ads
ބާގިރު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި އޮންނަތާ ވެސް މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ
ބާގިރު ހޯދަން އަނެއްކާވެސް ފުލުހުން އިއުލާންކޮށްފި
އިންޓަޕޯލް ރެޑް ނޯޓިސް ނެރިގެން ހޯދަމުންދާ ކ. މާލެ/ ވ. ރާހި، މުހައްމަދު ބާޤިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އޭނާ ހޯދުމަށް ފުލުހުން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

އުމުރުން 50 އަހަރުގެ ކ. މާލެ/ ވ. ރާހި، މުހައްމަދު ބާޤިރު ހޯދަން ފުލުހުން 2017 ވަނަ އަހަރު އަދި 2019 އަދި މިއަހަރުގެ ނޮވެމްބަރުގެ ތެރޭގައިވެސް އިއުލާންކުރިއެވެ. 

އޭނާ ހޯދަން ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރިއިރު، އޭނާގެ އަންހެނުން އުމުރުން 38 އަހަރުގެ ޒީނިޔާ މުޙައްމަދު ޒާހިރު ވެސް ހޯދަން އިއުލާންކުރިއެވެ. 

އެފަހަރުވެސް އަދި މިފަހަރުވެސް ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ. އަދި މިފަހަރު އޭނާ ކޯޓަށް ހާޒިރުކުރަން ފުލުހުންނަށް އަމުރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ 09:30 އަށެވެ.

ބާޤިރު އާއި އޭނާގެ ކުރީގެ އަނބިމީހާ ޒީނިޔާ ހޯދަން ފުލުހުން ނޮވެމްބަރު މަހު އިއުލާން ކުރުމުން ޒީނިއާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބާޤިރާއި އޭނާ ކޯޓަށް ހާޒިރު ކުރަނީ ދެމީހުން ކައިވެނި ކޮށްގެން އުޅުނުއިރު ބާޤިރު އުފެއްދި، ޒީނިޔާގެ 1 އިންސައްތަ ހިއްސާ އޮތް ކުންފުންޏެއްގެ ދަރަނީގެ މައްސަލަތަކާއި ގުޅިގެން ކަމަށެވެ.

އޭނާ ބުނީ ކުންފުނި އުފެއްދުމަށް ފަހު އެ ކުންފުނިން ކުރަމުން ދިޔަ އެއްވެސް ވިޔަފާރިއެއްގައި، އެއްވެސް ހައިސިއްޔަތަކުން އޭނާގެ ބައިވެރިވެފައި ނުވާނެކަމަށާއި އަދި އެއްވެސް ކަމެއްގައި އޭނާ ބައިވެރި ނުވެސް ކުރާކަމަށެވެ.

ދެ މީހުންގެ 12 އަހަރު ވީ ކައިވެނި 2011ގައި ރޫޅައިލުމަށް ފަހު ކުންފުނި ހިންގަމުން ގެންދިޔައީ ބާގިރާއި އޭނާގެ މިހާރުގެ އަނބި މީހާ އަދި އޭރު އެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ އިނގިރޭސި އަންހެނެއް ކަމަށާއި މައްސަލަގަނޑެއްގެ ތެރެއަށް ކުންފުނި ވެއްޓުމާ އެކު އެމީހުން އެޓޯލް ޕެރަޑައިސްގެ މުދާތައް ވިއްކާލުމަށް ފަހު ރާއްޖެއިން ފުރީ ކަމަށެވެ. އަދި އެ ދެމީހުން މިހާރު އުޅެނީ ޔޫކޭގައިކަމަށް އޭނާ ބުނެފައިވެއެވެ. 

ޒީނިޔާ ބުނިގޮތުގައި އެޓޯލް ޕެރަޑައިސް ބަނގުރޫޓް ވުމާއި ބާގިރު ރާއްޖެ ދޫކޮށް ދިއުމުން ވެސް މާ ބޮޑު މައްސަލަގަނޑެއް އުޅޭ ކަމަކަށް ހީނުކުރާކަމަށާއި 2014 ވަނަ އަހަރު އެޓޯލް ޕެރަޑައިސްގެ ދަރަނިތަކުގެ މައްސަލަތައް ސިވިލް ކޯޓުގައި ހިނގަން ފެށުމާ އެކު އޭނާ ކޯޓަށް ހާޒިރުކުރަން ފެށިއެވެ. އޭނާ ބުނީ މައްސަލައިގެ ސީރިއަސްކަން އެގެން ފެށީ އެ ހިސާބުންކަމަށާއި ކުރީ ފިިރިމީހާ ކުރި ކަމެއްގެ ސަބަބުން އޭނާއާއި ދަރިން މިދިއަ ހަތް އަހަރު އުޅެމުން ދަނީ ބޮޑު ހާސްކަމެއްގެ ތެރޭގައިކަމަށެވެ.

ޒީނިޔާ އެފަހަރު ބުނިގޮތުގައި އެމައްސަލަތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮންނަތާ ވެސް މިހާރު ހަތް އަހަރު ވެއްޖެއެވެ. ބާގިރު ހޯދަން އެތައް ފަހަރަކު ފުލުހުން އިއުލާން ކޮށް ކާމިޔާބު ނުވެގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި އޮންނަތާ ވެސް މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ އޭނާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް