އޭނާ ރާއްޖެއަށް މިތަކެތި އެތެރެކުރި ކަމަށް ތުހުމަތުކޮށްފައިވަނީ، 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާ ރާއްޖެ އާއިރު ގެނައި ފޮށިގަނޑެއްގެ ތެރެއިން ފަސް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުމުންނެވެ. އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުރީ މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން އެމައްސަލާގައި އިއްވި ހުކުމުގައި ވާގޮތުން، އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން ބިދޭސީ މީހާއަށް އެނގޭ ކަމުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައެއް ނުވެއެވެ. އަދި އެއީ އެހެން މީހަކާ ހަވާލުކުރަން މީހަކު ދިން ފޮށިގަނޑެއް ކަމަށް އެ މީހާ ބުނާއިރު، އެކަމުގެ ތެރެއިން ކުރި ތަހުގީގުން އެހެން މީހަކު ހައްޔަރުކޮށްފައިވާ ކަން ކޯޓުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ ތަހުގީގުން ހައްޔަރުކުރި މީހާގެ ބަސްވެސް ކޯޓަށް ދައުލަތުން ހުށަހަޅާފައި ނުވާއިރު، ދައުލަތުން ކުރާ ދައުވާތައް ސާބިތުކޮށްދިނުމަށް އިތުރު މަސައްކަތެއްވެސް ކޮށްފައި ނުވާކަމަށް އެ ހުުކުމުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު މީހެއްގެ ބެލުމުގެ ދަށުން މަސްތުވާ އެއްޗެއް ފެނިއްޖެނަމަ އެ ފެނުނު ފެނުމުގެ މައްޗަށް ބިނާކޮށް ކުށް ސާބިތެއް ނުކުރެވޭނެކަމަށް ބުނެ ކޯޓުން މިފަހަރުވެސް ނިންމާފައިވަނީ އޭނާގެ މައްޗަށްވެސް ކުށް ސާބިތުނުވާ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުކޮށް ދައުވާ އުފުލި އިތުރު ބަގްލަދޭޝް ރައްޔިތަކު ކޯޓުން ދޫކޮށްލިއިރު، މިމަހުގެ ނުވަވަނަ ދުވަހުވެސް ވަނީ މިފަދަ މައްސަލައެއްގައި ދައުލަތުން ދައުވާ އުފުލި މީހަކު ސަލާމަތްވެފައެވެ.
އެފަހަރުވެސް ކޯޓުން ބުނެފައިވަނީ އޭނާ އެކަމަށް އެއްބަސްވެފައިނުވާއިރު، ހަމައެކަނި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިގެން އޭނާގެ މައްޗަށް ހުކުމެއް ނުކުރެވޭނެ ކަމަށެވެ. އެފަހަރުވެސް ކޯޓުން ރިއާޔަތްކުރީ، މީހެއްގެ ބެލުމުގެ ދަށުން މަސްތުވާ އެއްޗެއް ފެނިއްޖެނަމަ އެ ފެނުނު ފެނުމުގެ މައްޗަށް ބިނާކޮށް ކުށް ސާބިތެއް ނުކުރެވޭނެކަމަށް ބުނެ، މީގެ ކުރިން ސްޕްރީމް ކޯޓުން ނިންމާފައި ނިންމުންތަކުގެ މައްޗަށެެވެ.
އެފަހަރުވެސް ކޯޓުން ދޫކޮށްލީ ރާއްޖެއަށް 1.7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ދައުވާކުރި ބަގްލަދޭޝްގެ ރައްޔިތެކެވެ.
އޭނާ ރާއްޖެއަށް މިތަކެތި އެތެރެކުރި ކަމަށް ތުހުމަތުކޮށްފައިވަނީ، 2018 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު ރާއްޖެ އާއިރު، ދަބަސް ތެރޭގައި އޮތް ދެ ބެޑްޝީޓެއްގެ ތެރެއިން 1.7 ކިލޯގެ މަސްތުވާތަކެތި ފެނުމުންނެވެ. އެދަބަހުން ފެނުނީ ކެނަބިސްކަން ޔަގީންކުރުމަށްފަހު އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލީ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާ އެވެ.
ނަމަވެސް އެ މައްސަލާގައި ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެ ދަބަހުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށާއި އެ ދަބަހަކީ މީހަކާ ހަވާލުކުރަން އެހެން މީހަކު ދިން ދަބަހެއް ކަމަށް އޭނާ ބުނާކަމަށެވެ. އަދި އެދަބަސް އޭނާ ހުޅުވާފައިވެސް ނުވާނެކަަމަށް އޭނާ ބުނާއިރު، ފުލުހުން އޭނާގެ އެބުނުން ދޮގުކުރުމަށް ބަލަންޖެހޭ ބެލުންތައް ބަލާފައި ނުވާ ކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ.