ލޯކަލް ކައުންސިލްތަކުގެ އޮޑިޓް ބިޑް ކާމިޔާބު ކޮށްފައިވަނީ ދިވެހި 8 އޮޑިޓްފާމް އަކުންނެވެ. އެ ފާމް ތަކަކީ ކްރޯ މޯލްޑިވްސް، އެފް.ޖޭ.އެސް އެސޯސިއޭޓްސް، އެމް.އެޗް.ޕީ.އޭ، އެފް.ސީ. އެލް.އެލް.ޕީ، މައިލްސް އެންޑް އެސޯސިއޭޓް، ޕްރޫޑަންޓް ޗާޓާޑް، މެކްރޯ އެޝުއަރަންސް އަދި އޮޑިޓް ސްޓޭންޑާރޑް އެލް.އެލް.ޕީ އެވެ. އެގޮތުން 110 ލޯކަލް ކައުންސިލްގެ 2020ވަނަ އަހަރުގެ ފައިނޭންސިއަލް ސްޓޭޓްމަންޓް އޮޑިޓް އަދި 2021ވަނަ އަހަރުގެ ކޮންޕްލަޔަންސް އޮޑިޓް ވަނީ 30 މެއި 2022ގެ ކުރިން ނިންމުމަށް ފާމްތަކާ ހަވާލުކޮށްފައެވެ.
2020ގެ ފައިނޭންޝަލް އޮޑިޓާއި 2021ގެ ކޮމްޕްލަޔަންސް އޮޑިޓް ކުރުން ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި، އޮޑިޓްތައް އައުޓްސޯސްކުރުމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ މިކަން މިގޮތަށް ކުރައްވާފައިވަނީ އޮފީހަށް އިތުރު ސްޓާފުން ވައްދައި ދައުލަތަށް އިތުރު ހަރަދުތަކެއްކުރުމުގެ ބަދަލުގައި އޮޑިޓްގެ މަސައްކަތުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް އެބޭފުޅުން ކުރައްވާ އޮޑިޓްތައް، އޮޑިޓް އޮފީހުން ރިވިއުކޮށް އޮޑިޓްތައް ނެރުމުގެ ވިސްނުންފުޅުގައި ކަމަށެވެ.
މީގެ އިތުރުން އައުޓްސޯސްކުރާ އޮޑިޓް ފާމް ތަކުން ކުރާ އޮޑިޓްތަކުގެ ފެންވަރު ރަނގަޅު ކަމުގައިވާނަމަ 2022ގެ އޮޑިޓް ތައްވެސް ކޮންޓްރެކްޓް އުސޫލުން ހުޅުވާލައި 2 އަހަރަށް ނުވަތަ 3 އަހަރަށް ހަވާލުކުރާނެ ކަމުގެ ވިސްނުން ގެންގުޅުއްވާކަމަށްވެސް ފާހަގަ ކުރެއްވިއެވެ.
ނިޔާޒީ ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓްތައް ކުރިކަމުގައި ވިޔަސް އޭގެ ކުރީ އަހަރެއްގެ ސްޕެޝަލް އޮޑިޓެއް އައިސްފި ކަމުގައި ވާނަމަ އެ އޮޑިޓް ކުރައްވާނެ ކަމަށެވެ.
ކޮވިޑާއި ގުޅިގެން މަޑުޖައްސާލެވިފައިވާ ކައުންސިލްތަކަށް ބާއްވާ ޓްރޭނިންގް ތައްވެސް 2022ވަނަ އަހަރު ކައުންސިލްތަކާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައި ކަމުގައިވެ ނިޔާޒީ ވިދާޅުވިއެވެ. އިއްޔެއަކީ އޮޑިޓް އޮފީހުގެ 73ވަނަ އަހަރީ ދުވަސްކަމުން އޮޑިޓަރ ޖެނެރަލްވަނީ ދުވަހުގެ ތަހުނިޔާ އޮޑިޓަރ ޖެނެރަލްކަން ކުރެއްވި އެންމެހައި ބޭފުޅުންނަށާއި އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް އަރިސްކުރައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށްޓަކައި 2019ވަނަ އަހަރު ޤާނޫނަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުން ކަމަށެވެ. އެހެން ކަމުން 2022 ވަނަ އަހަރަށް ކައުންސިލްތަކަށް 1.5ބިލިއަން ރުފިޔާ ވަނީ ބަޖެޓް ކުރެވިފައިވާ ކަމަށާއި، އޭގެ އިތުރުން ކައުންސިލްތަކުގެ ޤާނޫނަށް ގެނެވުނު ބަދަލުތަކުގައި އިތުރަށް މާލީ ގޮތުން ތަނަވަސްކަން ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެއްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ޕްރައިވެކްޓް ސެކްޓާ އޮޑިޓް ފާމްތައް ބައިވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މިނެންގެވި ފިޔަވަޅަށްވަނީ މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން މެމްބަރ ނިޔާޒް ވަނީ އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީސްތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ވަޒީފާ އުފެދި އިޤްތިސޯދަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އެލް.ޖީ.އޭ ގެ ސީ.އީއޯ އަފްޝަން ލަތީފް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އެލް.ޖީ.އޭއިން ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުމުގެ މަސައްކަތްތަކަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއްދެއްވާ ކަމަށެވެ. ކައުންސިލްތައް ޒިންމާދާރު ކުރުމަށް ފައިނޭންޝިއަލް ރެސްޕޮންސިބިލިޓީގެ ވާހަކަ ދައްކާއިރު އެކަން ފުރިހަމަކުރުމަށްޓަކައި އެންމެ އިސްރޯލެއް އަދާކުރެއްވޭނީ އޮޑިޓަރ ޖެނެރަލަށް ކަމުގައި ވިދާޅުވިއެވެ.