ads
ހުކުރު މިސްކިތް ރީތި ކުރުމުގެ ކުރިން އަދި ފަހުން---ފޮޓޯ:ސްޓެލްކޯ
ހުކުރު މިސްކިތުގެ މުންނާރު ނަލަކޮށްލައިފި!
މާލޭގައި ހުރި އެންމެ ތާރީހީ އެއް މިސްކިތް ކަމަށްވާ ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވައި ނަލަކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މިދިޔަ އަހަރު ފަހުކޮޅު ހުކުރު މިސްކިތުގެ މުންނާރު ވަރަށް ބޮޑަށް ފެހި ޖަހައި، ބާވެފައި ހުރި ތަން ވަނީ ފެނިފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވިއިރު އެ މަސައްކަތް ނުފެށި ލަސްވެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކޮށްދޭ ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.

"އުވަ އަކީ އިމާރާތެއްގައި އެ ލުމަށްފަހު، އަވި ލިބިގެން މެނުވީ ހިކޭ އެއްޗެއް ނޫނެވެ. އަދި މުންނާރު ވަރުގެ އިމާރާތެއްގައި އުވަލައި، އާބާތުރަފިލުވުމުވަށްޓަކާ އިމާރާތުގައި ތެއްކަމެއްނެތި އެތަނުގައި ޖަހާ އުވަ ފުރިހަމައަށް ހިކުމަށްޓަކާ ވަގުތު ބޭނުންވެއެވެ." އެ މަރުކަޒުން ނެރުނު ބަޔާނެއްގައި ވެއެވެ.

މުންނާރަކީ އަސާރީ ތަރިކައެއް ކަމުން، އެ އިމާރާތުގައި ބޭރުން ތަކެތި ވިއްދުމާއި އެފަދަ އެހެން ކަންކަން ކުރުމަކީ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށްވާއިރު، އެއީ އެ މަރުކަޒުން އެފަދަ މަސައްކަތް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. 

މޫސުން ރަނގަޅުވުމާއެކު މުންނާރު އާބާތުރަ ފިލުވުމުގެ މަސައްކަތް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ސްޓެލްކޯގެ މުވައްޒަފުންނާ ހަވާލުކުރިއެވެ. 

އިއްޔެ އެމަސައްކަތް ނިމިފައިވާއިރު މުންނާރުގައި ވަނީ އުވަ އާއި ކުލަ ލާ ރީތިކޮށްލާފައެވެ. މާލޭ ހުކުރު މިސްކިތުގެ ހަތަރު ހިރިގާ ވަޅާއި މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ނިމުމާއި ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ އެ މަސައްކަތުގައި ބައިވެރިވި ސްޓެލްކޯގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ އެކުންފުންޏާ ހަވާލުކުރެވިފައިވާ މި މަސައްކަތް ކުރިޔަށް އޮތްތާގަވެސް މިގޮތުގައި ކުރިޔަށް ގެންގޮސް މުންނާރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މާލެ ހުކުރު މިސްކިތު މުންނާރަކީ 300 އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ގައުމީ ތަރިކަ އެކެވެ.

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް