ads
ސީޕީ ހަމީދު——ފޮޓޯ: ސީއެންއެމް
އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލް ރެޑްނޯޓިސްއެއް އަދި ނުނެރެން: ސީޕީ ހަމީދު
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް މިހާތަަނަށް ނެރެފައި ނުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގައި ބައިވެރިވާން ރާއްޖެ އައުމަށް ސްޕްރީމް ކޯޓުން ޗިޓް ފޮނުވުމުންވެސް ރާއްޖެ ނައިސް ކޯޓުގެ އަމުރަށް ގޮންޖެހައި، ރާއްޖެ ވަޑައިގެންފައިނުވާތީ އަލީ ވަހީދުގެ މައްޗަށް ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން ކުރި 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ހާޒިރު ކުރަން ކަރެކްޝަނަށް ކޯޓުން އޮތީ އަމުރު ކޮށްފައެވެ. 

އެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންގެ އެހީއަށް އެދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ބުނެފައިވަނިކޮށް ފުލުހުން މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ބުނީ އޭނާ ގެނެއުމުގެ މަސައްކަތް ކުރަމުންދަނީ އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި، ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުުލުހުން އޭރު ބުނެފައިވެއެވެ. 

ހޯމް މިނިސްޓްރީން މިއަދު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އަލީ ވަހީދު ރާއްޖެ ގެނައުމަށް ކޯޓުން އަމުރު ކޮށްފައިވާތީ ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާއިރު މިހާތަނަށް އޭނާ ހޯދައިގެން ރާއްޖެ ގެނެސް ކަރެކްޝަނާއި ހަވާލުކުރުމަށް ކުރެވުނީ ކޮން މަސައްކަތެއްތޯ އަދި އިންޓަޕޯލް ރެޑް ނޯޓިސް ނެރެން ކުރީ ކޮން މަސައްކަތެއްތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރިގެން އަލީ ވަހީދު ހޯދުމަށް އެ އިދާރާއިން އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް އެއްބަސްވެފައެވެ. 

" އަލީ ވަހީދު ހޯދުމަށް މިހާތަނަށް އިންޓަޕޯލް ރެޑް ނޯޓިސްގެ އެ ފެސިލިޓީ ބޭނުންކޮށްފައެއް ނުވާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި މަސައްކަތްތަކެއް އެބަ ހިނގާ ހުށަހެޅިފައޮތް ދައުވާ ތަންފީޒުކުރުމަށް ރާއްޖެ ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި." ސީޕީ ހަމީދު ވިދާޅުުވިއެވެ

ސީޕީ ހަމީދު ވިދާޅުވީ ކޯޓުން އެ އަމަރެއް ނެރޭ ހިސާބުން ފެށިގެން އެ މަަަސައްކަތް ހިނގާނެ ކަމަށާއި، އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުގެ މަސައްކަތްވެސް ކުރަން ޖެހޭނެ ކަމަށެވެ. އަދި ދައުވާގެ ގޮތުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމަރުކޮށްފިނަ އިންޓަޕޯލް ރެޑް ނޯޓިސް ނެރެވިދާނެ ކަމަށްވެސް ސީޕީ ހަމީދު އެއްބަސްވެވަޑައިގެންނެވިއެވެ. ނަމަވެސް މިހާތަނަށް އެފަދަ ނޯޓިސްއެއް ނެރެފައި ނުވާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. 

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަމުންދާ މައްސަލައިގެ އަޑު އެހުމުގަައި ބައިވެރިވުމަށް އޮގަސްޓު ދެވަނަ ދުވަހު ރާއްޖެ އައުމަށް އަލީ ވަހީދު އަށް ވަނީ މިދިޔަ ޖުލައި މަހުގެ 15ވަނަަ ދުވަހު ސްޕްރީމް ކޯޓުން ޗިޓް ފޮނުވާފައެވެ. 

ނަމަވެސް އެ ދުވަހުގެ އަޑުއެހުމަށް އޭނާ ރާއްޖެ އައިސްފައެެއް ނުވެއެވެ. އެއަޑުއެހުން ފަހުން އޮގަސްޓު މަހުގެ 11 ވީ އަންގާރަ ދުވަހަށް އޮތީ ލަސްކޮށްފައެވެ. އެހެންނަމަވެސް ކޯޓުގެ އަމުރަށް ގޮންޖަހައި، އަމުރު ބޮލާލާ ޖެހުމަށްފަހު އަލީ ވަހީދު އެދުވަހުގެ އަޑުއެހުމަށްވެސް ރާއްޖެ ވަޑައިގެންފައެއްނުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޗިޓް ރައްދުވުމަށްފަހު، އޭގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ އެމީހަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބެ އެވެ. އަދި، ޗިޓް ރައްދުވީ ދައުވާލިބޭ މީހާނަމަ، އޭނާ ބަންދުގައި ބަހައްޓައިގެން ވެސް ކޯޓަށް ހާޒިރުކުރުމުގެ ބާރު ކޯޓަށް އޮވެއެވެ.

އޭނާގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސުޕްރީމް ކޯޓުން އެދުވަހު ނިންމާފައިވަނީ ދެ މަހާއި 12 ދުވަހަށް އޭނާ ޖަލަށްލުމަށާއި، ޝަރީއަތާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދިޔުމަށެވެ. އަދި  އެ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.  

ޖިންސީ ފުރުއްސާރައިގެ އެތައް ތުހުމަތުތަކެއް ކޮށް ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔުމަށްފަހު ކަނޑައެޅިފައިވާ ހަތަރު މަސް ތެރޭގައިވެސް ރާއްޖެ އައިސްފައެެއް ނުވެއެވެ. 

އަލުން ސްޕްރީމްކޯޓުން ދެފަހަރެއްގެ މަތިން އަޑުއެހުމުގައި ބައިވެރިވުމަށް ރާއްޖެއައުމަށް އަންގާ ޗިޓު ފޮނުވުމުންވެސް އަލީ ވަހީދު ކޯޓުގެ އަމުރު ބޮލާލާ ޖެހިއިރު، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ސީއެންއެމް" އަށް މީގެ ކުރިން ވިދާޅުވީ، އަލީ ވަހީދުގެ މައްްސަލާގައި ޕީޖީން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށާއި، ބާކީ ނިންމުންތައް ބިނާ ވަނީ ކޯޓުގެ އަމުރުތަކަށް ކަމަށެވެ. 

އެހެންނަމަވެސް އަލީ ވަހީދުގެ މައްސަލާގައި އަދިވެސް އުންމީދު ކަނޑާނުލާކަމަށާއި، އަލީ ވަހީދު ރާއްޖެ ގެނެވޭނެ ކަމަށް އުންމީދުކުރާކަމަށެވެ.

އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައިވަނީވެސް ގަވާއިދާ ހިލާފަށްކަމަށްވާތީ އެމައްސަލަ ޕީޖީ އޮފީހުން ދެ ފަހަރެއްގެ މަތިން ކޯޓުގައި އިސްތިއުނާފްވެސް ކުރިއެވެ. އެހެންނަމަވެސް ކޯޓުން ނިންމާފައިވަނީ ޕާސްޕޯޓް ނުހިފެހެއްޓޭނެ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް