ads
މަހްލޫފު
މަހްލޫފު މައްޗަށް ދައުވާކޮށްފައިވާހެން ހީވެސް ނުވޭ
ޚިޔާނާތުގެ މައްސަލައިގައި، ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުގެ މައްޗަށް ދައުލަތުން ދައުވާ އުފުލިތާ މިއަދަށް ހަފުތާއެއްވީއެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑު މައްސަލައިގައި ސަރުކާރުގެ ވަޒީރަކާ ދެކޮޅަށް ދައުލަތުން ޚިޔާނާތުގެ ދައުވާ އުފުލާފައިވާއިރު، އޭނާ އަދިވެސް ހުރީ މަގާމުގައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައިވާއިރު، މަހްލޫފުގެ އަމަލުތަކުގެ އިތުރުން ސަރުކާރުން މިކަމުގައި ނަގާފައިވާ ސްޓޭންޑުގެ ސަބަބުން ގިނަބައެއްގެ ފާޑު ކިޔުން އަންނަނީ ސަރުކާރަށް ކުރިމަތިވަމުންނެވެ. މި މައްސަލައިގައި ތުހުމަތާއެކު ކުރިން މަހްލޫފު ސަސްޕެންޑް ކުރިނަމަވެސް، މައްސަލައިގައި ދައުވާ އުފުލުމުން އެކަން ސަރުކާރަކަށް މާބޮޑު ކަމަކަށް ނުވިއެވެ. 

your imageމަހްލޫފު ރައީސް އިބްރާހީމް މުހައްމަދު ސާލިހާ އެކު ހޯމަ ދުވަހު

ޚިޔާނާތުގެ ދައުވާ އުފުލާފައިވަނިކޮށް، މި ހަފުތާ ތެރޭވެސް ކުޅިވަރު އިވެންޓެއްގައި ހުދު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު މަހްލޫފު ފެނުމުން، ސުވާލުތައް ގިނަވާނެއެވެ.

ކޮރަޕްޝަންގެ ކަންކަން ނައްތާލުމާއި، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ކަންކަން ކޮޅެއްގައި ޖެއްސުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ.

ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން] ކެމްޕެއިން އިފްތިތާޙުކޮށް ދެއްވުމުގެ ރަސްމިއްޔާތުގައި ދެހާސް ނަވާރަވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ވިދާޅުވީ، ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށޭނީ އަމިއްލަ ނަފްސާ ހިސާބުން ކަމަށެވެ. އެހެންކަމުން މި ވެރިކަމަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ވެރިކަމަކަށް ހެދުމަށްޓަކައި މަހްލޫފު މަގާމު ހުންނަ ހުރުން މިއީ ވަރަށް ބޮޑު ސުވާލެކެވެ.

ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅުކުރައްވަންވީ، ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށޭނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން. އެކަމަށް ބޭނުންވަނީ ކޮންމެ ބޭފުޅެއްގެ އިޚްލާސްތެރިކަން. ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް، އެ މުއައްސަސާތައް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު- ރައީސް

މަހްލޫފާ ދެކޮޅަށް ދައުވާ ކުރުމުން އޭނާ އަންނަނީ ފާޅުގައި އިސްތިއުފާ ނުދޭނެ ކަމަށް ވިދާޅުވެ މުޅި ދައުލަތުގެ ނިޒާމަށް ގޮން ޖައްސަވަމުންނެވެ. މަހުލޫފު މަގާމުގައި ހުރުމަކީ އޭނާއަށް ކުރާ ތުހުމަތު އެންޑޯސްކުރުން ނޫން ބާވައެވެ.

މަހްލޫފުގެ އެމްއެމްޕީއާރުސީއާ ގުޅޭ މައްސަލައިގެ ތަހްގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި އޭސީސީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހްގީގުން އެނގޭ ކަމަށެވެ. އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި މަހްލޫފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި މަހްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން މަހްލޫފްގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހްގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު އަހްމަދު އަދީބު ޢަބްދުލްޣަފޫރު އާއި މަހްލޫފް އާއި ދެމެދު ބަދަލު ކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަދީބު، މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހްގީގުން އެނގޭކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު، އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓާ ސަރުކާރުން މަހްލޫފު މަގާމުގައި ބެހެއްޓުމަކީ އަދި މަހުލޫފު މަގާމުގައި ހުރުމަކީ ދިވެހި ޒުވާނުންނަށް ސަރުކާރުން ކުރާ މަލާމާތެކޭ ދެންނެވިދާނެއެވެ. މަހްލޫފާ ދެކޮޅަށް ކޮރަޕްޝަންގެ ބޮޑު ދައުވާއެއް އުފުލާފައިވާހެން ހީވެސް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް