ads
ރަސްފަރި ފަރަށް އެރި ބޯޓު ފޮޓޯ:---
ރަސްފަރި ފަރަށް ގެއްލުން ލިބިގެން ކުރި ޖޫރިމަނާގެ މައްސަލަ އިސްތިއުނާފުކޮށްފި
ރަސްފަރީ ފަރަށް ބޭރުގެ އާގު ބޯޓެއް އަރައި އެ ފަރަށް ގެއްލުން ލިބުމުން އާގު ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމި ނިންމުން އިސްތިއުނާފު ކޮށްފި އެވެ.

ޖޫރިމަނާގެ އިސްތިއުނާފު މައްސަލަ އެންވަޔަރމަންޓް މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އީޕީއޭއިން ނިންމާ ނިންމުންތައް އެންވަޔަރަމެންޓް މިނިސްޓަރަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮވެއެވެ. 

ކ. ރަސްފަރީ ފަރަށް އެރި "ނެވިއޯ އަމަރީލިސް" އާގު ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ނިންމާފައެވެ. 

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ދަތުރު ކުރަމުން ދިޔަ، އާގު ބޯޓު ފަރަށް އެރީ އޮގަސްޓް 19 ވަނަ ދުވަހުއެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 623 ފޫޓުގެ އާގު ބޯޓު ފުން ކުރެވުނީ ޓަގްބޯޓެއް ގެނެސްގެން ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ. ބޯޓު ފުން ކުރި އިރު، ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުރަކަތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށްވެއެވެ.

ރަސްފަރީ ފަރަށް އެރި ބޯޓު ފުންކޮށް ނިމުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އާއި އެމްއެންޑީއެފް ގުޅިގެން އެ ސަރަހައްދު ބަލައި ސާވޭ ކުރިއިރު ފަރުގެ 8،867 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެހެންވެ، ބޯޓު ރަސްފަރީ ފަރަށް އެރުމުން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކާ ގުޅިގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން 100 މިލިއަން ރުފިޔާ އިން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އުޅަނދުގެ ރާއްޖޭގެ އެޖެންޓް އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ހޯމަ ދުވަހު އަންގާފައި ވާނެ ކަމަށް ވެސް އީޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އޯގަސްޓް މަސް ތެރޭގައި، މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގު ބޯޓު، އެމް.ވީ. ނަވިއޯސް އަމާރީލިސް ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އޮތްކަން ހާމަވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ ވިދާޅުވެފައެވެ. 

އެންވަޔަރމަންޓް މިނިސްޓްރީއާއި ކަމާއި ބެހޭ އިދާރާތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ގަނީ ވަނީ އެ ބޯޓުފަރަށް އަރާފައިވަނީ އިންޖީނު ނިވާލުމާ ގުޅިގެން ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު ވާކަމަށް އޭނާ ވިދާޅުވިއެވެ

އަދި ބޯޓު ސަލާމަތް ކުރުމަށް ބޯޓުގެ ކެޕްޓަން ކުރަން ޖެހޭ ކަންކަން ކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖޫރިމަނާގެ އިތުރުން ފަރަށް ލިބުނު ގެއްލުމާއި ދައުލަތަށް ލިބުނު އެހެނިހެން ގެއްލުމުގެ ހިސާބު ހެދި އިރު އެ އަދަދު ވަނީ 893 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އީޕީއޭއިން ބުނެފައި ވަނީ އެ އަދަދު ނުދައްކައިފި ނަމަ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކޮށްދޭން އޭޖީ އޮފީހުގައި އެދޭނެ ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް