ads
ރައީސް މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ ފޮޓޯ ރައީސް އޮފީސް
އަންނަ މާޗް މަހުގެ ކުރިން ބާނާ މަހަށް ރަނގަޅު އަގެއް ލިބެން ފަށާނެ: ރައީސް
ސަރުކާރުން އިސްކަންދެނީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކަމަށާ، މިގޮތުން އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރު ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކ. ގާފަރުގައި މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި ކޯވިޑް-19 ގެ ބަލިމަޑުކަމުގައި، މުޅި ދުނިޔެއާ ރާއްޖެ ހުއްޓިގެން ދިޔަ އިރު ވެސް ނުހުއްޓި ހިނގަހިނގާ އޮތް އިގްތިޞޯދުގެ ލޭނާރަކަށްވީ މަސްވެރިކަން ކަމަށާއި، މި ސަރުކާރުގެ މިސްރާބަކީ މައުނަވީ ގޮތެއްގައި، އިޚްލާޞްތެރި ނިޔަތަކާ އެކު، ދެމެހެއްޓެނިވި މަސްވެރި ސިނާޢަތެއް ބިނާކުރުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުން ފެންނަ ބަދަލު ގޮސްނިމޭނީ، ފުރަތަމަ ކުރަންވާ ކަންތައް ފުރަތަމަ ނިންމާ އުޞޫލަށް ކަމަށާއި، އެހެންކަމުން މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައެވެ.

އަދި އޭގެ ފަހަތުގައިވާ ސަބަބަކީ މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރުންކަމަށާއި، އޭރު މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ކަމަށްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ސަރުކާރުން ދީ ޚަލާސް ކޮށްފައިވާކަމަށާއި، އަދި މިހާރުގެ ސިޔާސަތަކީ ގިނަވެގެން ހަފްތާއެއް ތެރޭގައި ކިރާ މަހަށް ފައިސާ ދީ ނިންމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މަހުގެ އަގު ކަނޑައެޅުމުގައި އެންމެ މުހިންމީ މަހުގެ ކޮލިޓީކަން ފާހަގަކުރައްވަމުން ރައީސް ވަނީ މަހުގެ ކޮލިޓީ އެގޮތުގައި ހިފެހެއްޓުމަށްޓަކައި ވަށާޖެހޭ ނިޒާމެއް ސަރުކާރުން ބިނާ ކުރަމުން ދާކަމުގައި ހާމަކުރައްވާފައެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރާ ސަބަބަކީ އެއީ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިޔަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، ކ. ގާފަރުގެ އިތުރުން، ރ. މަޑުއްވަރި އަދި ހއ. ހޯރަފުށީ އައިސްޕްލާންޓްގެ މަސައްކަތް ނިމިފައިވާކަމަށާއި، ފެލިވަރުގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ވަނީ ޤާއިމުކުރެވިފައި ކަމުގައި ވިދާޅުވިއެވެ. އަދި، މީގެ އިތުރުން، އިތުރު 12 އަތޮޅެއްގައި ޖުމުލަ 18 އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމުގައި ރައީސް ހާމަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް