ads
ފޮޓޯ: ޑރ. މުހައްމަދު މުއިއްޒު----
ކޮތަރު ކޮށި ޖަލްސާއަށް ހުރަސް އަޅަމުންދާ ފުލުހުންނަށް ޑރ. މުއިއްޒުގެ އިންޒާރެއް!
އަންނަ ހުކުރު ދުވަހު ޕީޕީއެމްގެ ފަރާތުން ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ " ކޮތަރު ކޮށި" ޖަލްސާއަށް ފުލުހުން ހުރަސް އަޅަމުންދާތީ ފުލުހުން ގާނޫނީ ގޮތުން ޖަވާބުދާރީ ކުރާނެ ކަމުގެ އިންޒާރު މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ކޮތަރުކޮށި" ނަމުގައި ޕީޕީއެން ޕީއެންސީން ހުކުރު ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ "ހިޔާ ޕާކު"ގައި ބާއްވަން ނިންމާފައިވާ ޖަލްސާގެ ތައްޔާރީތައް އެ ކޯލިޝަނުން މިއަދު ހަވީރު ވަނީ ފަށާފައެވެ. ނަމަވެސް ޖަލްސާގެ ތައްޔާރީތައް ކުރިއަށް ދަނިކޮށް ފުލުހުން އެ ސަރަހައްދަށް ގޮސް އެކަން ހުއްޓުވަން މަސައްކަތް ކޮށްފައިވެއެވެ. 

އެކަމާއި ގުޅިގެން ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައިއޮންނަ ސަރަޙައްދެއްގައި ސިޔާސީޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން، އެކަމަށް ހުއްދަދިނީ އެ ކައުންސިލުން ކަމަށެވެ. އެ ހުއްދަ ކައުންސިލުން ވަނިކޮށް އެހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސްއަޅުއްވަމުންދާތަން ފެންނަމުންދާތީ އެކަމުގައި ފުލުހުން ޤާނޫނީގޮތުން ޖަވާބުދާރީކުރުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. 

އެޖަލްސާއަށް ހުއްދަ ދީފައިނުވާނެ ކަމަށް އެޗްޑީސީން ދަނީ ބުނަމުންނެވެ. އަދި އެމައްސަލަ މިހާރުވަނީ ފުލުހަށްވެސް ހުށައަޅާފައެވެ. ފުލުހުންގެ އިދާރާގައި އެޗްޑީސީން އެދިފައިވަނީ، އެ ކޯޕަރޭޝަންގެ ހުއްދަ ނުހޯދައި ހަރަކާތް ބާއްވާނަމަ އެކަން ހުއްޓުވައިދިނުމަށެވެ. ފުލުހުން މިއަދު ޖަލްސާގެ ކަންކަން ހުއްޓުވުމަށް މަސައްކަތް ކޮށްފައިވަނީ އެ އެދުމާއި ގުޅިގެން ކަމަށް ބެލެވެއެވެ. 

އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެކޯޕަރޭޝަންގެ ހުއްދަ ހޯދައިގެން ކަމަށާއި ހަރަކާތް ބާއްވާނެ ތަންވެސް ދައްކާނީ އެ ކޯޕަރޭޝަނުން ކަމަށެވެ. ނަމަވެސް އިދިކޮޅުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެޗްޑީސީން ކަމަށާއި ހަރަކާތް ބޭއްވުމަށް އެޗްޑީސީގެ ހުއްދައަށް ޕްރޮގްރެސިވް ކޯލިޝަނުން އެދެފިނަމަ އެ ހުއްދަ ދޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ. 

އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ ހުޅުމާޅޭގެ ފުރަތަމަ ފޭސް 1 އާއި ފޭސް 2 އަށް ސިޓީ ކައުންސިލުން ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލްކޮށް ހުޅުމާލޭގެ އިހްތިސޯސް ސިޓީ ކައުންސިލަށް ނަގާފައެވެ. އެއަށްފަހު ކައުންސިލުން ވަނީ ހުޅުމާލޭގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް ހުއްދަދީފައެވެ. އަދި އެ ހުއްދައާއި އެއްގޮތަށް ޖަލްސާ ކުރިއަށްދާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ފަރާތުން ބުނެއެވެ. 

މާލޭ ސިޓީކައުންސިލުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ރަޖިސްޓްރީ ބާތިލް ކުރަން ހުށަހެޅީ ޑެޕިއުޓީ މޭޔަރު ނަރީޝް އެވެ. ސިޓީ ކައުންސިލަށް މައްސަލަ ހުށައަޅަމުން ނަރީޝް ވިދާޅުވީ ހުޅުމާލެއަކީ ސިޓީ ކައުންސިލުގެ އިހްތިސާސް ތެރޭގައި ހިމެނޭ ތަނެއް ކަމަށެވެ. އަދި އެތަން ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަންގަވާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށް ކައުންސިލަށް ލިބިފައި ނުވާކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންތައްތައް ނުވެގެން ތަކުރާރު ކޮށް ސިޓީ ކައުންސިލަށް ޝަކުވާ ލިބެމުން އަންނަކަމަށެވެ. 

މި މައްސަލައަށް ބަހުސްކޮށް ނިންމުމަށް ފަހު ކައުންސިލުގެ އިއްތިފާގުން ވަނީ ހުޅުމާލެއަށް ހަދާދީފައިވާ ރަޖިސްޓްރީ ބާތިލްކޮށްފައެވެ. އަދި ރަޖިސްޓްރީ ބާތިލް ކުރިކަން ދައުލަތުގެ މުއައްސަސާތަކަށް އެންގުމަށާއި ލާމަރުކަޒީ ގާނޫނާއި އެއްގޮތަށް އަމަލު ކުރުމަށް އެ މުއައްސަސާތަކަށް އެންގުމަށް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް