ads
އެމްޕީއެލްގެ މައި ބަނދަރު
ހެވީ ވެހިކަލް ދުއްވާނެ އަންހެނުން ހޯދަނީ
އަންހެނުންނަށް ހާއްސަކޮށްގެން ހެވީ ވެހިކަލް އާއި ބަސް ދުއްވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.

މާލޭގެ މައި ވިޔަފާރި ބަނދަރު ހިންގާ ކުންފުނި، އެމްޕީއެލް އިން ކޮށްފައިވާ އިއުލާނެއްްގައި ބުނެފައިވަނީ އެ ކުންފުނީގެ އެޕްރެންޓިސް ޕްރޮގްރާމްގައި ހެވީ ވެހިކަލްގެ ތެރޭގައި ހިމެނޭ ފޯކްލިފްޓާއި ޓާމިނަލް ޓްރެކްޓަރާއި އަދި ކްރޭން އޮޕަރޭޓް ކުރުމުގެ ތަމްރީނާއި އަދި ބަސް އޮޕަރޭޓް ކުރުމުގެ ތަމްރީންތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

އެމްޕީއެލް އިން ބުނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ގުރޭޑް 10 ނިންމާފައިވާ ކޮންމެ އަންހެނަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. ހަމަސް ދުވަހަށް ކުރިއަށް ގެންދާ މިޕްރޮގްރާމުގެ ބައިވެރިންނަށް ކޮންމެ މަހަކުވެސް 6000 ރުފިޔާގެ އެލަވަންސެއް ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ. 

އެމްޕީއެލްގެ އިއުލާންގައި ވަނީ މިޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މިކަމާ ގުޅޭ ފޯމާ އެކު ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހެޅުމަށް އެދިފަ އެވެ. 

އެމްޕީއެލް އިން އިތުރަށް ބުނީ މިޕްރޮގްރާމު ނިންމާ ސެޓްފިކެޓް ހާސިލްކުރާ ފަރާތްތަކަށް ހެވީ ވެހިކަލް އޮޕަރޭޓް ކުރުމުގެ ލައިސަންސް ނަގައިދިނުމާއެކު އެމްޕީއެލް އިން ދާއިމީ ވަޒީފާ ހަމަޖައްސައިދޭނެ ކަމަށެވެ. 

މިޕްރޮގްރާމު ނިންމާ ފަރާތްތަކަށް ޓިވެޓް އޮތޯރިޓީގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ދިނުމަށްވެސް ވަނީ ނިންމާފަ އެވެ. 

އަންހެނުންނަށް ހާއްސަކޮށްގެން ހެވީ ވެހިކަލް އާއި ބަސް ދުއްވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ސަރުކާރު ހިއްސާވާ ކުންފުންޏަކުން ފަށަން ތައްުޔާރުވާ މިއީ ފުރަތަމަ ފަހަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް