ހިނގާ ކަސްރަތުކޮށް އުޅުމުގެ ހައްގުވެސް އެންމެ އެކަށީގެންވާ ވަރަށް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެ ދެ އަސާސީ ހައްގު އެންމެ ފުރިހަމައަށް އޭނާއަށް ލިބިފައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީ ޝަރުތުތަކާއެކު އޭނާ ގޭބަންދަށް ބަދަލު ކުރަން ނިންމީ ކަމަށް ޝަކީލު ވިދާޅުވި އެވެ.

އެކަށީގެންވާ ބޭސްފަރުވާއަކީ އަސާސީ ހައްގެއް ކަމަށާއި މީހަކު ބަންދުކޮށްގެން ގެންގުޅޭ ނަމަ އެކަންކަން ހަމަޖެއްސުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް މިއަދުވެސް ގާޒީ ވިދާޅުވި އެވެ. ބޭސްފަރުވާ ދިނުމުގައި ދައުލަތުން އިހުމާލުވާ ނަމަ އަސާސީ ހައްގު ކަށަވަރުކޮށްދިނުމަށް ގައިދީ ބަންދުން ދޫކޮށްލުމަށް ވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް