ads
އިންޑިޔާ ސިންފައިން ރާއްޖޭގައި ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް އަންނަނީ
އިންޑިއާ "އިން" އިންޑިއާ "އައުޓް": އިދިކޮޅާއި އެއްކޮޅުގެ ގަދަ ހިފުން
ސަރުކާރުން ވާހަކަ ދައްކަނީ އިންޑިއާ އާ އެއްކޮޅަށެވެ. އިދިކޮޅު، ދެކޮޅީ ސަރުކާރާ އެކަންޏެއް ނޫނެވެ. އިންޑިއާ އާ ވެސް ދެކޮޅެވެ.

"އިންޑިއާ މިލިޓަރީގެ އެންމެ ބޫޓު ޖޯޑެއް ރާއްޖޭގައި ހުރެގެން ނުވާނެ. އިންޑިއާ މިލިޓަރީ ޖެހޭނީ ފައިބަން،" ރައީސް ޔާމީން ދާދި ފަހުން ޖަލު ބަންދުން މިނިވަންވުމާ ގުޅިގެން ކާނިވާ ސަރަހައްދުގައި ބޭއްވި އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އަވަށްޓެރި ރަހްމަތްތެރި ބައެއްގެ ގޮތުން އިންޑިއާއަށް އިހްތިރާމް ކުރައްވާ ކަމަށާއި، އެކަމަކު އަޅުގަނޑުމެންގެ އަމަން ބަލަހައްޓާކަށް މިތާނގައި އިންޑިއާ ސިފައިން ތިބެން ނުޖެހޭނެކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެއީ މިސަރުކާރުގެ ހިޔާނާތްތެރި ރޭވުން ކަމަށާއި، އަނެއްކާ ވެސް ޖަލަށް ގެންދަންޏާ ގެންދަން ވީކަމަށެވެ. 

ރައީސް ޔާމީން ވިދާޅުވީ މިވާހަކައަކީ ވަކި ފެންވަރެއްގެ ބަޔަކު ދައްކާ ވާހަކައެއް ކަމަށް، ބައެއް މީހުން ވާހަކަ ދައްކާކަމަށާއި އެހެން ނަމަވެސް އެކަން ދޮގު ކުރައްވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެވާހަކަފުޅު ދައްކަވަނީ ރަސްމީ ހައިސިއްޔަތުން ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ރައީސް އަދި ކުރީގެ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ. 

your imageރައީސް ޔާމީން ޖަލްސާއެއްގައި

"އިންޑިއާ އަސްކަރިއްޔާ ޖެހޭނީ މިރާއްޖެއިން ފައިބަން. އިންޑިއާ އަސްކަރިއްޔާ އަކަށް ރާއްޖެއަކު ޖާގައެއް ނެތް،"  ރައީސް ޔާމީން ހަރު އަޑުން ވިދާޅުވިއެވެ. 

ދިވެހި ސިފައިންނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެބޭފުޅުން (ދިވެހި ސިފައިން) ކުރަންޖެހޭނީ ސަރުކާރުން ބުނާ ކަންކަން ނޫންކަމަށާއި، ހުވާ ކުރައްވައިގެން ތި ތިއްބެވީ އިސްލާމް ދީނާއި މިނިވަންކަން ދިފާއު ކުރަން ކަމަށެވެ. 

އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރަންޖެހޭނެކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި އިރު އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާ އާއެކު ވަނީ އިންޑިއާގެ މިލިޓަރީ އާ އެކު އެމްއޯޔޫތަކެއްގައި ސޮއިކޮށްފަ އެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ނިމުނު އިރު ވެސް އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހެލްކޮޕްޓަރު ތަކުގައި ހަރަކާތްތެރި ވަމުންދިޔަ އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.

އެހެންނަމަވެސް ސަރުކާރުގެ ވާހަކަތައް ތަފާތެވެ. ބުނަނީ އިންޑިއާގެ އެހީތެރިކަމާ ނުލައި ބަވަނަވެފައިވާ މިދުނިޔޭގައި މިހާރު ކުރިއަށް ދިއުމަކީ ދަތި ކަމަކަށް ވާނެ ކަމަށެވެ.

ބޭރުގެ ގުޅުންތަކާބެހޭ ތަޖުރިބާކާރަކު ވިދާޅުވެފައިވާގޮތުގައި ރައީސް ޔާމީން ބޭނުންފުޅުވި ނަމަ ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިންނަށް އެމަނިކުފާނުގެ ވެރިކަމުގައި ނުތިބެވޭނެ އެވެ.

" އޭރު (ރައީސް ޔާމީން ވެރިކަމުގައި) އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރަން ހަގީގަތުގައި ރައީސް ޔާމީން ބޭނުންފުޅުވި ނަމަ އެންމެ ދުވަހަކު ވެސް އިންޑިއާ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ. އެކަން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ނަން ހާމަކުރަން ބޭނުންނުވާ ކުރީގެ ފޮރިން މިނިސްޓަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެވޭނީ ރާއްޖެއިން އެ ސިފައިން ބޭތިއްބީމަ ކަމަށާއި އަދި ވަކިން ހާއްސަކޮށް އިންޑިއާ ސިފައިން ރާއްޖޭގައި ގަދަބާރުން ތިބުމުގެ މަންފާ އިންޑިއާއަށް ކުޑަ ކަމަށެވެ.

" ނިކަން ބައްލަވާ އިންޑިއާއިން އެ އުޅެނީ އދ، ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ހޯދަން. އެކަމަށް މަސައްކަތް ކުރާއިރު ގަދަބާރުން ރާއްޖޭގައި އިންޑިއާ ސިފައިންގެ ބަޔަކު ރާއްޖެއިން ފޭބުމަށް ސަރުކާރަކުން ސީރިޔަސް ކަމާއެކު ބުނީމަ ނުގޮސް ތިބޭ ނަމަ އަޅަން ޖެހޭ  ފިޔަވަޅުތައް ހުންނާނެ. ނަމަވެސް އެ ފަދަ އެއްވެސް ކަމެއް ނުކުރައްވާ ރައީސް ޔާމީން ހުންނެވި ހުންނެވުމުން ޔަގީން ވަނީ ހަގީގަތުގައި ވެސް ރައީސް ޔާމީން ބޭނުންފުޅު ނުވިއްޔޭ އިންޑިއާ ސިފައިން ރާއއްޖެއިން ބާލަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ގަދަބާރުން ތިބޭ ނަމަ އިންޑީއާއިން އދ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ހޯދުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ނާކާމިޔާބުމުގެ ފުރުސަތު ބޮޑުކަން އިންޑިއާގެ ވެރިންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ދައްކަަމުން އެ ގެންދަވާ ވާހަކަފުޅަކީ ދެކޮޅު ޖެހޭ ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި އެ ވާހަކަފުޅު އެ ދައްކަވަނީ ރައްޔިތުންނަށް އޮޅުވާލެއްވުމަށް ކަމަށާއި އިންޑިއާ އަށް އެ ގައުމުގެ ސިފައިން ރާއްޖޭގައި ގަދަބާރުން ބައިތއްިބައިގެން ލިބޭ މޮޅަށް ވުރެ ރާއްޖެއިން އިންޑިއާ ސިފައިން ގެންގޮސްގެން ލިބޭ މަންފާ އިންޑިއާއަށް ބޮޑުވާނެ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް އިދިކޮޅުންވަނީ ތަފާތު އެއްވުންތައް ބާއްވާފައެވެ. އެކަން އަދި ވެސް ދާނީ ކުރިއަށްކަން ރައީސް ޔާމީނުގެ ވާހަކަފުޅުން އެނގެއެވެ. ދޫކުރުމެއްނެތި އެކަން އިދިކޮޅުން ކުރާނެއެވެ. އެކަމަކު ސަރުކާރުން ތަކުރާރުކޮށް އިންޑިއާ އާ އެއްކޮޅަށް ހުއްޖަތްތައް ދަނީ ދައްކަމުންނެވެ. އިންޑިއާގެ އެހީތެރިކަން ރާއްޖޭގެ ހުރިހާ ކަމަކަށް ވެސް ބޭނުންވާ މިންވަރު ސާބިތު ކޮށްދިނުމަށް މަޖިލީހުގައިވެސް ދަނީ އެތައް ވާހަކަ ތަކެއް ދައްކަމުންނެވެ. 

your imageމަޖިލިސް ޖަލްސާއެއް ކުރިއަށްދަނީ.. ފޮޓޯ/މަޖިލިސް

"ރާއްޖެއަކީ އެއްބައިވަންތަ ގައުމެކެވެ. އެއްބައެއް ވަންތަ ގައުމެކެވެ. އެއްދީނަކަށް އުޅޭ އެއް ބަހަކުން ވާހަކަ ދައްކާ ބައެކެވެ. އެކުވެރި ބައެކެވެ. އެ އެކުވެރިކަން ދައްކާ ބައެކެވެ. އެމީހުންގެ ބޮލަކަށް ޗިޕެއް ނުޖެހޭނެއެވެ. ގައުމަށްޓަކައި ގުރުބާން ވާނެއެވެ." މިއީ ސިޔާސީ ކޮންމެ މީހަކުވެސް މިވާހަކަ ދައްކާ ގޮތެވެ. އެއްކޮޅަސް ދެކޮޅަސް ވެހެވެ. 

އެކަމަކު މިހާރު މިފެންނަނީ އިންޑިއާ މައްސަލާގައި އިންތިހާއަށް ފިކުރު ތަފާތު ވެފައިވާ ތަނެވެ. ގަދަ ހިފުމަށް ހިފާ ތަނެވެ. އިންޑިއާ މައްސަލާގައި ހަމަ އެއްކަމެއްގައި ވެސް ހިޔާލު އެއްގޮތް ވެފައި ނުވާތަނެވެ. މަންޒަރު ފެންނަނީ ހަމަ އިދި ކީއްޔަށެވެ. އިދިކޮޅުން އަގު ގަދަ ކުރަނީ މަގުމަތީގައެވެ. އެއްކޮޅުން މަޖިލީހުގައެވެ. 

އެއްބައިވަންތަ މިގައުމުގެ އެއްބައިވަންތަ ކަމާމެދު އެއްޗެއް ބުނާކަށް ނެތީމެވެ. ނަމަވެސް ސުވާލަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެ ވިދާޅުވާ ސިރިޔަސްކަމާއެކު އެކަން ނުކުރައްވާ މިއަދު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް މަސައްކަތްފުޅު ކުރައްވާނެކަމަށް އެ ވިދާޅުވަނީ ހަމަ ހަގީގަތުގައި ވެސް އިހުލާސްތެރިކަމާއެކުގަތޯ އެވެ. ރައީސް ޔާމީނަށް ބާރު ލިބިވަޑައިގެން ދުވަހު އިންޑިއާ ސިފައިން ނުބާލާ ފަހަތު ފަޔަށް ބުރެވެގެން ރައީސް ޔާމީނަށް ހުންނެވީ އިންޑިއާއިން ކޮން މަންފާއެއް ހޯއްދެވުމުގެ އުއްމީދުގަތޯ މިއަދު ވިސްނާ ސުވާލު ކުރަންޖެހެ އެވެ. މި ސުވާލަށް ޖަވާބެއް ބޭނުންވެ އެވެ. 

އިންޑިއާ ސިފައިން ގަދަބާރުން ރާއްޖޭގައި ތިބި ވާހަކަ ރައީސް ޔާމީނުގެ ވެރިކަމުގައި ބައިނަލް އަގުވާމީ ފެންވަރުގައި ނުދައްކަވާ ދައުރު ނިންމާލައްވާފައި ގެ އަށް ވަޑައިގެންނެވީ ހަމަ ގައުމަށް ވަފާތެރިވެގެން ނުވަތަ ގައުމަށް ހެޔޮ އެދިގެންތޯ އެވެ. ވެރިކަމުގައި ރައީސް ޔާމީން ނިންމަވާފައިވާ ނިންމުންތަކަށް ބަލާއިރު ގައުމަށްޓަކައި އިންޑިއާ ސިފައިން ރާއްޖޭގައި ގަދަބާރުން ތިބި ވާހަކަ ބައިނަލް އަގުވާމީ ފެންވަރުގައި ނުދައްކަވާ ހިމޭނުން ހުންނެވި ހުންނެވުމަކީ ގައުމަށް ދިން ނުހަނު ބޮޑު ގެއްލުމަކަށް ނޫނީ ނުވާނެތާ އެވެ. 

މިހާރު އިންޑިއާ ސިފައިން ރާއްޖެއިން ބާލަން އެވަރަށް އެ މަސައްކަތް ކުރަނީ ގައުމަށް ގެއްލުންވެ މިނިވަންކަމަށް ބުރޫ އަރާފާނެތީ އެވެ. އެ ފަދަ ކަމެއް ހިނގާފާނެކަމަށް ރައީސް ޔާމީނަށް މިފެނިވަޑައިގެންނެވީ ރައީސް ކަމުގެ މަގާމު ގެއްލި އެހެން ބަޔަކަށް ވެރިކަން ލިބުނީމާތޯ އެވެ. ފަސް އަހަރު ތެރޭގައި އިންޑިއާ ސިފައިން ބޭލުމަށާއި އެ މީހުން ތިބެގެން ރާއްޖެއަށް ގެއްލުން ލިބޭނެކަމުގެ ތަސައްވަރު އޭރު ރައީސް ޔާމީނަށް ނުކުރެއްވުނީތޯ އެވެ. އެހެން ވެއްޖެ ނަމަ ރައީސް ޔާމީނަށް ދުރުވިސްނިވަޑައިގަންނަވާކަމަށް އެ ވިދާޅުވާ ވާހަކަފުޅަކީ ވެސް ހަގީގަތަކަށްނުވީތާ އެވެ. ނުވަތަ އޭރު އިންޑިއާ ސިފައިން ރާއްޖެެއިން ބޭލުމަށް އެންމެ ފަހު ހަތިޔާރު ނުނަންގަވާ ހުންނެވީ ހުންނެވުމުން ހޭދަވަނީ ވަނީ ރާއްޖެެއަށް ގެއްލުމެއް ލިބުނު ނަމަވެސް ރައީސް ޔާމީނަށް މައްސަލައެއްގެގޮތުގައި ނުފެނުކަމަށް ނޫން ގޮޮތެއް އޮންނާނެތޯ އެވެ. 

އެހެންކަމުން މިހާރު އިންޑިއާ ސިފައިން ބޭރު ކުރުމަށް ދައްކާ ވާހަކަފުޅަކީ ކަނޑައެޅިގެން އެހެން މަގުސަދުތަކެއް ހާސިލުކުރުމަށް ދައްކާ ވާހަކަފުޅަކަށް ނޫނީ ނުވާނެތާ އެވެ. ނަމަވެސް މިހާރު ރައީސް ޔާމީން އިސްވެ ހުންވައިގެން އިންޑިއާ ސިފައިން ބޭރު ކުރުމަށް ހިންގާ ހަރަކާތް ކޮންމެ ކޮޅަކަށް ކުޅިފަސް ލިބުނު ކަމުގައިވިޔަސް ލިބޭ އުފަލާ އަރާމު، ނުވަތަ ދެރަ އާއި ހިތާމަ ތަހައްމަލު ކުރާނީ ހަމަ މިގައުމުގެ ރައްޔިތުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް