ads
ޓީޗަރުން -- ފޮޓޯ:ކޭ
ތައުލީމީ ދާއިރާގައި ހުރި މައްސަލަތަކާއި ގުޅޭ މަޝްވަރާތައް ކުރައްވައިފި
މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، އެ ކަންކަން ހައްލުކުރާނެ ގޮތްތަކެއް އެކުލަވައިލުމާ ގުޅޭ ގޮތުން ނައިބް ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ.

މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވައިލައްވާފައިވާ ރީސާޗް ގުރޫޕުގެ މެންބަރުންނާ ނައިބް ރައީސް ބައްދަލުކުރައްވާ، ވަނީ މަޝްވަރާ ކުރައްވާފައެވެ. ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަތުމަށް ހަދާ ދިރާސާއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

ރައީސް އެކުލަވައިލެއްވި "ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރީސާޗް ގުރޫޕު" އަކީ އެކި ދާއިރާތައް ހިމެނޭގޮތުން ހަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ގުރޫޕެކެވެ. މި ގޮތުން، އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގް، ހިޔުމަން ރިސޯސަސް، ސޯޝިއޮލޮޖީ، ޓްރެއިނިންގް، ފައިނޭންސް އަދި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން މި ރީސާޗް ގުރޫޕުގައި ހިމެނިވަޑައިގަންނަވައެވެ.

މި ގުރޫޕުގެ މައިގަނޑު މަސައްކަތަކީ މުދައްރިސުންނާ ގުޅޭގޮތުން ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަތުމާއި، ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި ކުރިއަށްދިއުމަށް ކުރިމަތިވެފައިވާ ދަތިތައް ޢިމްލީ ދިރާސާއެއްގެ އަލީގައި ދެނެގަތުމާއި، ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ހޯދުމެވެ.

ރީސާޗް ގުރޫޕުގެ މެންބަރުންނާއެކު ނައިބް ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވިދާޅުވީ، ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މި ސަރުކާރުން މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށާއި، ތަޢުލީމީ ދާއިރާއަށް، އަދި ވަކީން ހާއްސަކޮށް މުދައްރިސުންނަށް، ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ދެނެގަތުމަށް އިލްމީ ނަޒަރިއްޔާތަކުން ދިރާސާއެއް ހެދުމަކީ މި ވަގުތަށް ނުހަނު މުހިންމު ކަމެއް ކަމަށާއި، އަދި ރީސާޗް ގުރޫޕުން ހަދާ ދިރާސާ މެދުވެރިކޮށް އެ ދާއިރާއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާއި ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ދިރާސީ އައު އަހަރަކާ ކުރިމަތިލާއިރު، ތައުލީމީ ދާއިރާއާއި މުދައްރިސުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ރީސާޗް ގުރޫޕުގެ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، ރައީސް ސޯލިހާއި، އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.

"ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރީސަރޗް ގުރޫޕު" ގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

•    ޑރ. އަޙްމަދު އަލި މަނިކު (އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާ)

•    ޑރ. އަލީ ނަޖީބު (ހިޔުމަން ރިސޯސަސްގެ ދާއިރާ)

•    ޑރ. އާއިޝަތު ޝަފީނާ (ސޯޝިއޮލޮޖީގެ ދާއިރާ)

•    އާމިނަތު ޒުބައިރު (ޓްރެއިނިންގގެ ދާއިރާ)

•    އަބްދުﷲ ޒަކަރިއްޔާ (ފައިނޭންސްގެ ދާއިރާ)

•    އަބްދުﷲ ރަޝީދު (ތައުލީމީ ދާއިރާ)

ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ރީސާޗް ގުރޫޕުގެ ޗެއާއެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ޑރ އަހްމަދު އަލި މަނިކެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބް ރައީސް އަރިހުގައި މިނިސްޓާ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީއާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް