ads
ތުރުކީވިލާތުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރެއްވުން
ހައްދުފަހަނަ އަޅާ ދިޔުން ހުއްޓުވަން ތުރުކީއާއިއެކުވެސް މަަޝްވަރާކޮށްފި
ހައްދުފަހަނަ އަޅާ ދިޔުން ހުއްޓުވަން ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު މެވްލުތު ޝަވުޝުގްލު އާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވައިފި އެވެ.
Advertisement

ތުރުކީ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ރައީސް ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ  ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ‌‏ބަދަހި ކުރެއްވުމަށް ދެ ޤައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. 

އެގޮތުން، ދެޤައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރުމާއި، ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ފަތުރުވެރިކަން ވަރުގަދަކުރުމާއި، މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، ޢުމްރާނީ ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. 

މީގެ އިތުރުން ވެސް ނިރުބަވެރިކަން ހުއްޓުވުމަށް މަސައްކަތްކުރުމާއި، އަނިޔާވެރިކަމާއި، ހައްދުފަހަނަ އަޅާ ދިޔުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. 

އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ ޢިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާއަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން، މި މަސައްކަތް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ސައުދީ އަރަބިއްޔާ އާ އެކުވެސް މިމަސް ތެރޭ ވަނީ މަޝްވަރާ ކޮށްފިއެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ އިސްލާމިކް މިލިޓަރީ ކައުންޓަ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)ގެ ސެކްރެޓަރީ ޖެނެރަލް، މޭޖަ ޖެނެރަލް މުޙައްމަދު ބިން ސަޢީދު އަލްމޮޣައިދީ ރާއްޖެއަށް ކުރައްވި ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި، ޓެރަރިޒަމްގެ ނުރައްކަލާއި، ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކާތަކުން ސަލާމަތްވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި އެފަހަރު މަޝްވަރާކުރެއްވިއެވެ.   

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިދިޔަ އަހަރު އެއީ ރާއްޖެ އާއި ތުރުކީވިލާތާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 42 އަހަރު ފުރުނު އަހަރުކަމަށާއި، ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުފުޅުން އެ ޤައުމުގެ ސަރުކާރުން ރާއްޖޭއާ ތުރުކީވިލާތާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ދެއްވާ މުހިންމުކަން ރަމްޒުކޮށްދޭކަމަށެވެ.

ރައީސް ސޯލިހް ވަނީ ރާއްޖޭގެ ކޮވިޑް ދިފާއު ވެކްސިން ކެމްޕެއިނަށް ތުރުކީވިލާތުގެ ސަރުކާރުން ހަދިޔާކޮށްފައިވާ 20،000 ޑޯޒުގެ ސިނޮވެކް ވެކްސިން ޝިޕްމަންޓް ހަދިޔާ ކުރެއްވިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ވެސް ތުރުކީވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިއަދުގެ ވަގުތެއްގައި ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ސޮއި ކުރި ފަސް އެއްބަސްވުމަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި، ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު ވަނީ ދެ ޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އަދި ދެޤައުމަށް ވެސް ލާބައާއި މަންފާ ލިބޭ ކަންކަމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ގުޅިގެން އެކުގައި މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފައެވެ. 

ދިވެހިރާއްޖެއާއި ތުރުކީވިލާތުން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 28 މެއި 1979 ގައެވެ. މިއީ ދިވެހިރާއްޖެއާއި ތުރުކީއާއި ސިޔާސީ ގުޅުން ގާއިމުކުރިފަހުން މިވީ 42 އަހަރުގެ ތެރޭގައި ރާއްޖޭގެ ފޮރިން މިނިސްޓަރެއް ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. 

މި ދަތުރުފުޅުގައި ތުރުކީގެ ފޮރިން މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ވެސް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް