ads
އިންޑިޔާއާ ދެކޮޅު ކެމްޕެއިންގައި ޔާމީން
ފަތުހީގެ ކެމްޕެއިންއަށް ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަންވަނީ
ވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓު މޫސާ ފަތުހީ އާދަމްގެ ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާދަމާ ކޮމަންޑޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ރައީސް ޔާމީން ކޮމަންޑޫ އަށް ކުރައްވާ ދަތުރުފުޅުގައި، ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމުގައިވާ، ށ. ކޮމަންޑޫއާއި އެ އަތޮޅު ފޯކައިދޫއާއި، މަރޮށްޓަށް ވަޑައިގަންނަވާނެ ކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ. އަދި މި ތިން ރަށުގެ އިތުރުން، ށ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ފުނަދުއަށް ވެސް ޔާމީން ވަޑައިގަންނަވާނެ ކަމަށާއި، ފުނަދޫ ރައްޔިތުންގެ އިންތިޒާމް ކޮށްގެން ބާއްވާ އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވުމަށް ހަމަޖެހިފައި ވާކަމަށް ވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަންގެ އިސްވެރިން މިހާރުވެސް ގެންދަވަނީ ފަތުހީގެ ކެމްޕެއިންގެ ހަރަކާތްތައް އެ ތިން ރަށުގައި ފުޅާކޮށް ކުރިއަށް ގެންދަމުންނެވެ. 

މާދަމާގެ ވަގުތެއްގައި ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަންވާއިރު، ކޮމަންޑޫ ދާއިރާއަށް ވެރިކަން ހިންގާ އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިނުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިހާރު ހުންނެވީ އެރަށުގައި ކަން ފާހަގަ ކޮށްލެވެއެވެ. 

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މިބާއްވަނީ އެދާއިރާގައި ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. މެމްބަރު ހުސައިން ވަހީދު އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް