ads
ރޭގެ ޖަލްސާގައި ރައީސް ޔާމީން———
ހައްގު ޝަރީއަތެއް ކޮށްފިނަމަ އަޅުގަނޑުގެ ގައިގާ އަތް ނުލެވޭނެ: ރައީސް ޔާމީން
ދައުލަތުގެ ފައިސާއެއްގައި އަތްލައިގެން ހައްގުޝަރީއަތެއް ކޮށްފިނަމަ ގައިގާ އަތްލުމުގެ ޖާގައެެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދެ އަހަރާއި ދެ ދުވަސްފަހުން ޖަލުން ސަލާމަތްވެ، ފުރަތަމަ ފަހަރަށް އިދިކޮޅު ޕޯޑިއަމްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާތް ﷲ ކަމަކަށް މިންވަރުކުރެއްވުމުން އެކަމެއް އެއޮންނަ ގަޑިއަކަށް ވެގެންދާނެކަމަށާއި، އެކި މީހުން ދުނިޔެމަތީގައި އިމްތިހާނުކުރައްވަނީ އެކި ގޮތްގޮތަށް ކަމަށެވެ.

އެމަނިކުފާނުވެސް މިނިވަންވެވަޑައިގަތީ އެކަމަށް ﷲ މިންވަރުކުރެއްވުމުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެކަމަށް ހަމްދުކޮށް ތަކުރާރުކޮށް ﷲގެ ހަޒުރަތައް ޝުކުރު އަދާކުރާކަން ހާމަކޮށްފައެވެ.

“ މި އުފާވެރިކަން މިންވަރުކޮށްދެއްވި ކަމަށްޓަކައި ﷲ ސްބުހާނަހޫ ވަތައަލާއަށް ހަމްދުކުރަމުން އަޅުގަނޑުގެ ހިޔާލަށް އަންނަ ވާހަކައެއްވެސް ދަންނަވާލާނަން. ﷲ ތައާލާ ކަމަކަށް މިންވަރުކުރެއްވީމަ ކޮން ޖައްބާރެއްހޭ ދުނިޔެމަތީގައި ވަނީ އެކަމަށް ހުރަސް އަޅާނެ” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ހިތްތައް އެންމެ އުދާސް ކުރާކަމަކީ އަދުލުގެ ދާއިރާއާއިމެދު ކަމަށެވެ. ކަންކަމާއި އިސްކިށްފައި ތިބޭ އިސް މީހުން އެކަމެއް އަމާނާތްތެރިކަމާއިއެކު އިންސާފުވެރިކަމާއި އަދުލުވެރިކަމާއިއެކު ކުރީމޭ ﷲ ހަޒްރަތުގައި ބުނަން ކުރޭނީ ކިތައް މީހުންނަށްތޯ ރައީސް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ.

ސިޔާސީ މީހެއްގެ ފަރާތުން ނުވަތަ އިދިކޮޅުގެ ފަރާތުން ރައްޔިތުން ހިތްހަމަަ ނުޖެހޭ ކަމެއް ހިގައިފިނަމަ ތީރުތައް މެޔާ އަމާޒުވެގެން އަންނަނީ ހާހުން ދެހާހުން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ނަމަވެސް އަދުލުގެ ދާއިރާއިން ގޯސްކޮށްދާ ކަންކަން ރަނގަޅުކުރުމަށް ވުރެ މުހިންމު ކަމެއް އެބައޮތް އެމަނިކުފާނު ވަނީ ސުވާލުކުރައްވާފައެވެ.

ރައީސް ޔާމީންނަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމާއި ގުޅޭގޮތުން އެ ހުކުމް އިއްވި ގާޒީންތަކެއް ދައްކަވާފައިވާ ވާހަކަތަކެއް ލީކުވި އޯޑިއޯގެ ވާހަކަ ފާހަގަކުރައްވާ އެމަނިކުފާނު ވަނީ، އޭގެ ހަގީގަތް ހޯދުމަކީ ގާނޫނީ ޝަރުއީ ނިޒާމުން ބެލެންޖެހޭ ކަމަކަށް ނުވަނީތޯވެސް ސުވާލު އުފައްދާފައެވެ.

އަދި ގާނޫނީ ޝަރުއީ ނިޒާމުގެ ބަޔަކަށްވަނީ ހަމައެކަނި ކޯޓު ރޫމެއްތެރޭ ފަސް އަހަރުގެ ހުކުމެއް ކުރުންތޯވެސް ސުވާލުކުރެއްވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.  އޭގެފަހުން އެއް އަހަރާއި ފަސް މަސް ދުވަހު  ޖަލުގައި ހުންނެވުމަށްފަހު ގޭ ބަންދަށް ވަޑައިގެންފައިވަނީ މިދިޔަ އެޕްރީލް މަސްތެރޭގައެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދިޔުމާއި ގުޅިގެންނާއި އާއިލާގެ ފަރާތުން އެކި ފަހަރުމަތިން އެގޮތަށް އެދިފައިވަނިކޮށެވެ. 

ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށް ރައީސް ޔާމީން މިނިވަންވީ މިދިޔަ އަންގާރަ ދުވަހުއެވެ. ޖަލުން މިނިވަންވި ނަމަވެސް މިހާރު ހުންނެވީ ޕާސްޕޯޓު ހިފަހައްޓާފައެވެ. 

އެމަނިކުފާނުގެ މައްޗަށް ކުރާ އިތުރު ދައުވާތަކެއް އަދިވެެސް ކޯޓުގައި އެބައޮތެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލާގައި ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތެއްގެ އިތުރުން ވ. އާރަށު މައްސަލައިގައި ކުރާ މަނީ ލޯންޑަރިންގެ ދައުވާތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް