ads
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ކޮރޯނާ ވައިރަސްގެ ފިޔަވަޅުތައް ވަރުގަދަކުރަން ރައީސް އެދިވަޑައިގެންފި
ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިކަމަށް އެދިވަޑައިގެންނެވީ ކޮރޯނާ ވައިރަސްއާ ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމުގެ ގޮތުން ކަމާ ގުޅާ އިދާރާތަކުގެ އިސް ބޭފުޅުންނާ ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ޚާއްސާ ޓާސްކްފޯސްގެ މަސައްކަތްތަކާއި، މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ. އަދި މިވައިރަހުން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައި، މިކަމާ ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމަށް ވެސް ރައީސް ވަނީ މުއައްސަސާތަކުގެ އިސް ބޭފުޅުންގެ އަރިހުގައި އެދިވަޑައިގެންފަ އެވެ. 

މީގެއިތުރުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ސާފުކުރައްވާ، މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތުގައި އަމަލުކުރާނެ ގޮތްތަކާއި ބެހޭ މައުލޫމާތު ރައީސް ވަނީ އޮޅުންފިލުއްވާފަ އެވެ. އަދި މި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ފެނިފައިވާ ޗައިނާގެ ވޫހާން ޕްރޮވިންސުގައި މިވަގުތު ދިރިއުޅެމުންދާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާ ބެހޭ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް އޮޅުންފިލުއްވާފަ އެވެ. 

މި ބައްދަލުކުރެއްވުމުގައި ކަމާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރީންނާއި، ސިއްހީ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. 

މީގެތެރޭގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮފިޝަލުން ހިމެނި ވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް