ads
ރައީސް ސޯލިހް ގުރައިދޫގައި
ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވީ އަޅާނުލެވި ތިބުމުން: ރައީސް
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވީ އެފަދަ މައްސަލަތަކަށް މީގެކުރިން އަޅާލެވިފައި ނުވާތީ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވީ އެފަދަ މައްސަލަތަކަށް މީގެކުރިން އަޅާލެވިފައި ނުވާތީ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. 

ރައީސް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީން ކ. ގުރައިދޫގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެއީ ވަރަށް ހިތަމާވެރި ކަމެއް ކަމަށެވެ. އަދި ކުޑަކުދިންގެ މައްސަލަތައް މިހާރު އިތުރުވެގެން އުޅެނީ މީގެކުރިން އެފަދަ މައްސަލަތަކަށް އަޅާލެވިފައި ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންގެ މައްސަލަތަކުގައި އަޅާނުލެވި އޮތުމުގައި ކުރީގެ ސަރުކާރުތަކުގެ އިހްމާލުތަކެއް ފާހަގަކުރެވިފައިވީ ނަމަވެސް އެފަދަ މައްސަލަތަކުގައި މިސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ސަރުކާރުގެ މުވައްޒަފަކު ކުޑަކުއްޖެއްގެ މައްސަލައިގައި އިހްމާލުވެއްޖެނަމަ އެފަރާތަކާ ދެކޮޅަށް މިސަރުކާރުގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ. 

"ޔަގީންކޮށް އަރުވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރަންޖެހޭ އެއްވެސް މުވައްޒިފަކު އެއިން ކަމަކަށް އިހުމާލުވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅު އެ މުވައްޒިފަކާ ދޭތެރޭ އަޅާނެކަން. އަދި ޒިންމާދާރު ކުރުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ފަސްނުޖެހި ކުރާނެކަން،" ރައީސް ވިދާޅުވި އެވެ. 

ބައެއް އެހެން މައްސަލަތަކަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަނާއި މަސްތުވާތަކެތީފގެ މައްސަލަތަކަށް ވެސް މިސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ. ނަމަވެސް ރައީސް ވަނީ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރާ ގުޅިގެން ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންފަ އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅުވައިގެން ރައީސް ވިދާޅުވީ އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ކައުންސިލްތަކަށް ހޮވައިދޭން ޖެހޭ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ އެމްޑީޕީގެ ބަޔަކު އިންތިހާބު ކޮށްދިނުމުން ސަރުކާރުން ރަށްރަށުގައި ކުރަން ނިންމާފައި ހުރި ކަންކަން ކުރަން ފަސޭހަވާނެ ކަމަށެވެ. 

ރައީސްގެ ވާހަކަފުޅުގައި ވަނީ ގުރައިދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށާއި ބިމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް