ads
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
މީޑިއާތަަކަށް ރިޝްވަތުގެ ތުހުމަތު ކުރައްވަން ޔާމީން ލަދުގަންނަން ޖެހޭ: ވިސާމް
މީޑިއާތަަކަށް ރިޝްވަތުގެ ތުހުމަތު ކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ލަދުގަންނަން ޖެހޭ ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ނޫސްވެރިން ތިބެނީ އިންޑިއާގެ އެމްބަސީން ދޭ ލާރި ނަގައިގެން ކަމުގެ ތުހުމަތު ކުރައްވާފައެވެ. 

މިކަމަށް ރައްދުދެއްވާ މެމްބަރު ވިސާމް ވިދާޅުވީ، މީޑިއާތަަކަށް ރިޝްވަތުގެ ތުހުމަތު ކުރައްވަން ޔާމީން ލަދުގަންނަން ޖެހޭ ކަމަށާއި، އަބުރުގެ ގާނޫނު ފާސްކޮށް، މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރީ ރައީސް ޔާމީން ވެރިކަމުގައި ކަމަށެވެ. 

އަދި ނުހައްގުން ނޫސްވެރިން ހައްޔަރުކޮށް ޖަލަށްލީ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ލިޔާތީ ބިރު ދައްކަންކަމަށްވެސް ވިޝާމް ވިދާޅުވިއެވެ.

ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ހުކުމަކުން ސަލާމަތްވެވަޑައިގަތުމުން އެމަނިކުފާނާއިމެދު ހުކުމް ކުރަން ނޫސްތަކުން ފަށައިފި ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި މިނިވަންކަމާއިއެކު ނޫސްތައް ހިންގަން ޖާގަދިންކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގައި މިނިވަންކަމާއިއެކު ހިނގަނީ އޮންލައިން ނޫސްތައް އެކަނިކަމަށާއި، އެހެން ހުރިހާ ނޫސްތައް އޮތީ ސަރުކާރުގެ ޖީބުގައި ކަމަށެވެ. 

ރާއްޖޭގައި ނޫސްވެރިން އެންމެ މިނިވަންކަން ދަށް ނޫސްވެރިކަމެއް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ޕްރެޝަރާއިއެކު 2016ވަނަ އަހަރު “ސީއެންއެމް”ހުއްޓުވާލިއެވެ.

އަދިވެސް އިތުރު ގިނަ ނޫސްތަކެއް ހުއްޓާލަން ޖެހުނެއެވެ. އެގޮތުން ދުވަހު ނޫސް ހަވީރު، އައްޑޫ ލައިވް، ދި ޓީވީ ހުއްޓާލަން ޖެހުނުއިރު، ބޮޑެތި އަދަދުތަކުން ޗެނަލުތައް ދިޔައީ ޖޫރިމަނާ ވެސް ކުރަމުންނެވެ.

އެކަންތައް ބޮޑުވެ، ނޫސްވެރިން މަގުމައްޗަށް ނިކުމެ މުޒާހަރާވެސް ކޮށްފައިވެއެވެ. އެތައް ނޫސްވެރިންނެއް ހައްޔަރުވެސް ކުރިއެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް