
މިއަހަރު ރާއްޖެއަށް އަންނާނެކަމަށް ލަފާކުރި ފަތުރުވެރިންގެ ތެރެއިން އެއް މިލިއަން ފަތުރުވެރިން އަހަރު ނިމުމުގެ ކުރިން ވަނީ ރާއްޖެއައިސްފައެވެ.
މިކަމާއި ގުޅޭގޮތުން، ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އާތިފް ވިދާޅުވީ މިހާރު ދުވަލެއްމައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު 4000 އިން މައްޗަށް އަރާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި 3 ލައްކައަށްވެސް އަރާފާނެކަމަށެވެ.
ކުރިއަށް އޮތީ ފަތުރުވެރިކަމުގެ، ހައި ސީޒަން ކަމަށްވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެން ދިއުމަކީ ވަރަށްބޮޑު އުންމީދެއްކަމަށް އާތިފް ވިދާޅުވިއެވެ.
ކޯވިޑާ ގުޅިގެން ދުނިޔޭގެ ބައެއް ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި މިހާރު އޮތަސް އަންނަ އަހަރުގެ ތެރޭގައި ގިނަ ބޯޑަރުތަކެއް ހުޅުވާލާނެކަމަށް އުންމީދު ކުރައްވާކަމަށް އާތިފް ވިދާޅުވިއެވެ. އެއާއެކު އަންނަ އހަރު ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ބޭރުގެ މާރކެޓަށް ރާއްޖެ އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢާއިޝަތު ނީޝާ ވިދާޅުވީ މިހާރުވެސް ރާއްޖެ އިސްތިހާރުކުރުމަށް އޮންލައިންކޮށްވެސް ޙަރަކާތްތައް ކުރިއަށް ގެންދާކަމަށެވެ.
މިހާރު ބައެއް ޤައުމުތައް ބަންދުވެފައި އޮތުމުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ނަން ފަނޑުވިޔަނުދިނުމަށްޓަކައި މަސައްކަތްތައް ކުރަމުން އަންނަކަމަށާ އާ މާކެޓްތައް ހޯދައި ފަތުރުވެރިން ގެނައުމުގެ މަސައްކަތްތައްވެސް ކުރެވެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރު ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއާ ޕޯޓުގައި މިއަދު ހާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ފްރާންސްގެ ރައްޔިތެއްކަމަށްވާ ވިންސެންޓް ވިކްޓާ ކޮރެންޓިން އެވެ.
މިއީ އީކޭ 652 ފްލައިޓުން ޒިޔާރަތް ކުރި ފަތުރުވެރިއެކެވެ.