ads
އެމްއެންޕީގެ ރައީސް ނާޒިމް
"އިންޑިއާ އައުޓް" ކެމްޕެއިން އަކީ ރައީސް ޔާމީން ކުރިއަށް ގެންދަވާ ޖަރީމާއެއް: ނާޒިމް
އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިނުވުމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، އެމްއެންޕީ އިން "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރި ނުވާނެ ކަމަށާއި، އަދި އެކަމުގައި ރައްޔިތުން ބައިވެރި ނުވުމަށްވެސް އެދޭ ކަމަށެވެ.

އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިން ދިވެހި ރާއްޖޭގައި ތިބުމަށް އެމްއެންޕީއިން ރުހިގެން ނުތިބޭނެ ކަމަށާއި، އެހެން ނަމަވެސް އިދިކޮޅު ޕީޕީއެމް އަދި ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދާ އެ ކެމްޕެއިން އަކީ ޖަރީމާއެއް ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ނާޒިމް ވިދާޅުވީ، "އިންޑިއާ އައުޓް" ކެމްޕެއިން އަކީ، ގައުމީ ކެމްޕެއިން އެއްގެ ގޮތުގައި ސިފަ ނުކުރެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހީނަރުވެ ރާއްޖެއަށް އިގްތިސާދީ ގޮތުންވެސް ގެއްލުމާއި ކުރިމަތި ލާންޖެހިދާނެ ކަމަށެވެ. 

އެމްއެންޕީއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ، ރާއްޖޭގެ އަމިއްލަވަންތަކަން ދަމަހައްޓަން ބައިނަލްއަގްވާމީ މުޖުތަމައުގައި ފުރިހަމަ މިނިވަންކަމާ އެކު އޮވެ، ބޭރުގެ ވަކި ގައުމަކަށް ނުވަތަ ވަކި ބާރަކަށް ބޯނުލަބައި ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅޭ ހުރިހާ ގައުމަކާ ވެސް އެކުވެރި ގައުމަކަށް ހެދުމަކީ އެމްއެންޕީގެ ލަނޑުދަނޑިއެއް ކަމަށް ވިދާޅުވެފައެވެ. 

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ފުޅާ ކުރުމަށް ރައީސް ޔާމީން ވަނީ މިދިޔަ ހަފްތާގައި މާލެ އަތޮޅުގެ 02 ރަށަކަށް ވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް