ads
ރައީސް، މަތިވެރި ރައްޔިތުންނާއި ބައްދަލުކުރައްވަނީ
އަންނަ އަހަރު ބިން ހިއްކައިދިނުމުގެ ވައުދާއިއެކު މަތިވެރިއަށް އުފާވެރިކަން
އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި، މިއަދު އއ.މަތިވެރިއަށް ވަޑައިގެން، އަންނަ އަހަރުގެ ބަޖެޓުގައި މަތިވެރީގެ ބިން ހިއްކުމުގެ މަޝްރޫއު ހިމަނުއްވައިދެއްވާނެ ކަމުގެ ޔަޤީންކަން އެ ރަށު ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސް އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރި ރައްޔިތުންނާއި، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަނީ ބައްދަލުކުރައްވާފައެވެ.

މަތިވެރި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެންމެ ބޮޑަށް ފާހަގަ ކުރައްވައިފައި ވަނީ ރަށުގެ ބިމުގެޖާގައިގެ ދަތިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު އޮތް ދަތިކަމުގެ ވާހަކައެވެ. އަދި އެބޭފުޅުން ވަނީ މަތިވެރީގައި ބިން ހިއްކައި، ބޯހިޔާވަހިކަމުގެ މައްސަލަޔަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ބިމުގެ ޖާގައިގެ ދަތިކަމުގެ ވާހަކައެވެ. މިކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މަތިވެރީގެ ބިން ހިއްކުމުގެ މަޝްރޫޢު ހިމަނައިދެއްވާނެ ކަމަށެވެ. އަދި، އެމްޓީސީސީއަށް ރާއްޖޭގެ ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ބޭނުންވާ އެހީތެރިކަން ދެއްވައިގެން މަސައްކަތް ކުރިޔަށް ގެންދަވާނެކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި ކަންކަމުގެ ތެރޭގައި، ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޞިއްޙީ ޚިދުމަތް ދޭ ވަގުތު އިތުރުކުރުމާއި، ސްކޫލްގައި 11 އަދި 12 އަށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖެއްސުން ހިމެނެއެވެ. އަދި ރަށުގެ ކައިރީގައި އޮތް މަތިވެރި ފިނޮޅު ރަށުގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ. ރަށުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު އިންފްރާސްޓްރަކްޗަރތަކާއި، ރަށުގެ ކަރަންޓްގެ ޙާލަތު ވަނީ ރައީސުލްޖުމްހޫރިއްޔާއާ ކައުންސިލުން ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަތިވެރި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް އަންނަ އަހަރަށް ބަޖެޓްކުރެވިފައިވާކަމަށާއި ކަމާގުޅޭ މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށް ފަހު ޞިއްޙީ ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަތިވެރި ސްކޫލަށް ބޭނުންވާ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް ޓެންޑަރކުރެވިފައިވާކަމަށް ވިދާޅުވެ ކައުންސިލުން އެދިލައްވާގޮތަށް ރަށު ސްކޫލްގައި 11 އަދި 12 ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއާ ކައުންސިލުން ގުޅިގެން މަސައްކަތް ކުރިޔަށް ގެންދެވުމަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް