ads
ބަލި ބައްޕައަށް އަނިޔާ ކުރީ އެއްވެސް ރަހުމެއް ނެތި--
ވާގި ނެތިފައި އޮތް ބައްޕައަަކަށް ދަރިއަކު ދިން އަނިޔާ ބިދޭސީއެއްގެ ދުލުން!
މިއީ މީގެ 13 ވަރަކަށް އަހަރު ކުރިން ރާއްޖެ ތެރޭ ރަށެއްގައި، ހިނގި ހަގީގީ ހާދިސާއެކެވެ. އެއްފަޅި ވާގި ނެތިފައިވާ ބައްޕަ ބަލަން ޖެހުނު ދުވަހުު ބައްޕަގެ ފިރިހެން ދަރިއަކު ބައްޕައާ ދޭ ތެރޭގައި އަމަލު ކުރި ގޮތުގެ ވާހަކަ ފުރަތަމަ ފަހަރަށް ބަގްލަދޭޝް ރައްޔިތެއްގެ ދުލުން ކިޔައިދިނީ އޭނާއަށް ވެސް އެ ވަރުގެ ހިތްދަތިކަމެއް ކުރިމަތިނުވާކަމަށް ބުނަމުންނެވެ.

ބައްޕައަކާ ދޭތެރޭގައި ދަރިއަކު ހިތުގައި ރަހުމާއި ކުލުނެއް ނެތް މި ހާދިސާ ހިނގާފައި ވަނީ އުތުރު ރަށެއްގަ އެވެ. ހަލީމް އާއި ސުހާނާ (އަސްލު ނަމެއް ނޫން) ދެ މީހުންގެ ކައިވެއްޏަށް ހަތަރު ދަރިން ލިބިފައި ވާއިރު އެ ދެމެފިރިން ދިރިއުޅެމުން ދިޔައީ އުފާރިކަމާއެކު ރަށުގަ ކަމަށް އޭރު އެ ރަށުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްކަމަށްވާ ހަބީބް ބުންޏެ އެވެ.

ހަބީބް ރާއްޖެ އައިސް ފުރަތަމަ އުޅުނު ގެ އަކީ ވެސް ހަލީމު ގެ ގޭގައި ކަމަށާއި ހަލީމް އަކީ މީހުންނަށް އޯގާތެރި މީހެއްކަމަށް ހަބީބް ބުންޏެވެ. އެ ގޭގައި އުޅުނީ ހަލީމް އާ އެކު ކޮންސްޓެކްޝަން މަސައްކަތުގައި ކަމަށާއި، ހަލީމް އަކީ މަސައްކަތްތެރި، އަދި މީހުންނަށް ކަމޭހިތާ ރަނގަޅު މީހެއް ކަމަށް ހަބީބް ބުންޏެވެ.

ހަލީމުގެ އަމިއްލަ މަސައްކަތުން އެ ރަށުގެ ނެތް ފެންވަރަށް ރީތި ގެއެއް އޭނާ އެޅި އެވެ. އެ ގޭގައި ހަލީމުގެ އާއިލާ އާ އެކު ހަބީބް އެ ގޭގައި ދިރިއުޅޭތާ 10 އަހަރު ފަހުން ހަލީމުގެ އަންހެނުން މަރުވި އެވެ. އަންހެނުން މަރުވި ފަހުން އެ ގޭ ތެރޭގައި ހިނގައިދިޔަ ހާދިސާތައް އޭނާގެ ހަނދާނުގައި ހުރެ އެވެ.

ބަންގްލަދޭޝް މީހެއްގެ ދުލުން ކިޔައިދިން އަސަރު ގަދަ މި ހާދިސާ އަކީ އަޑު އަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. މި މީހާ މިވާހަކަ ކިޔައިދެމުން ދިޔައިރު އޭނާގެ ލޮލުގައި ފޭދެމުން ދިޔަ ކަރުނަ އާއެކު އަހަންނަށް ވެސް ހަމަ ރޮވުނެވެ. 

"އެ ރަހުމެއް ނެތް އިންސާނާ އަށް ދުވަހަކު ވެސް ރަނގަޅު ގޮތެއް މެދުވެރި އެއް ނުކުރައްވާނެ،" ބިދޭސީން ހަލީލުމުގެ ދަރިފުޅަށް ނިސްބަތްކޮށް ބުންޏެވެ.

ހަބީބް ބުނާގޮތުން ހުރިހާ ކަމެއް ވެގެން ދިޔަ އިރު ގޭގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން ހުއްޓަސް އޭނާ އަށް ހަލީމްބެގެ ހުރިހާ ކަމެއް އެނގެ އެވެ. ހަލީމްބެ އޭނާ ގެންގުޅެނީ އަމިއްލަ ދަރިއަކު ފަދައިން ކަމަށް ބުނެ ހަބީބް ވާހަކަތައް ކިޔައިދިނެވެ. އޭނާ ވާހަކަ ފެށީ ހަލީމް އާ އޭނާ ބައްދަލުވި ހިސާބުން ކަހަލަ ގޮތަކަށެވެ.

ހަލީމް އަކީ ކޮންސްޓެކްޝަން މަސައްކަތް ކުރަމުން އައި މީހެއްކަމަށާއި އެހެން ކަމުން އޭނާގެ ތަނަވަސްކަން ވެސް ބޮޑެވެ. އެހެންވެ ހަލީމު ދިރިއުޅޭ ގެ ވެސް ވަރަށް ފެންވަރު ރަނގަޅަށް ހެދި އެވެ. އަދި ދަރިންނަށް ރަނގަޅު ތައުލީމް ވެސް އޭނާ ހޯދައި ދިއެވެ. ހުރިހާ ކުދިން ވެސް މަތީ ތައުލީމް ހާސިލް ކުރީ ރާއްޖެއިން ބޭރުގަ އެވެ. މިއަދު އެކުދިން ތިބީ ރަނގަޅު ވަޒީފާ ތަކުގައެވެ.

ހަބީބު ބުނިގޮތުގައި ހަލީމް މާ ބޮޑަށް ބަލިވާން ފެށި އެވެ. މަސައްކަތް ނުކުރެވޭ ވަރަށް ހާލަތު ގޯސް ވިއެވެ. އެ ބަލިކަމުގެ ތެރެއިން ހަލީމް ވެއްޓި ކަނާއަތް ފަރާތް އެއްކޮށް ވާގި ނެތި ތައްމަތީގައި އޮންނަން ޖެހުނެވެ. ބަލި އެނދުގައި އޮންނަން ޖެހުނު ނަމަވެސް ހަލީމްގެ އަންހެނުން ސުހާނާ އޭނާ ދޫކޮށެއް ނުލައެވެ. އޯގާތެރިކަމާ އެކު އަޅާލުން އިންތިހާއަށް ހަލީމުގެ އަންހެނުން ސުހާނާ އޭނާ އަށް ދެމުންދިޔަ އެވެ.

އެ ބަލީގައި ހަލީމް އޮންނަތާ ހަ މަސް ވެއްޖެ އެވެ. އެއް ދުވަހު ހެނދުނު ސުހާނާ ހޭނުލައިގެން ހަލީމް ސުހާނާ އަށް ގޮވާ ގޮވާ ތެދު ނުވެގެން ބެލިއިރު ސުހާނާ އޮތީ މަރުވެފައިކަން ހަލީމަށް އެނގުމުން އެ ދުވަހު އެ ވަގުތު ހަލީމް ވަރަށް ދެރަވެ ރޮއި ހެދި ކަމަށް ހަބީބް ބުންޏެވެ. ނަމަވެސް ފަހުން އޭނާ ހަމައަކަށް އެޅުނެވެ.

އޭރު ހަލީމްގެ އެއްވެސް ދަރިއަކު ރަށުގައި ނެތް ކަމަށާއި، އެންމެ ކުއްޖަކު ފިޔަވާ ހުރިހާ ކުދިން ތިބީ ރާއްޖެއިން ބޭރުގައި ކަމަށް ހަބީބް ބުންޏެވެ. ސުހާނާގެ ކަށުކަމާ ކެމީގެ ކަންތައް ނިންމާ އެ ދުވަހުގެ މެންދުރު ކުރިން ސުހާނާ ވަޅުލި އެވެ. 

ކޮންމެ ގޮތެއްވިޔަސް ހަލީމް ބެލުމުގެ ހުރިހާ ކަމެއް ހަބީބު އާ ހަވާލުވި ކަމަށް އޭނާ ބުންޏެވެ. ކިތައްމެ ކުޑަ މުސާރަ އެއް ލިބުނަސް ހަބީބު ހަލީމަށް އޯގާތެރިކޮށް ހިތީ ހަލީމުގެ ހެޔޮހާލުގައި ހުރި އިރު ހަބީބާ މެދު ބެހެއްޓި އޯގަތެރި ކަމާއި އަޅާލުމުގެ ސަބަބުންނެވެ. މާ ގިނަ ދުވަހެއްނުވެ ހަލީމްބެގެ ދެ ވަނަ ދަރި ފަތުހީ ރާއްޖެ އައެވެ.

އެކަމާ ހަލީމްބެ ހުރީ ވަރަށް އުފަލުންނެވެ. ނަވެސް އަހަރެން ވެސް ހަލީމް ވެސް ހީކުރި ގޮތާ މުޅިން ޙިލާފަށް ކަންތައް ބަދަލުވެގެން ދިޔައެވެ. 

ފަތުހީ ރަށުން ދިޔައިރު އެއީ ވަރަށް ރަނގަޅު ކުއްޖެކެވެ. ނަމެވެސް ކޮންމެ ރެއަކު މަސްތުގެ ވަބާގައި ހުރެ ގެއަށް އައިސް ބައްޕަ އަތުން ލާރި ނަގަމުންދިޔަ އެވެ. ނުދީފިއްޔާ ބިންމައްޗަށް ވައްޓާ ބަނޑަށް ފައިން އަރާ އަނިޔާ ވެސް ކުރަމުން ދިޔަ އެވެ. ހަބީބު ބުނިގޮތުގައި އޭނާއަށް ވެސް ޕްރެޝަރު ކުރަމުން އޭނާ އަތުން ވެސް ލާރި ހޯދުމަށެވެ. 

ލާރި ދޭން ހަބީބު އިންކާރު ކުރުމުން ހަބީބަށް ވެސް ވަރަށް އަނިޔާ ކުރި ކަމަށް އޭނާ ބުންޏެވެ. އެވޭނަށް ކެތް ނުވެގެން ހަބީބު ހަލީމު ދޫކޮށް އެގެއިން ނުކުމެގެން ދިޔަ އެވެ. ރައްޓެހި ބަޔަކާ އެކު ދުރުގައި އެހެން ގެއެއްގައި ހުއްޓަސް ހަލީމްގެ ހާލު ބަލަމުން ހަބީބު ދިޔަ ކަމަށް އޭނާ ބުންޏެވެ. ހަލީމުގެ ދަރިފުޅު ފަތުހީގެ ފަރާތުން ލިބެމުންދިޔަ އަނިޔާގެ އެއްވެސް ވާހަކައެއް މީހަކަށް ހަބީބު ނާންގަ އެވެ.

ހެނދުނު ގަޑިއަކީ ފަތުހީ ނިދާ ގަޑި އަށްވުމުން ހަބީބު އެ ގަޑީއަށް އެގެއަށް ދެ އެވެ. ހަލީމްއަށް އެހީތެރިވުމަށެވެ. ނަމަވެސް އެއީ ވަރަށް ވަގަށް ކުރި ކަމަކެވެ. 

ހަބީބު ބުނީ އެއް ދުވަހު އެގެއަށް ދިޔައީ އޭނާގެ ރައްޓެހި އަމްގުރަން ކިޔާ ބޭރު މީހަކާ އެކު ކަމަށާއި ހަލީމްގެ ކޮޓަރި އާ ކައިރިވަމުން ދިޔައިރު، އޭނާގެ ހަޅޭކުގެ އަޑު އިވެމުން ދިޔަ ކަމަށެވެ. ކޮޓަރީގެ ބޭރުގަ ހުރި ކުޑަ ބާ ގަނޑަކުން އަމްގްރަން އާއި ހަބީބު ކޮޓަރި ތެރެ ބަލަމުންދިޔަ ކަމަށް އޭނާ ބުންްޏެވެ.

ފެންނަމުން ދިޔައީ ގަބޫލުކުރަން ދަތި ހިތްދަތި ހިތްދަތި މަންޒަރުތަކެއް ކަމަށާއި އެއްފަޅި ވާގި ނެތިފައި އޮތް ހަލީމަށް ފަތުހީ އަނިޔާ ކުރަމުން ބިންމައްޗަށް ވައްޓާ ދަގަނޑު ބުރިއަކުން ތަޅަމުން ކޮޅުފައިން ކޮށްޕަމުން ހަލީމުގެ ދަށްބަޑުގައި ޖެހުނު ބޮޑީގައި ހަލީމުެ ހޭވެރިކަން ނެތުނެވެ. ހޭ ނެތުނުކަން ހަބީބަށް އެނގުނީ ދަށްބަޑުގައި ޖެހިފަހުން އެއްވެސް ހަރަކާތެއް ހަލީމުގެ ފަރާތުން ނުފެނުމުން ކަމަށް އޭނާ ބުންޏެވެ.

"ހަލީމް ސަލާމަތް ކުރަން ކުރާނެ އެއްކަމެއް ވެސް ނޭނގިފައި ހުރެވުނު. އަމިއްލަ ދަރިއަކު އޭނާގެ ބައްޕަ އަށް އެހީތެރި ވެދެން ވީ ވަގުތު އޭނާގެ ބައްޕަ އަށް ދެމުން ދިޔައީ ލާ އިންސާނީ އަަނިޔާތަކެއް. އެއީ ހިތެއް ނެތް މީހަކު ވެސް ހިތްކުދި ކުދިވާ ވަރުގެ އަނިޔާތަކެއް،" މީގެ 13 އަހަރު ކުރީގެ ވާހަކަތައް ހަބީބު ސީއެންއެމްއަށް ކިޔައިދެމުން ބުންޏެ އެވެ.

ހަލީމް މިއަދު ދުނިޔޭގައި ވެސް ނެތެވެ. އެހެން ނަމަވެސް ހަލީމުއަށް ދިން އަނިޔާ އާއި ޖެއްސި ހާލު ހަބީބަށް އިއްޔެ ހިނގި ކަމެއްގެ ގޮތުގައި އޭނާގެ ހަނދާނުގައި އެ ކަންކަން އެބަ ހުއްޓެވެ. އެ ހަނދާންތައް އަންނަ ވަގުތުތަކުގައި މިހާރު ވެސް ހަބީބަށް ރޮވޭ ކަމަށް އޭނާ ބުންޏެވެ.

އޭރު މިވާހަކަ ނުދެއްކީ ފަތުހީގެ ފަރާތުން ހަބީބަށް ދީފާނެ ގެއްލުން ހިތައް އަރާފަ ކަމަށާއި އެހެންވެ ހަލީމަށް އޭނާގެ ދަރިފުޅު ކުރި އަނިޔާ އާއި ޖެއްސި ތުރާގެ ވާހަކަ ބޮޑު ސިއްރެއްގެ ގޮތުގައި ހިތުގައި ބާއްވައިގެން އުޅެން ހަދައިގެން ބައެއް ރޭރޭ ނިދަން އުނދަގޫވި ކަމަށް ހަބީބު ބުންޏެވެ. 

"މިހާރު ހިތައް އަރާ އެ ބޭބެ ސަލާމްތް ކުރަން އެވާހަކަ ކޮންމެ ވެސް މީހަކު ކައިރީގައި ދެއްކުނު ނަމަޔޭ. އެކަމު މިހާރު ދެން ކުރާނެ ކަމެއް ނެތް. ހަލީލު ވެސް މިހާރުވަނީ އެ ވޭނުގައި މަރުވެފައި،" ހަބީބު ރޮމުން ކިޔައިދިނެވެ.

އެޑިޓަރުގެ ނޯޓް:

މި އާޓިކަލްގައި މިވަނީ ރަށެއްގައި ހިނގި ހަގީގީ ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ ވާހަކަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި ބޭނުންކޮށްފައިވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ.

11%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
72%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް