ads
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތީގައި އުޅަނދުތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: ވީނިއުސް
ދެކުނަށް މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި
މޫސުން ގޯސްވެ ރާއްޖެއަށް ކުރާ ވިއްސާރައިގައި ދެކުނު އަތޮޅުތަކަށް މިއަދު ވައިޓް އެލާޓެއް ނެރެފި އެވެ.

ވައިޓް އެލާޓް ނެރެފައިވަނީ އުތުރުގެ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. އެ އަތޮޅުތަކަށް އެލާޓް ނެރެފައި ވަނީ މެންދުރުފަހު 8:15 އިން 14:00 އާއި ހަމައަށެވެ.

އެލާޓް ނެރެފައިވާ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ އެ ވަގުތު ތަކުގައި އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓްއޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑު ދަތުރު ކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުތައް ރޭވުމަށެވެ.

މި ދުވަސްވަރަކީ މޫސުން ރަނގަޅުވެ ދެކުނަށް މަސްވެރިކަންވެސް ވަރަށް ރަނގަޅު ދުވަސް ވަރެކެވެ. އެހެންނަމަވެސް މިހާރު މޫސުން ގޯސްވެ ކަނޑުދަތުރު ކުރުމަށް ހުރަސް ތަކެއް ކުރިމަތިވާނެއެވެ. 

ދަތުރަށް ފުރުމުގެ ކުރިން އަންގަން ޖެހޭ ފަރާތްތަކަށް ދަތުރުގެ މައުލޫމާތު އެންގުމަށާއި އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރިތޯ ރަނގަޅަށް ޗެކްކުރުމަށް ކޯސްޓުގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން މުދާ އުފުލާ އުޅަނދު ފަހަރުގައި މުދާ ބަރުކުރާއިރު އޮންނަ ގަވާއިދުތަކަށް އަމަލުކުރުމަށާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ވެސް އެ ބަޔާނުގައި ވަނީ އަންގާފައެވެ.

މީގެ އިތުރުން ވެސް ފަޅު ތެރޭގަ އާއި ފަޅުން ބޭރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރުތައް ރަނގަޅަށް ބެލެހެއްޓުމަށާއި ދިޔަ ހިއްކުމަށް ވެސް ކޯސްޓު ގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކަނޑު ދަތުރުފަތުރު ކުރާ އިރު ލައިފްޖެކެޓް އެޅުން މަޖުބޫރު ކަމެއްގެ ގޮތުގައި ދާދި ފަހުން ކަނޑަ އަޅާފައިވާއިރު ލައިފް ޖެކެޓާއި ނުލާ ދަތުރު ކުރުމަކީ މަނާ ކަމެއްކަން ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް