ads
އެމް.ޑަބްލިއު.އެސް.ސީގެ އެމްޑީ - ހަސަން ޝާހް
"މުސާރަ ނުދޭނަމަ، ކޮންޓްރެކްޓް ބާތިލް ކުރާނަން: އެމްޑަބްލިއުއެސްސީ
މަސައްކަތް ކުރުވުމަށްފަހު، އެ މަސައްކަތުގެ އުޖޫރަ ނުދޭނަމަ، ކޮންޓްރެކްޓް ބާތިލް ކުރާނެ ކަމަށް، މާލޭ ވޯޓާ އެން ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީން) ބުނެފިއެވެ.

މުސާރަ ނުދީގެން، ނ.މާފަރު ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާ މައްސަލައިގައި "ސީއެންއެމް" އަށް މަޢުލޫމާތު ދެއްވަމުން، އެބްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، ރަށްރަށުގެ ފެނާއި، ނަރުދަމާގެ މަސައްކަތްތައް ކުރުން، ދަޢުލަތުން މަތިކޮށްފައިވަނީ، އެމްޑަބްލިއުއެސްސީ އާއި ކަމަށާއި، އެ ކުންފުނިން އެ މަސައްކަތް ރަށްރަށުގައި ކުރަނީ، ކޮންޓްރެކްޓަރުން މެދުވެރިކޮށް ކަމަށެވެ. 

"މުސާރައިގެ މައްސަލައަކީ ޖެހިގެންވާނެ މައްސަލައެއް ނޫން. ކޮންމެ ކޮންޓްރެކްޓަރަކަށްވެސް އެފަރާތަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ދޫކުރަމުން މި ދަނީ. ބައެއް ކޮންޓްރެކްޓަރުން އެބަ އުޅޭ މި މައްސަލަ ވަރަށް ބޮޑު. އެ ފަރާތްތައް އަތުން މަސައްކަތް އަތުލާ ޓާރމިނޭޓް ކުރާނަން. މާފަރު މައްސަލައަށް މިއަދު އަޅުގަނޑު އެޓެންޑް ވާނަން" އެމްޑީ ސާހު ވިދާޅުވިއެވެ. 

މާފަރުގެ ނަރުދަމާގެ ހޮޅި ވަޅުލުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ހަވާލުކޮށްފައިވަނީ، އިގްނައިޓް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

މި ކަމާއި ގުޅޭގޮތުން، "ސީއެންއެމް" އަށް މަޢުލޫމާތު ދެއްވަމުން، އެރަށުގައި މަސައްކަތް ކުރަމުން އައި ބައެއް މީހުން ބުނީ، ކޮންމެ މަހެއްވެސް ނިންމާފައި މުސާރަ ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި، ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް މުސާރައިގެ އެއްވެސް މިންވަރެއް ލިބިފައިނުވާ ކަމަށެވެ.

" މަހަކު 8000 ރުފިޔާގެ މުސާރައަކަށް މި މަސައްކަތް ކުރަނީ. އަޅުގަނޑުމެންވެސް އަނބިދަރިން ތިބޭ. ދަޢުލަތުން މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިންވަނީ ނަގަންޖެހޭ އެޑްވާންސް ޕޭމަންޓްވެސް މިހާރު ނަގާފަ. އެހެންވީމަ، އަޅުގަނޑުމެންނަށްވެސް ލިބެންޖެހޭ ހައްޤު މުސާރަ ދޭންވާނެ." މާފަރުގައި މަސައްކަތް ކުރާ، އިގްނައިޓްގެ މުވައްޒަފަކު ބުންޏެވެ.

މުސާރަ މައްސަލައިގައި މާފަރުގެ ނަރުދަމާގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ހުއްޓިފައިވާއިރު، މިކަމާއި ގުޅިގެން، "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން، އިގްނައިޓްގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަމްސު ވިދާޅުވީ، މުސާރަ މައްސަލައިގައި މަސައްކަތް ހުއްޓާލާފައިވާކަން އެނގިފައި ނެތް ކަމަށާއި، މަސައްކަތެއް ކުރުވާފައިވާނަމަ، އެ ފައިސާ ދޭނެ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ މަސައްކަތް ހުއްޓާލި ކަމެއް. އަޅުގަނޑު އެމީހުންނަށް ވަޒީފާ ދިނީ. ރަނގަޅު ވާހަކައެއް. އަދި މުސާރައެއް ނުދެން. އެކަމަކު މުސާރަ ދޭނެ." ޝަމްސު ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން، އެމްޑަބްލިއު އެސްސީން ވިދާޅުވެފައިވަނީ، ކޮންޓްރެކްޓަރުގެ ފަރާތުން މިފަދަ މައްސަލަތައް ކުރިމަތިވާނަމަ، އެއްބަސްވުން ބާތިލްކުރާނެ ކަމަށާއި، އިގްނައިޓްގެ މައްސަލަ އުތުރުގެ އެހެން ރަށެއްގައިވެސް ފެންމަތިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދޭންޖެހޭ ހުރިހާ ޕޭމަންޓްތަކެއް ޤަވާއިދުން ދެމުން މި އަންނަނީ. އެހެންވީމަ ކޮންޓްރެކްޓަރ ވާނެ، ގެންގުޅޭ މުވައްޒަފުންނަށް މުސާރަ ދޭން. މުސާރަ ނުދޭ ކަމަށްވަންޏާމު އެއްބަސްވުން އުވާލާނަން" އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޝާހް ވިދާޅުވިއެވެ. 

މުސާރަ މައްސަލައިގައި މާފަރުގެ ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާއިރު، ލޭބަރުން ބުނެފައިވަނީ، ދެން މަސައްކަތް ފަށާނީ، މުސާރަ ދިނުމުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް