ads
ދޫކޮށްލި މިދުހަތު އިބްރާހިމް(26އ) ދޫލިއާގެ، ގއ. ދެއްވަދޫ
100 ކިލޯ ޑްރަގް މައްސަލައިގެ އިތުރު ބޮޑަކު އެއްވެސް ޝަރުތެއް ނެތި ދޫކޮށްލައިފި
ރާއްޖެއަށް އެތެރެކުރި 100ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިހުރި އިތުރު ބޮޑަކު ދޫކޮށްލައިފި އެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 އޮކްޓޯބަރު 13 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި  ފުލުހުންގެ ބެލުމުގެ ދަށަށް 10 މީހަކު ގެނައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސިންނެވެ. މި އެންމެންނަކީވެސް ފިރިހެނުންނެވެ.

އެމައްސަލާގައި ހައްޔަރުކުރީ:

  1. 19 އަހަރުގެ މީހަކާއި 
  2. 24 އަހަރުގެ ދެ މީހުންނާއި 
  3. 25 އަހަރުގެ މީހަކާއި
  4. 26 އަހަރުގެ މީހަކާއި
  5. 27 އަހަރުގެ މީހަކާއި
  6. 30 އަހަރުގެ މީހަކާއި
  7. 34 އަހަރުގެ މީހަކާއި
  8. 35 އަހަރުގެ މީހަކާއި
  9. 61 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. 

މިމީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. މީގެ ތެރެއިން ބޮޑުންކަމަށް ތުހުމަތުކުރެވޭ ދެމީހަކު މީގެ ކުރިންވެސް ވަނީ ދޫކޮށްލާފައެވެ. 

މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ ގއ. ދެއްވަދޫ، ދޭލިޔާގޭ މިދުހަތު އިބްރާހީމް، 26، އެވެ. މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކޮށް ފުލުހުން އެދުނީ އޭނާ 15 ދުވަހަށް ބަންދުކޮށްދިނުމަށެވެ.

ނަމަވެސް މައުލޫމާތު ލިބޭގޮތުގައި އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން އަމުރު ނެރުނީ އެއްވެސް ޝަރުތަކާއިނުލާ އޭނާ ދޫކޮށްލުމަށެވެ. 

ކޯޓުން އޭނާ ދޫކޮށްލާފައިވަނީ މީހަކު ބަންދު ކުރެވޭނީ އެމީހެއްގެ މައްޗަށް ތުހުމަތުކުރާ ކުށް ކުރިކަމަށް، ކޮންމެސް ވަރެއްގެ ހެކި ހުރެގެން ކަމަށްވާއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިނުވާތީ އާއި ބަންދުގައި ހުންނަ މުއްދަތުގައި ތަހުގީގަށް އިތުރު ހެކި ނުހޯދޭ ނަމަ ބަންދުގެ ސައްހަކަން ގެއްލޭނެތީ އެވެ. 

ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަކީ ސީރިއަސް ތުހުމަތުތަކެއް ކަމަށާއި އެ ތުހުމަތުކޮށް ހެކީގެ ގޮތުގައި ފުލުހުން އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓު ނުވަތަ ފުލުހުންނަށް ލިބޭ މައުލޫމާތަކީ ހެކީގެ ގޮތުގައި ނުބެލޭނެ ކަމަށެވެ.

މިދުހަތަކީ މީގެކުރިން ވެސް ޖިނާއީ ބޮޑެތި މައްސަލަތަކުގެ ގިނަ ބަންދު ރެކޯޑުތަކެއް އޮތް މީހެއްކަން ކޯޓުގެ އަމުރުގައި އޮތްނަމަވެސް މިހާރު ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގައި އޭނާ ކުށެއް ކުރި ކަމަށް ބެލެވޭނީ ފުލުހުންގެ ފަރާތުން ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާ ހެކި ގަރީނާތަކުގެ މައްޗަށް ކަމަށް ގާޒީ ވިދާޅުވި އެވެ.

އަަދި އެ ހެކި ގަރީނާ ނެތްނަމަ ޝަރީއަތަށް އޭނާ ބަންދުނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. 

މީގެކުރިންވެސް މިމައްސަލާގެ ތުހުމަތުގައި ފުލުހުން ބޮޑުންގެ ގޮތުގައި ހައްޔަރުކުރި ދެމީހަކު ދޫކޮށްލާފައިވާތީ މިދުހަތާއިއެކު މިހާރު ބޮޑުންގެ ތިން މީހުން ވަނީ ދޫކޮށްލާފައެވެ. އަދި މިވަގުތު ބަންދުގައި ތިބީ ހަތް މީހެކެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ. 

މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަވިސްއިން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިނގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް