ads
ޑޮކްޓަރުންނާއި ނަރުހުން އިހްތިޖާޖް ކުރުމުގައި: ފޮޓޯ|އެމްވީ ކްރައިސިސް
ނަރުހުންނާއި ޑޮކްޓަރުން އިހުތިޖާޖު ކުރަން ފަށައިފި
ފްރަންޓް ލައިން އެލެވެންސް ނުދީ ގިނަ ދުވަސް ވެފައިވުމުން، އިއިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ފްރަންޓް ލައިން އެލެވެންސްގެ މައްސަލައާއި ގުޅިގެން އައިޖީއެމްއެޗްގެ ގިނަ ނަރުހުން ތަކެއް މިއަދު ވަނީ އައިޖީއެމްއެޗްގެ އެޗްއާރު ޑިޕާޓްމަންޓުގައި އިހުތިޖާޖު ކުރަން ފަށާފައެވެ. ނަރުހުން ދަނީ ހޮސްޕިޓަލުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަންޖެހޭ ޝީޓުތައް އެތައް މަސްތަކެއް ވެގެން ދިޔައިރުވެސް ނުފޮނުވާ ލަސް ކުރަމުންދަނީ ކީއްވެތޯ ސުވާލު ކުރަމުންނެވެ. 

ނަރުހުންގެ އިހުތިޖާޖުގައި މީގެ ކުޑައިރުކޮޅެއް ކުރިން ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންވެސް ވަނީ ބައިވެރިވެެފައެވެ. 

ޑޮކްޓަރުންގެ އިތުރުން ގިނަ އަދަދެއްގެ ނަރުހުން ވަނީ ކޮވިޑް 19 ގެ ބަލިމަޑުކަން އެންމެ އިތުރުވެގެން ދިޔަ ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހެދި ފެސިލިޓީތަކުގައި އާއިލާ އާއި ދުރުގައި އެތައް މަސްތަކެއް ހޭދަ ކޮށްފައެވެ. އެގޮތުން ބައެއް ނަރުހުންނާއި ޑޮކްޓަރުން ވަނީ 6 މަސް ދުވަސް ވަންދެން އެއްވެސް ހުއްޓުމެއް ނެތި ބަލިމަޑު ކަމުގެ ތެރޭގައި އިސް ސަފުގައި މަސައްކަތް ކޮށްފައެވެ. 

ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ބުނި އެލެވެންސް ދިނުމުގައި ބޮޑެތި ލަސްތަކެއް ހުރި އިރު، އައިޖީއެމްއެޗް ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ނަރުހުންގެ އިތުރުން ޑޮކްޓަރުންނަށް މިއަދާއި ހަމައަށްވެސް އެއްވެސް ވަރަކަށް އެލެވެންސް ދީފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. 

މިކަމާއި ގުޅިގެން މިއަދު ކުރިއަށްދާ އިހުތިޖާޖުގައި ބައިވެރިވަމުން އަންނަ ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ސީއެންއެމް އަށް މައުލޫމާތު ދެމުން ބުނީ، ހޮސްޕިޓަލުން ދަނީ ޑޮކްޓަރުންނާއި ނަރުހުންގެ އެލެވެންސް ޝީޓް ފިނޭންސް މިނިސްޓްރީއަށް ނުފޮނުވާ ހިފަހައްޓަމުން ކަމަށާއި، ހޮސްޕިޓަލުން ދެކޭ ގޮތުގައި ޑޮކްޓަރުންނާއި ނަރުހުންނަށް މުސާރަ ދެމުން އަންނަ އިރު އިތުރު އެލެވެންސް އެއް ދޭން ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މިއީ އެކަން އޮތްގޮތް ނޫން ކަމަށާއި، އެންމެ ފުރަތަމަ ދުވަހުވެސް ވައުދުވީ ހުރިހާ ފަރާތްތަކަށްވެސް އެލެވެންސް އެއް އުސޫލެއްގެ މަތިން ދިނުމަށް ކަމަށެވެ. 

އައިޖީއެމްއެޗް ގެ އެޗްއާރުގައި މަސައްކަތް ކުރަމުން އަންނަ ފަރާތަކުން ބުނީ، ފޮނުވަންޖެހޭ ޝީޓްތައް ފޮނުވަނީ ފުރަތަމަ ހެލްތު މިނިސްޓްރީ އާއި ކަމަށާއި، ހެލްތު މިނިސްޓްރީން ކޮންމެ ފަހަރަކު އަނބުރާ އެލިސްޓު ފޮނުވާލާ ކަމަށެވެ. އަދި ފަހުން ލިސްޓު ފޮނުވުމަށް ބުނަމުން އަންނަ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ. 

މި މައްސަލާގައި ހޮސްޕިޓަލުން ރަސްމީ ބަހެއް އަދި ބުނެފައި ނުވިނަމަވެސް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ސީއެންއެމް އަށް މައުލޫމާތު ދެމުން ބުނީ، އެ މިނިސްޓްރީއަށް އެލެވެންސް ޝީޓް އަންނަ އުސޫލުން ދެމުން އަންނަ ކަމަށާއި، އެހެން ނަމަވެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޝީޓު އަދި ލިބިފައި ނުވާކަމަށެވެ. އަދި އެ ޝީޓު ހޯދުމަށް ހުދު އެ މިނިސްޓްރީންވެސް އިސްނަގައިގެން އެތައް ފަހަރަކު ހެލްތު މިނިސްޓްރީއަށް އަންގާފައި ވާނެ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ. 

ޑޮކްޓަރުންނާއި ނަރުހުން މިހާރު ކުރިއަށް ގެންދާ އިހުތިޖާޖު ހުއްޓާލާނީ މިކަމާއި ގުޅިގެން އެކަށީގެންވާ ޖަވާބެއް ހޮސްޕިޓަލުން ދިނުމުން ކަމަށާއި، އިހުތިޖާޖުގެ ސަބަބުން އެއްވެސް ބަލި މީހެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށްވެސް ޑޮކްޓަރުންނާއި ނަރުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް