ads
އުމަރު ނަސީރު--
ދައުވާ އާއިމެދު ގޮތެއް ނިމެންދެން އުމަރު ނަސީރު 2023ގެ ކެމްޕެއިން މެދުކަނޑާލައިފި
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވާފައިވުމާއި ގުޅިގެން 2023 ގެ ކެމްޕެއިން އޭނާ މެދު ކަނޑާލައިފިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ދައުވާ ކުރިކަން އެންގުމުން އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭނާ މަގާމުގައި 2015 ވަނަ އަހަރު ހުންވައިގެން، ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީ އިން ތުހުމަތު ކުރާކަމަށް ބުނެ، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވަން މިއަދު އަންގާ ނިއްމާފައިވާކަމަށެވެ.

އުމަރު ވިދާޅުވީ މި މައްސަލައިގައި ދައުލަތުން ވަކި ފައިސަލާއެއް ކުރެއްވުމަށް 90 ދުވަހުގެ މުއްދަތަށް ރިޔާސީ ކެމްޕޭން ވަގުތީގޮތުން މެދުކަޑާލައިފައިވާކަމަށެވެ.

"ދިވެހި ދައުލަތުގެ މަތީ މަޤާމް ތަކަށް އަންނަ މީހުންނަކީ ފަސްބައިގައި އެއްވެސް ކިލަބު ކަމެއްނެތް މީހުންނަށް ވާންޖެހޭނެ ކަމަށް އަޅުގަޑު އަބަދުވެސް ދެކެން". - އުމަރު ނަސީރު ވިދާޅުވިއެވެ.

އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލާގައި އެ ކޮމިޝަނުން ކުރީގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް އުމަރު ނަސީރު (ހ.ދޮންޖޭމުގެ / ކ.މާލެ) ގެ މައްޗަށް ދަޢުވާކުރުމަށް އެދި ހުށަހަޅާފައިވަނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްޢުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކަމުގައެވެ.

މި މައްސަލައިގެ ތަހުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކޮށްފައިވާ އިޢުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ ބޭރުން، އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ކަމުގައިވެސް އެސީސީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އޭސީސީގެ ބަޔާނުގައި ވާގޮތުން، މި މަސައްކަތަށް ހޯމް މިނިސްޓްރީ ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑ ގެ ޙިއްސާދާރުންގެ ތެރޭގައި ހިމެނޭ 04 ފަރާތަކީ ވެސް އުމަރު ނަސީރުއާ ގާތްގުޅުން އޮންނަ ފަރާތްތަކެކެވެ.

އޭގެތެރެއިން ދެ ހިއްސާދާރުންނަކީ ޢުމަރު ނަސީރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (2009) ގެ ބާބު 15 ގެ ތިން ވަނަ މާއްދާގެ (ނ) ގެ އަށެއްގައި، ގައި ބަޔާންކޮށްފައިވާގޮތަށް އެފަރާތްތަކަކީ ޢުމަރު ނަސީރުގެ ކްލޯޒް އެސޯސިއޭޓުންނެވެ. އެހެންކަމުން، ސްޓެލްވާޓަކީ އުމަރު ނަސީރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއް ކަމަށާއި އަދި ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު ނަސީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއަރގެ ގޮތުގައި އުމަރު ނަސީރު ބައިވެރިވެފައިވާ ކަމަށްވެސް މި މައްސަލައިގެ ތަފްސީލް ހާމަ ކުރެއްވުމަށް އޭސީސީން އާންމު ކޮށްފައިވާ ބަޔާނުގައި ހާމަ ކޮށްފައި ވެއެވެ.

ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ އެ ހިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަމަށް ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައި ވީނަމަވެސް، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވާއިރު، ތަކެތި ގަތުމާއި ހިދުމަތް ހޯދުމަށް، މަސައްކަތާ ހަވާލުވާނެ ފަރާތެއް ކަނޑައަޅަންވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ 8.20 ގައި ބަޔާންކޮށްފައިވާއިރު، މި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައިނުވާކަމަށް އޭސީސީގެ ބަޔާނުގައި އިތުރަށް ފާހަގަ ކުރައްވާފައި ވެއެވެ.

ހަމައެއާއެކު، ހަމައެކަނި ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް އެ މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމުގެ ހުއްދައަށް އެދި، އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި އުމަރު ނަސީރު ސޮއިކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީ ފޮނުވާފައިވާކަން ތަހްގީގުން ފާހަގަކުރެވިފައި ވާކަމަށް އެ ބާނުގައި ވެއެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގެ 8.20 އާ ހިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާ ދިނުމަށްކަން މައްސަލައިގެ ތަހްގީގުން އޭސީސީއަށް ފާހަގަ ކުރެވިފައި ވެއެވެ.

އޭގެއިތުރުން، ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެކަމަށް ބަޔާންކޮށްފައިވާ 500,000 (ފަސްސަތޭކަހާސް ރުފިޔާ) ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައިވަނީ އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށްކަމާއި، އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަން ކޮމިޝަންގެ ތަހްގީގަށް ހާމާވެފައިވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން، އެ މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް އުމަރު ނަސީރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން އެ މައްސަލައިގެ ތަހްގީގުން އެނގެން އޮތްކަމަށް އޭސީސީން ވަނީ ބުނެފެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް