އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި ގަވާއިދުގައި ވާގޮތުން ވިޔަފާރިތައް ގިންތިކުރާއިރު ބަލާނީ، އެ ވިޔަފާރިއެއްގައި މުވައްޒަފުން ހިމެނޭ އަދަދަށާއި އަހަރަކަށް ލިބޭ ޖުމްލަ އާމްދަނީ އަދި އަހަރަކަށް ލިބޭ ސާފު ފައިދާ އަށެވެ.
އެގަވާއިދުގައި ވަނީ އެންމެ ކުދި ވިޔަފާރި އަދި ކުދި ވިޔަފާރިގެ އިތުރުން މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރާނެ ގޮތެވެ.
އެންމެ ކުދި ވިޔަފާރީގެ ގިންތި
- ފަސް މުވައްޒަފުން
- ޖުމްލަ އާމްދަނީގެ ގޮތުގައި އަހަރަކު 500،000 ރުފިޔާ
- ސާފު ފައިދާގެ ގޮތުގައި އަހަރަކު 75،000 ރުފިޔާ
ކުދި ވިޔަފާރީގެ ގިންތި
- ހަ މުވައްޒަފުންނާއި 30 މުވައްޒަފުނާއި ދެމެދު
- ޖުމްލަ އާމްދަނީގެ ގޮތުގައި އަހަރަކު 500،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ހަމައަށް
- ސާފު ފައިދާގެ ގޮތުގައި އަހަރަކު 75،000 ރުފިޔާ އާއި 750،000 ރުފިޔާ އާއި ދެމެދު
މެދު ވިޔަފާރީގެ ގިންތި
- 30 އާއި 100 އާއި ދެމެދުގެ މުވައްޒަފުން
- ޖުމްލަ އާމްދަނީގެ ގޮތުގައި އަހަރަކު ފަސް މިލިއަން ރުފިޔާ އާއި 20 މިލިއަން ރުފިޔާއާ ދެމެދު
- ސާފު ފައިދާގެ ގޮތުގައި އަހަރަކު 750،000 ރުފިޔާ އާއި ތިން މިލިއަން ރުފިޔާ
މި ގަވާއިދުގެ ދަށުން ވިޔަފާރި ގިންތިކުރާއިރު، ވަކި ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި، އެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ އަދަދާއި، ސާފު ފައިދާގެ އަދަދު، އެއިން ގިންތިއެއްގައި ބަޔާންކޮށްފައިވާ ތިން މިންގަނޑުން ކުރެ މިންގަނޑަކަށް ނުފެތޭ ނަމަ، އެ ވިޔަފާރި ގިންތި ކުރާނީ، ކޮންމެ މިންގަނޑަކަށް އިސްކަން ދޭ ހާއްސަ އުސޫލަކުންނެވެ.
އިސްކަން ދޭނެ އުސޫލުތައް
- މުވައްޒަފުންގެ އަދަދު: 40 އިންސައްތަ
- އާމްދަނީގެ ޖުމުލަ އަދަދު: 30 އިންސައްތަ
- ސާފު ފައިދާގެ އަދަދު: 30 އިންސައްތަ