ads
އިންޑިއާގެ ނަރުހުންތަކެއް
ބަޑިޖަހާ ނަރުސް މީހާ މަރާލީ އައިސީޔޫ ތެރޭ!
އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ހިންދު ޑިސްޓްރިކްޓް ހޮސްޕިޓަލުގެ އައިސީޔޫ ތެރޭ އުމުރުން 26 އަހަރުގެ އަންހެން ނަރުހެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

ނަރުހުގެ ގަޔަށް ބަޑިޖަހާ މަރާލީ ހޮސްޕިޓަލުގައި މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

އަދި މީގެ ކުރިންވެސް އޭނާގެ ފަރާތުން އެ އަންހެން މީހާއަށް އެތައް އުދަނގޫތަކެއް ކުރިމަތި ވެފައި ވާކަމަށްވެސް ހޮސްޕިޓަލުގެ ނަރުހުންނާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ.  

މި ހާދިސާ ހިނގުމާއެކު ހޮސްޕިޓަލުގެ ނާސިން ސްޓާފުން ވަނީ މަސައްކަތް ކުރުން ހުއްޓާލާ، އެތަނުގެ ތެރޭ ނަރުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވާނެ ގޮތަށް ކަންކަން ބެލެހެއްޓުމަށް ގޮވާލާފައެވެ. 

"ބުރާސްފަތި ދުވަހުގެ ރޭ އައިސީޔޫގައި ކަންޓްރީ މޭޑް ފިސްތޯލައެއް ބޭނުންކޮށްގެން ނަރުސް ނޭހާ ޗަންޑެލް ގެ ބޮލުގެ ޕޮއިންޓް ބްލޭންކްގައި ރިތޭޝް ޝަކްޔާ ވަނީ ބަޑިޖަހާ މަރާލާފަ. މި މަންޒަރު އައިސީޔޫ ތެރޭ ހުރި ސީސީޓީވީ ކެމެރާތަކުގައި ވެސް އެބަހުރި. މީގެ ކުރިންވެސް އޭނާގެ އުނދަގޫ ނަރުހަށް ޖެހިގެން މައްސަލަ ވެސް ޖެއްސި. އެކަމު ފުލުހުން އެކަމަށް ސަމާލުކަން ދިންހެން ހިޔެއް ނުވޭ." ނޭހާގެ ބައްޕަ އެގައުމުގެ ނޫސްތަކަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ރިތޭޝް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންދެވިފައެވެ. އަދި މިކަން އޭނާ ކުރީ، ލޯބި ހުށައެޅުމުން އެކަމަށް ނޭހާ އިންކާރު ކުރުމުން ކަމަށް ތަހުގީގުގައި އޭނާ ބުނެފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަން ކުރެވުނީތީ މިހާރު ހިތާމަ ކުރާ ކަމަށާއި، ދެން އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ރިތޭޝް ބުނި ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. 

ރިތޭޝްގެ ފަރާތުން މީގެ ކުރިން ނޭހާ އަށް ފުރައްސާރަ ކުރިމަތިވުމުން އެމައްސަލަ ފުލުހަށް ހުށައެޅުމުން ފުލުހުން އެކަމަށް ސަމާލުކަން ދީފައި ނުވޭތޯ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ވަނީ އެކަމާއި ގުޅިގެން ފަހުން އެއްޗެއް ބުނާނެ ކަމަށް ބުނެ ނޫސްވެރިންގެ ބައްދަލުވުން ކުރު ކޮށްލާފަި ކަމަށްވެސް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

16%
ކަމުގޮސްފި
41%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް