ads
އިޒްޔާން———ފޮޓޯ:އާއިލާ
4 މަހުގެ އިޒްއާންއަށް ކޮވިޑް ޖެހި ފަރުވާއަށް އާދެވޭނެ ގޮތެއްނެތިފައި!
ދެ ކިޑްނީ އެއްފަޅީގައި ހުރެ އުދަނގޫ ތަކެއް ތަހައްމަލް ކުރަމުންދާ ހަތަރުމަހުގެ އިޒްއާން ކޮވިޑަށް ޕޮޒިޓިވްވެ، ޓެސްޓް ހަނދަން މާލެ އާދެވޭނެ ގޮތެއްނެތިފައި މުލީގައި ތާށިވެފައި ވާކަމަށް ކުއްޖާގެ ބައްޕަ ބުނެފިއެވެ.
Advertisement

ކުއްޖާގެ ބައްޕަ ހުސެން ހަލީމް "ސީއެންއެމް" އަށް ވިދާޅުވީ މީގެ ހަފްތާއެއް ކުރިން ޗުއްޓީ އަށް ކުއްޖާ ގޮވައިގެން ކުއްޖާގެ މަންމަ މުލީއަށް ދިޔައީ ކަމަށާއި، އޭގެ ފަހުން ރަށު ސިއްހީ މަރުކަޒުން ސާމްޕަލް ނެގުމަށްފަހު، ހަތަރުދުވަސް ވެގެން ދިޔައިރު، ނަތީޖާ ނުލިބިގެން އެޗްޕީއަށް ގުޅާ އެތައް މަސައްކަތެއް ކުރި ފަހުން ސާމްޕަލްގެ ނަތީޖާ، ލިބުނީ ރޭގަ ވަގުތެއްގަ ކަމަށެވެ.

ނަތީޖާއިން ކުއްޖާ ޕޮޒިޓިވްވެފައިވާތީ ކުއްޖާއާއި މަންމަ ހުރީ ކަރަންޓީގައެވެ. ނަމަވެސް މާދަމާ އަކީ ކުއްޖާ ހަނދަން ޖެހޭ ޔޫރިން ޓެސްޓް ހަނދަން ޖެހޭ ދުވަސް ކަމަށްވުމުން އަމިއްލަ ހަރަދުގައި ނަމަވެސް ކުއްޖާ މާލެ ފޮނުވަން ކުއްޖާގެ ބައްޕަ މުލީ ހޮސްޕިޓަލުގައި އެދިފައިވެއެވެ. ނަމަވެސް ކުއްޖާ މާލެ ފޮނުވަން ޖެހޭ ހާ ސީރިއަސް ނޫންކަމަށް ބުނެ ހޮސްޕިޓަލުން ކުއްޖާ މާލެ ފޮނުވާލުމަށް އިއުތިރާޒް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން މުލީ ހޮސްޕިޓަލުގެ ފަރާތުން ސީއެންއެމްއާއި ވާހަކަދެއްކެވި ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު ސާދަތު ޔޫސުފް ވިދާޅުވީ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އެގެއަށް ގޮސް ކުއްޖާ ބެލި ކަމަށާއި، ހުރިހާ ޑޮކިއުމެންޓްތަކެއް ބަލާ، އެ ކަމާއި ގުޅޭ ފަރާތްތަކަށް ޑޮކްޓަރު ގުޅުމުން އެ ކުއްޖާ އަކީ އެއްވެސް ވަރަކަށް ރިލީފް ދެވެން ޖެހޭނެ ކުއްޖެއް ނޫން ކަމަށް ޑޮކްޓަރު ބުނެ ފައިވާކަމަށެވެ. އަދި އެއީ ހޯމް ކަރަންޓީނުގައި މިވަގުތު ހުންނެވި ފަރާތެއް ކަމަށްވެސް ސާދަތު ވިދާޅުވިއެވެ.

އިޒްއާންގެ ބަލީގެ ހާލަތު ހުރި ގޮތުން "ސީއެންއެމް" އިން ވާނީ މީގެ ކުރިންވެސް އެހީގެ ސެގްމެންޓްގެ ދަށުން ކުއްޖާގެ ވާހަކަ ގެނެސްދީފައެވެ.

އުމުރުން އެންމެ ހަތަރު މަހުގެ އިޒްއާން ބިން ހުސެއިން ހަލީމަކީ ދެ ކިޑްނީ އެއްފަޅީގައި އުފެދިފައިވާތީ އެކަމަށް މުހިންމު ޓްރީޓްމެންޓްތަކެއް ނަގަންޖެހޭ ކުއްޖެކެވެ.

އިޒްއާން ދެ ކިޑްނީ އުފެދިފައިވަނީ ކަނާއަތް ފަޅީގައެވެ. އޭގެ ސަބަބުން ޔޫރިން އިންފެކްޓްވެ ބުލެޑާ ފުލްވާކަމަށް އިޒްޔާންގެ ބައްޕަ ބުނެއެވެ. ކިޑްނީގެ ކުޑަކުދިންގެ ޑޮކްޓަރެއް ރާއްޖޭގެ ނުހުންނާތީ ޑޮކްޓަރުން ލަފާދެނީ ބޭރަށް ދިއުމަށެވެ. 

ކޮންމެ ހަފްތާއަކު ދަރިފުޅުގެ ޔޫރިން ޓެސްޓް ހަދަމުން ބަނޑުގެ ސްކޭން ކޮންމެ މަހަކު ހަދަމުން ދަނީ ޓްރީޓޮޕުންނެވެ. 

ސީއެންއެމްއިން އިޒްއާންގެ ވާހަކަ ގެނެސްދީފައިވާނީ އާއިލާގެ މާލީ ހާލަތު ދަށްކަމުން އިޒްއާންގެ ފަރުވާއަށް މާލީ އެހީ ބޭނުންވާތީއެވެ. ހަތަރު މަހުގެ ތުއްތު އިޒްއާން މިހާރު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ކުއްޖާގެ ފަރުވާއަށް 50،000 ރުފިޔާ އާއިލާއަށް މިހާރު ވަނީ ލިބިފައެވެ. އަދި އަންނަ މަހު 15 ގައި އިންޑިއާއަށް ފުރަން އާއިލާއިން ދިޔައީ ތައްޔާރުވަމުންނެވެ. 

8%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
84%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް