ads
މިއަދު ފެހެންދޫ ސެޓެލައިޓް ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ތަކުގެތެރެއިން ފޮޓޯ ފެހެންދޫ ކައުންސިލް
ފެހެންދޫ ސްކޫލް: ބިޔަ ރާޅުތަކާ ދެކޮޅަށް ކުރި ހަނގުރާމަ ނިމި ތައުލީމީ ހިޔާވައްސަކަށް!
"އެންމެ ދަތި ކަމަކަށް އެރަށަށް ދިމާވެފައިވާ ކަމަކީ ތައުލީމު ދިނުމަށްޓަކައި ކަނޑު ހުރަސްކޮށް ތުއްތު ކުދީން ގެންދަން ޖެހޭތީ ކަމަށް ބ ފެހެންދޫ ކައުންސިލުން ބުނެއެވެ." މިއީ މިއަހަރުގެ ކިޔެވުން ފެށެންދެންވެސް އެރަށުމީހުން ދެއްކި ވާހަކައެވެ. އެހެންނަމަވެސް އިއްޔެގެ ކިޔެވުން ފެށުމާއެކު މަންޒަރުވަނީ ބަދަލު ވެފައެވެ.

ވޭތުވެދިޔަ ހުރިހާ ދުވަހަކު ނެގި ރާޅުތައް މަޑުވެ، މުޅި ކަނޑު އޮމާންވެލައިފި ކަހަލައެވެ. ރޯޅި ބަދަލުވެ، ބިރުވެރިކަމެއްނެތް، ސްކޫލުގެ މާހައުލަށް ދަރިވަރުން ނޭވާ ލާން ފަށައިފިއެވެ. ފުން ކަނޑަކަށް ވެއްޓިދާނެކަމުގެ ބިރެއް ބެލެނިވެރިންގެވެސް ނެތެވެ. 

"ވަރަށް އުފާވެފައި އެންމެންވެސް ތިބީ . ދަރިވަރުން ނުވަތަ ބެލެނިވެރިން އެކަންޏެއްނޫން . ރަށުގެ އެންމެންވެސް ވަރަށް އުފާވެފައި ތިބީ . އެންމެނަށް އައި އީދެއް ކަހަލަ ކަމެއް މީ" ބ ފެހެންދޫ ކައުންސިލް މެންބަރު އައިޝަތު ވަސީމާ ވިދާޅުވިއެވެ. 

ކުރިން ފެހެންދޫ ސްކޫލް ދަރިވަރުން ގޮވައިގެން މާކަނޑު ހުރަސްކޮށް ބެލެނިވެރިން ދަނީ ބ ގޮއިދޫ ސްކޫލަށެވެ.  ވިއްސާރަ ދުވަސްވަރު ބެލެނިވެރީން އެމީހުންގެ ދަރީން އެކަނި ކަނޑުމައްޗަށް ދޫކޮށްނުލައި އަމިއްލައަށް އެކުދީންނާއެކު ދަތުރު ކުރެއެވެ. އަދި ބައެއްކުދީންނަށް ދަތުރު ކުރަން އުނދަގޫ ވެގެން ކްލާސްތަކަށް ބައެއްދުވަސްދުވަހު ނުވެސް ދެއެވެ.

your imageފެހެންދޫ ސްކޫލު ދަރިވަރެއް ކްލާހުގައި ފޮޓޯ ފެހެންދޫ ކައުންސިލް

ދަރުރު ކުރުމަށް މިދިޔައަހރު މެދަކާ ހަމައަށް ބޭނުންކުރަމުންއައީ އާދައިގެ ލޯންޗެކެވެ. ނަމަވެސް ފަހުން އެދެމެދުގައި ދަތުރު ކުރަމުންއައީ އިންޑިއާ ސަރުކާރުން ދީފައިވާ، އެޑިއުކޭޝަން މިނިސްޓްރީގެ ގެ ލޯންޗެއްގައެވެ. ކައުންސިލުން ބުނީ އިތުރު ހަރަކާތްތައް އޮންނަ ދުވަސް ދުވަހު ގޮއިދޫގައި ތިބެން ޖެހުމާއި ތުއްތު ކުދީންތަކެއް ގޮވައިގެން ގޮސް އެހެން ރަށެއްގައި އުޅެން ޖެހުމުގެ ސަބަބުން ވަރަށް ގިނަބަޔަކަށް އެކަން އޭރު ތަކްލީފަކަށް ވެފައިވާ ކަމަށެވެ. 

އާންމުކޮށް ގެސްޓްހައުސް ވިޔަފާރިއާއި، ފަރުމަހުގެ މަސްވެރިކަން ކުރާ އެރަށުގައި ތިން ގެސްޓްހައުސް ހުރެއެވެ. 100 އެއްހާ މީހުން އުޅޭ އެރަށުގެ މާހައުލަކީ އަމާން މާހައުލެއް ކަމަށާއި ހަމައެކަނި އޮތް މައްސަލައަކީ ދަރިވަރުން ގޮވައިގެން ދަތުރު ކުރަން ޖެހުން ކަމަށްވެސް ކައުންސިލުން ކުރިން އައީ ބުނަމުންނެވެ. 

your imageސެޓެލައިޓް ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތު ފޮޓޯ ފެހެންދޫ ކައުންސިލް

އެހެންނަމަވެސް މިއަދު އިފްތިތާހް ކުރެވިގެންދިޔަ ސެޓެލައިޓް ސްކޫލް ޕްރޮގްރާމާއެކު އެކަމަށް މިހާރު ވަނީ ހައްލު އައިސްފައެވެ. މިއަދު ހުޅުވުނު އެސްކޫލުގައި ޖުމްލަ 27 ދަރުވަރުން ކިޔަވަމުންގެންދެއެވެ. އެހެން ކަމުން ދަރިވަރުންނާއި ބެލެނިވެރިންނަށް ވަނީ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ. ކަނޑުގެ ލޮނުން ތެމުނު ތެމުމާއި، ހޭދަކުރަން ޖެހުނު ވަގުތުތައް މިހާރު ވަނީ ސަލާމަތް ކުރެވިފައެވެ. 

ސެޓެލައިޓް ސްކޫލް ޕްރޮގްރާމަކީ އެކި ސަރަހައްދު ތަކުގގައި އުޅޭ އެއްގްރޭޑެއްގެ ދަރިވަރުންނަށް އެއްކްލާހެއްގައި، އޮންލައިންކޮށް ތައުލީމު ދިނުމަށް ދުނިޔޭގައި ބޭނުން ކުރާ ނިޒާމެކެވެ. ރާއްޖޭގައި ފެށި މިސްކޫލުގެ "ކުޑަ"އިގެ ދަށަށް ގެނެސްފައިވަނީ ބ ފެހެންދޫ ސްކޫލާއި، ވ ރަކީދޫ ސްކޫލުގެ އިތުރުން ވ ތިނަދޫ ސްކޫލެވެ. ބަ ފެހެންދޫ ސްކޫލުގައި 27 ދަރިވަރުން ކިޔަވަމުންދާއިރު ވަ ތިނަދޫގައި 6 ދަރިވަރުން އަދި ވ ރަކީދޫ ސްކޫލުގައި 1 ދަރިވަރުން ކިޔަވާނެއެވެ. މި ދަރިވަރުންނަށް ކިޔަވައިދޭނެ މައި މަރުކަޒަކީ ހުރަވީ ސްކޫލެވެ. ހުރަވީ ސްކޫލުގެ ދަރިވަރުން ކިޔަވައިދޭއިރު ރަށްރަށުގެ ސްކޫލްތަކުގައިވެސް ދަރިވަރުންނަށް އިތުރަށް އޮޅުން ފިލުވައިދިނުމަށް ޓީޗަރުން ހަރަކާތްތެރިވާނެއެވެ. 

your imageފެހެންދޫ ސްކޫލު ދަރިވަރުން ފޮޓޯ ފެހެންދޫ ކައުންސިލް

މި ތިން ރަށުގެ ސްކޫލްތަކުގައިވެސް ކިޔެވުން ހުއްޓަލާފައި ވަނީ އާބާދީ މަދުވުމުގެ ސަބަބުންނެވެ. ކޮންމެ ސްކޫލެއްގައިވެސް ކިޔެވުން ހުއްޓާލާފައިވާތާ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ވެދާނެއެވެ. ބ ފެހެންދޫގައި މިހާރު ދިރިއުޅެނީ ގާތްގަނޑަކަށް 100އެއްހާ މީހުންނެވެ. ވ ރަކީދޫއާއި ތިނަދޫގައި އުޅެނީ 70 އްހާ މީހުންނެވެ. 

މިތިންސްކޫލު އިމާރާތްކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ މެދުތެރޭ ފަށާފައިވާއިރު ނިމިފައިވަނީ ބ ފެހެންދޫ ސްކޫލާއި ވ ތިނަދޫ ސްކޫލުގެ މަސއްކަތެވެ. ރަކީދޫ ސްކޫލުގެ މަސައްކަތް ނުނިމޭތީ ކިޔަވައިދޭން ފަށާފައިވަނީ އެރަށު ޔޫތު ސެންޓަރުގެ އިމާރާތުގައެވެ. 

ތިންރަށުގެ ބެލެނިވެރިންނާއި ދަރިވަރުން ހިތްހަމަ ޖެހިފައިތިބިއިރު އެންމެބޮޑު އުފާވެރިކަމެއް ލިބެނީ ފެހެންދޫ ބެލެނިވެރިންނާއި އެރަށުގެ ރައްޔިތުންނަށެވެ. އެތައްދުވަހެއްގެ ކަނޑުމަތީ ދަތުރުތަކަށް ނިމުން އައީތީއެވެ. މަސްވެރިން ފަތިހު މަހަށް ނުކުންނަފަދައިއިން އެރަށު ސްކޫލުގެ ދަރިވަރުން ކިޔެވުމަށް ކޮންމެ ދުވަހަކު ކަނޑަށް ނުކުންނަ ނުކުތުމަށް ނިމުމެއް އައީމައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް