ads
އިންޑިއާ އެމްބަސީއާއެކު މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން ފޮޓޯ މޯލްޑިވްސް މީޑިއާ ކައުންސިލް
އިންޑިޔާއިން ދިވެހި ނޫސްވެރިންނަށް ފުރުސަތުތަކެއް ހޯދައިދެނީ
ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނާއެކު މަޝްވަރާކޮށްފި އެވެ.

މިއީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާގެ ތަޢުލީމީ ޚިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރަމުންގެންދާ މަސައްކަތެއް ކަމަށް މީޑިއާ އެކައުންސިލުން ބުނެއެވެ.
މި މަޝްވަރާތަކުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ،ކައުންސިލްގެ މެންބަރު އަލީ ހުސެއިން، މެންބަރު އިބްރާހިމް ފައުޒީ، މެންބަރު މުހައްމަދު ޝަފާއު ހަސަން އަދި ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރެވެ. އިންޑިއަން ހައި ކޮމިޝަނުގެ ފަރާތުން ހައިކޮމިޝަނަރު މެނޫ މަހާވަރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރިތިޝްގެ އިތުރުން ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އިންޑިއާ އަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމް ތަކެއް ހިންގުމަށާއި، އިންޑިއާގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށާއި، އަދި މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް އޮންލައިންކޮށް ހިންގުމަށެވެ. މީގެ އިތުރުން، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ކައުންސިލުން ބުނެއެވެ.

ދިވެހި ރާއްޖޭގައި ހުންނަވާ އިންޑިއަން ހައި ކޮމިޝަނަރު މެނޫ މަހާވަރު ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މީޑިއާ ކައުންސިލަށް ދެއްވާފައެވެ. 

މީގެ އިތުރުން، ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި އިންޑިއާގެ ޕްރެސް ކައުންސިލްއާއި ގުޅުން ބަދަހިކޮށްދެއްވާ، މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް އިންޑިއަން ހައި ކޮމިޝަނަރު ވިދާޅުވި ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް